ދިވެހިރާއްޖެ
އިޢުލާނު
ޕްރޮސިކިއުޓަރ ޖެނެރަލްކަމަށްކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 1 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.
ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި، އެ މަގާމަށް ޢައްޔަންކުރާ މީހާގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
(ހ) |
މުސްލިމަކު ކަމުގައިވުން؛ |
(ށ) |
ދިވެހި ރައްޔިތަކު ކަމުގައިވުން؛ |
(ނ) |
އުމުރުން 25 އަހަރު ވެފައިވުން؛ |
(ރ) |
އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ |
(ބ) |
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛ |
(ޅ) |
ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛ |
(ކ) |
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތަޢުލީމާއި ޤާބިލުކަންހުރި މީހަކު ކަމުގައިވުން. މިގޮތުން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި، ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 (ހަތަރެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛ |
(އ) |
ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛ |
(ވ) |
ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ މިނޫންވެސް މިފަދަ ތަނެއްގައި ޙިއްޞާއެއް ނުވަތަ މަޤާމެއް އޮތް މީހަކު ކަމުގައި ނުވުން؛ |
(މ) |
ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން. |
ވީމާ، ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
1. ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމް
2. ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު
3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމް
4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމް
5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)
6. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ)
ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.
_________________________
1 ރަބީޢުލްއާޚިރު 1441