ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫގައި އޮޑިދޯނިފަހަރު ބަނުމަށާއި، އޮޑިދޯނި ފަހަރުގައި ކުރަންޖެހޭ ބޮޑެތި މަރާމާތުތައް ކުރުމަށްޓަކައި ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލް

 

އޮޑިދޯނިފަހަރު ބަނުމަށާއި، އޮޑިދޯނި ފަހަރުގައި ކުރަންޖެހޭ ބޮޑެތި މަރާމާތުތައް ކުރުމަށްޓަކައި ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލް

 

ތަޢާރަފާއި، ނަން

1

 

(ހ)

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާ (ޏ) ދަށުން އެކުލަވައިލައިފައިވާ ޤަވާއިދު ނަމްބަރު 64-އާރު/2019 (22/01/2019)  (ހއ. މޮޅަދޫގައި އޮޑިދޯނިފަހަރު ބަނުމަށާއި އޮޑިދޯނިފަހަރުގައި ކުރަންޖެހޭ ބޮޑެތި މަރާމާތުތައް ކުރުމަށްޓަކައި ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމުގެ ޤަވާއިދުގެ) ދަށުން  ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މަސްވަރާއާއެކު، ކައުންސިލުން އެކުލަވާލާފައިވާ "އޮޑިހަރުގެއާ ބެހޭ ޤަވާޢިދު ނަމްބަރު 64/އާރު  (2019/01/22)" 15 ވަނަ މާއްދާގެ ދަށުން "އޮޑިދޯނިފަހަރު ބަނުމަށާއި، އޮޑިދޯނި ފަހަރުގައި ކުރަންޖެހޭ ބޮޑެތި މަރާމާތުތައް ކުރުމަށްޓަކައި ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ 121 ވަނަ އާއްމު ޖަލްސާއިން 14 ނޮވެމްބަރ 2019 ފާސްކޮށް އެކުލަވާލާފައިވާ އުޞޫލެވެ.

(ށ)

 

މިޢުޞޫލަށް ކިޔާނީ "އޮޑިދޯނިފަހަރު ބަނުމަށާއި، އޮޑިދޯނި ފަހަރުގައި ކުރަންޖެހޭ ބޮޑެތި މަރާމާތުތައް ކުރުމަށްޓަކައި ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލް" އެވެ.

(ނ) 

މި އުޞޫލް އެކުލެވިގެންވަނީ 17 (ސަތާރަ) މާއްދާގެ މައްދާގެ މަށްޗަށެވެ.

މި އުޞޫލަށް ޢަމަލުކުރަން ފެށުން

2

މި ޢުޞޫލަށް ޢަމަލުކުރަން ފަށާނީ، މިޢުޞޫލް ކައުންސިލުން ފާސްކޮށް ޢާއްމު ކުރާ ދުވަހުން ފެށިގެންނެވެ.

އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުން

3

(ހ)

ވިޔަފާރި އުސޫލުން އޮޑިފަހަރު ބަނުން ފިޔަވައި، އޮޑިފަހަރު ބަނުމާއި އޮޑި ފަހަރު މަރާމާތު ކުރުމަށް، އޮޑި ހަރުގެ އެޅުމަށް ރަށުން ބިން ދޫކުރެވޭނީ، އޮޑިހަރުގެ އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދަކުން ހުސްބިން އޮތް ނިސްބަތަކުން އެކަމަށް އެދޭ މީހުންނަށެވެ. މިގޮތުން އޮޑިހަރުގެ އެޅުމަށް ސަރަޙައްދު ކަނޑައަޅާނީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުންނެވެ.

(ށ)

މި މާއްދާގެ (ހ) ގައިވާ އޮޑިހަރުގެ ދިނުމުގައި އިސްކަންދޭންވާނީ އޮޑިހަރުގެ ހޯދުމަށް އެދޭ ފަރާތްތަކުގެ ތަރުތީބުންނެވެ. މިގޮތުން އޮޑިހަރުގެ ހޯދުމަށް ހުށަހަޅާ ފަރާތްތަކާއި އޮޑިހަރުގެ އެޅުމަށް ބިން ދެވިފައިވާ ފަރާތްތަކުގެ ރަޖިސްޓްރީއެއް ކައުންސިލުން ބަލަހައްޓަންވާނެއެވެ.

(ނ)

އޮޑިހަރުގެއަށް ބިން ދޫކުރެވޭނީ އެއޮޑި ހަރުގެއެއް އެޅުމަށް ނަގާ ބިމުގެ ނިސްބަތުން އަކަފޫޓަކަށް -/50 (ފަންސާސް ލާރި) އަށްވުރެ ކުޑަނުވާ ގޮތުގެ މަތިން އަތޮޅު ކައުންސިލްގެ މަޝްވަރާއާއި އެކު މޮޅަދޫ ކައުންސިލުން ކަނޑައަޅާ ކުއްޔަކަށެވެ.

(ރ)

ވިޔަފާރި އުޞޫލުން އޮޑިދޯނިފަހަރު ބަނުމަށް ނުވަތަ ވިޔަފާރި އުޞޫލުން އޮޑިދޯނިފަހަރު މަރާމާތު ކުރުމަށް އަޅާތަނެއްނަމަ، އެފަރާތަކަށް އޮޑި ހަރުގެ އެޅުމަށް ބިންދޫކުރަންވާނީ، ވިޔަފާރި އުސޫލުން އޮޑިހަރުގެ އެޅުމަށް ބިންކަނޑައަޅައި ކުއްޔަށް ދިނުމަށް އިއުލާން ކުރުމުން ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުމަށް އިސްކަންދީގެން ވިޔަފާރި އުސޫލުންނެވެ. މިގޮތުން އިޢުލާން ކުރާއިރު އެންމެ ކުޑަ ކުލި -/55 (ފަންސާސް ފަސްލާރި) އަށްވުރެ ކުޑަވެގެން ނުވާނެއެވެ.

 

 

(ބ)

 

 

މިޢުޞޫލްގެ ދަށުން އެއްވެސް ފަރާތަކަށް ބިމެއް ހަވާލުކުރަންވާނީ ދެފަރާތުގެ މެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް އޮވެގެންނެވެ. އަދި މިފަދައިން އެކުލަވާލެވޭ ކޮންމެ އެއްބަސްވުމަކަށް ކައުންސިލުން ނަންބަރެއްދީ މިއެއްބަސްވުންތަކުގެ ރަޖިސްޓަރީ ލިޔެ ބަލަހައްޓަންވާނެއެވެ.

(ޅ)

 

 

މި އުސޫލުގެ ދަށުން ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ދޫކުރާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިމާ ޙަވާލުވެ އެގުރިމެންޓުގައި ސޮއި ކުރާނަމަ ބިމަށް އެދުނު ފަރާތުގެ ޕަވައޮފްއެޓަރނީ ދިންކަން އަންގައިދޭ ދެ ހެކިންގެ ސޮޔާއެކު ބިމަށް އެދުނު ފަރާތުގެ ސިޓީއެއް އޮންނަން ވާނެއެވެ. އަދި އެސިޓީގައި ހަރުގެވަޅާބެހޭ ޒިންމާތައް އުފުލާނެ ފަރާތް ބަޔާންކޮށްފައި އޮންނަން ވާނެއެވެ. އަދި މިގޮތަށް ދޫކުރެވޭ ބިމެއްގައި ހުއްދަ ދެވުނު އުޅަދު ފިޔަވާ އެހެން އުޅަދެއް ބަދެ، މަރާމާތު ކޮށްގެން ނުވާނެއެވެ.  

 

(ކ)

 

މި އުސޫލުގެ ދަށުން ދޫކުރެވޭނީ ބޮޑުވެގެން 4500 އަކަފޫޓެވެ. މިގޮތުން ބިން ދޫކުރެވޭނީ މަރާމާތުކުރުން ފިޔަވާ އަލަށް އުޅަނދު ބަނުމަށް ބޭނުންވާ ފަރާތުގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ އޮޑީ ނަމްބަރު ދޫކުރިކަމުގެ ލިއުން ކައުންސިލަށް ހުށަހެޅުމުންނެވެ. އަދި އުޅަދެއް މަރާމާތު ކުރާނަމަ، އުޅަދު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުން އުޅަދުގެ ރަޖިސްޓްރީ އާއި އެކު ހުށަހަޅަންވާނެއެވެ.                                                                

އޮޑިހަރުގެ އެޅުމަށް ދޫކުރެވޭ މުއްދަތު

4

(ހ)

އަލަށް އުޅަނދެއް ބަނުމަށް އޮޑިހަރުގެ އެޅުމަށް ބިން ދޫކުރެވޭނީ ގިނަވެގެން 24 (ސައުވީސް) މަސް ދުވަހުގެ މުއްދަތަށެވެ. މިމުއްދަތު ކަނޑައަޅާނީ މަސައްކަތުގެ ބޮޑުކުޑަމިނަށް ބަލައި، ކައުންސިލުންނެވެ. މި މުއްދަތުގެ ތެރޭގައި އުޅަދު ނުނިމޭނަމަ ކައުންސިލަށް ލިޔުމުން ހުށައެޅުމުން، މަސައްކަތް ބެލުމަށްފަހު އިތުރު މުއަދަތު ދެވިދާނެއެވެ.

(ށ)

ވިޔަފާރި އުޞޫލުން އޮޑިދޯނިފަހަރު ބަނުމަށް ނުވަތަ ވިޔަފާރި އުޞޫލުން އޮޑިދޯނިފަހަރު މަރާމާތު ކުރުމަށް އަޅާތަނެއްނަމަ، އެފަރާތަކަށް އޮޑި ހަރުގެ އެޅުމަށް ބިންދޫކުރުމުގައި މުއްދަތު ކަނޑައަޅާނީ ބިމާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތާއި ޚިލާފު ނުވާގޮތުގެ މަތިން ކައުންސިލުންނެވެ. މިގޮތުން ގިނަވެގެން ދެވޭނީ 10 (ދިހަ) އަހަރު ދުވަހެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އޮޑިހަރުގެ އެޅުން

5

(ހ)

ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމެއްގައި އޮޑިހަރުގެ އެޅުމަކީ މަނާކަމެކެވެ. އެފަދަ ޢަމަލެއް ހިންގައިފި މީހަކު ފުރަތަމަ ފަހަރަށް އެކުރިކަމެއް އިޞްލާޙްކުރުމަށް 30 (ތިރީސް) ދުވަސް ދިނުމަށްފަހު، އަދި ދެވަނަފަހަރަށް އެފަދަކަމެއް ތަކުރާރުކޮށްފިނަމަ އެކަމެއްނުކުރުމަށް އެންގުމާއިއެކު ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/500ރ (ފަސްސަތޭކަ ރުފިޔާ) އާއި -/5000ރ (ފަސްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއި އެކު އެހަރުގެ ނެގުމަށް އެންގޭނެއެވެ.

(ށ)

މިމާއްދާގެ (ހ) ގެ ދަށުން އޮޑިހަރުގެ ނަގަން އަންގާ، 3 މަސްދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، އެހަރުގެ ކައުންސިލުން ނަގާ އެކަމަށްދިޔަ ޚަރަދު އެހަރުގެ ދޫކުރެވިފައިވާ  ވެރިފަރާތުގެ އަތުން ހޯދުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

ހަރުގެ އެޅުމަށް ދެވިފައިވާ ބިމުގެ މުއްދަތު ހަމަވުމުން، އަލުން މުއްދަތު އިތުރުކޮށްދިނުން.

6

(ހ)   ވަކި ފަރާތަކަށް އޮޑިހަރުގެ އެޅުމަށް ދެވިފައިވާ ބިމެއް އެފަރާތަށް ދެވަނަ ފަހަރަށް ދޭންވާނީ   ރަށުގައި އޮޑިހަރުގެ އެޅުމަށް        ކަނޑައެޅިފައިވާ ސަރަޙައްދަށް ރިޢާޔަތްކޮށް އޮޑިހަރުގެ އެޅުމަށް އެހެން ފަރާތަކުން އެދިފައި ނުވާނަމައެވެ.

(ށ)  ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރަން ބޭނުންނަމަ، ބިން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސް        ކުރިން މި ކައުންސިލް އަށް ލިއުމަކުން އެކަން އަންގަން ވާނެއެވެ.

(ނ)   މި އުޞޫލުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ބިން ދޫކުރެވޭނީ، ނުކުރެވިހުރި            މަސައްކަތްތަކުގެ ކުޑަ ބޮޑުމިނަށް ބަލާ 1 (އެކެއް) މަސްދުވަހައި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ.

ބިން ވަކިކުރުން

7

(ހ)

އެއްވެސް ފަރާތަކަށް އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިމުގެ އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ނުވަތަ މިޢުޞޫލާ ޚިލާފުވެއްޖެނަމަ، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެފަރާތެއްގެ ކިބައިން ބިން ވަކި ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ)

މިމާއްދާގެ (ހ) ގެ ދަށުން އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިމެއް ވަކިކުރެވިއްޖެނަމަ، އެބިން ސާފުކުރުމަށް ހިނގާ ޚަރަދު އެބިމެއް ނަގާފައިވާ ފަރާތެއްގެ ކިބައިން އަތުލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ކައުންސިލާ ބިން ޙަވާލު ކުރުން

8

(ހ)

މިޢުޞޫލްގެ 5ވަނަ މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ބިންފިޔަވައި އޮޑިހަރުގެ އެޅުމަށް ކުއްޔަށްދެވޭ ތަންތަނުގައި ދާއިމީ ބިނާއެއްކޮށްގެން ނުވާނެއެވެ. އަދި އޮޑިހަރުގެ އެޅުމަށް ދޫކުރެވިފައިވާ ބިން މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ސަބަބަކާހެދި ދޫކޮށްލާނަމަ، އެބިން ޙަވާލު ކުރާންވާނީ ނުވަތަ ދޫކޮށްލަން ވާނީ، އެބިން ޙަވާލުވެފައިވާ ފަރާތުން އެބިމުގައި އަޅާފައިވާ ހަރުގެ ރޫޅައި ބިން ސާފުކުރުމަށްފަހުގައެވެ.

(ށ)

 

 

 

 

 

އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން ކަނޑައެޅިފައިވާ މުއްދަތުގައި މިމާއްދާގެ (ހ) ގައި ބަޔާކޮށްފައިވާ ގޮތަށް ޙަވާލުކޮށްފައި ނުވާނަމަ އެފަރާތެއް -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކޮށް އެހަރުގެ ނެގުމަށާއި ބިންސާފު ކޮށް ޙަވާލު ކުރުމަށް އެންގޭނެއެވެ

(ނ)

މިގޮތުން އެހަރުގެ ނަގަން އަންގާ، 30 ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، އެހަރުގެ ކައުންސިލުން ނަގާ އެކަމަށްދިޔަ ޚަރަދު އެހަރުގޭގެ ވެރިފަރާތުން ހޯދުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

އިތުރަށް ހިނގާ ދުވަސްތަކަށް ޖޫރިމަނާ ކުރުން

9

ކައުންސިލުން އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން، މިޢުޞޫލްގެ 8 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ގޮތަށް ބިން ޙަވާލު ނުކުރާފަރާތްތައް ދެވިފައި މުއްދަތުން އިތުރުވާ ކޮންމެ ދުވަހަކަށް އެބިން ދޫކުރެވިފައިވާ ކުލީގެ %1 (އެކެއް އިންސައްތަ) ނިސްބަތުން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން މުއްދަތު ހަމަވުމަށްފަހު އިތުރަށް ހިނގާ މުއްދަތު 3 (ތިނެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެބިމެއް މިޢުޞޫލްގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތަށް ޢަމަލުކޮށް އެބިން ހުސްކުރުމުގެ ބާރާއި އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

އޮޑިހަރުގެ އެޅުމަށް އެކަމަށް އެދިފައިވާ ފަރާތާއި ބިން ޙަވާލުކުރުން

10

އޮޑިހަރުގެ އެޅުމަށް ބިމަށް އެދިފައިވާ ފަރާތްތަކަށް ބިންޙަވާލުކުރާންވާނި ބިން ބޭނުންވެގެން ހުށަހަޅާފައިވާ ފަރާތާއި ކައުންސިލާއި ދެމެދު ލިއުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކައުންސިލުގެ ފަރާތުން އެފަރާތަކަށް ކަނޑައަޅާ ބިމުގެ އިން ވަކިކޮށް ދައްކަންވާނެއެވެ. ބިމުގެ މުއްދަތު ގުނަންވާނީ ބިން ޙަވާލުކުރެވި އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެންނެވެ.

އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިން ސާފުތާހިރުކޮށް ބެލެހެއްޓުން

11

އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި،  ބަލިމަޑުކަމެއް ފެތުރިދާނެ ނުވަތަ ފެތުރުމަށް މަގުފަހިވާ ތަކެތި ހުރިނަމަ އެތަކެތި ނައްތާލައި އެތަން އެކަށީގެންވާ ގޮތަކަށް ސާފު ޠާހިރުކޮށް ބަލަހައްޓަންވާނެއެވެ.

މިޢުޞޫލަށް ޢަމަލު ކުރުމުގެ ކުރިން އަޅާފައިހުރި ހަރުގެތައް

12

މިޢުޞޫލަށް ޢަމަލު ކުރާން ފަށާ ތާރީޚުން ފެށިގެން އެއްވެސް ފަރާތަކުން އެފަރާތަކަށް ނުވަތަ އެފަރާތް ނޫން ފަރާތަކަށްނަމަވެސް ދިރިއުޅުމާއި ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޮވަތި ގެދޮރުގައި އޮޑިހަރުގެ އަޅާފައިވާ ފަރާތްތަކުން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެތަންތަން ރޫޅައި ނުވަތަ އޮޑިހަރުގެ ނޫން ބޭނުންތަކަށް އެތަންތަން ބަދަލު ކުރަންވާނެއެވެ. އަދި 1 ޖެނުއަރީ 1993 ދުވަހު ނެރެފައިވާ [މީހުންއުޅޭ ރަށްރަށުން އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމުގެ ޤަވާޢިދު] ގެ ދަށުން އޮޑިހަރުގެ ލިބިގެންފައިވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އެތަންތަން ޤަވާޢިދާ އެއްގޮތަށް ހުސްކޮށް ކައުންސިލާއި ޙަވާލު ކުރަންވާނެއެވެ.

މިޢުޞޫލްގެ ކުރިން އެގްރިމެންޓް ކުރެވި ދޫކުރެވިފައިވާ އޮޑިހަރުގެތައް

13

1 ޖެނުއަރީ 1993 ދުވަހު ނެރެފައިވާ [މީހުންއުޅޭ ރަށްރަށުން އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމުގެ ޤަވާޢިދު] ގެ ދަށުން އޮޑިހަރުގެ ލިބިގެންފައިވާ ފަރާތްތަކަށް އެފަރާތާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެވިފައިވާ މުއްދަތަށް އެތަނެއް ދެމިއޮންނާނެއެވެ.

ޖޫރިމަނާ

14

މިޢުޞޫލްގައި މަނާކޮށްފައިވާކަމެއް ކުރުން ނުވަތަ ކުރުމަށް ކަނޑައަޅާފައިވާކަމެއް ނުކޮށްފިނަމަ، 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުމަށްފަހު، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/500ރ (ފަސްސަތޭކަ ރުފިޔާ) އާއި -/5000ރ (ފަސްހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

މިޢުޞޫލްގެ ދަށުން ކަނޑައަޅާ އުޞޫލުތަކާ ފީ އާއި ކުލި އަދި ޖޫރިމަނާ ކަނޑަ އެޅުން

 

 

 

 

15

 

 

 

 

 

 

 

 

 

(ހ) މިޢުޞޫލް ނަގަހައްޓައި ހިންގުމަށްޓަކައި, ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އެއްމެހާ އުޞޫލުތަކާ، ފީ އާއި ކުލި އަދި ޖޫރިމަނާތައް ކަނޑައަޅާ ޢާއްމު ކުރަންވާނެއެވެ.

(ށ)  މި އުޞޫލުގެ ދަށުން އޮޑިދޯނި ފަހަރު ބަނުމަށާއި، އޮޑިދޯނި ފަހަރުގެ ބޮޑެތި މަރާމާތު ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރާނީ އަކަފޫޓަކަށް 50/- (ފަންސާސް) ލާރީގެ ރޭޓުންނެވެ.

ޢުޞޫލާ ޚިލާފުވުން

16

މި ޢުޞޫލާ ޚިލާފު ވެއްޖެނަމަ، ދެފަރާތުން ވާހަކަ ދަށަކާއިގެން އެއްބަސް ނުވެވިއްޖެ ނަމަ، އެ މައްސަލައެއް ނިންމާނީ އެކަމުގެ ކުޑަބޮޑު މިނަށް ބަލައިގެން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ މަޝްވަރާގެ މަތިން އުލިގަމު ކައުންސިލްގެ އިދާރާއިންނެވެ. މި ގޮތުން ނިންމާ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ބިމާބެހޭ ކަންތައްތައް ހިންގާ ވުޒާރާތަކުގެ މަޝްވަރާ ހޯދަންޖެހިއްޖެނަމަ މަޝްވަރާ ހޯދުމާއި، އަދި ޝަރީޢަތައް ފޮނުވަންޖެހިއްޖެނަމަ ޝަރީޢަތައް ފޮނުވުން ހިމެނެއެވެ.

މާނަކުރުން

17

(ހ)

ކައުންސިލް: މިޢުޞޫލްގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ ދަށުން އިންތިޚާބުކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލަށެވެ.

 

 

(ށ)

އޮޑިހަރުގެ: މިޢުޞޫލްގައި ވަކި ގޮތަކަށް ބަޔާން ވެފައި ނުވާނަމަ، އޮޑިހަރުގޭގެ މާނައަކީ، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ތައްޔާރުކުރެވޭ ކޮންމެ ތަނެކެވެ.

20 ނޮވެންބަރު 2019
ހޯދާ