ދިވެހިރާއްޖެ
ޕްރެސް ސްޓޭޓްމެންޓް - ރެގިއުލަރައިޒޭޝަން
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އެފަރާތްތައް ޤަވާއިދަށް ފެއްތުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް"، 19 ސެޕްޓެމްބަރ 2019 ވީ ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ.
މި ޕްރޮގްރާމާ ގުޅިގެން، ދިވެހިރާއްޖެއަށް މަސައްކަތް ކުރަން ހުއްދަ ދީފައިވާ ބިދޭސީގެން ތެރެއިން ސައްޙަ އެޕްލޯއިމަންޓް އެޕްރޫވަލެއްގެ ދަށުން ވަޒީފާ އަދާކުރަމުން ނުދާ ބިދޭސީންގެ ތެރެއިން، ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މި މިނިސްޓްރީން ވަނީ "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު" އެކުލަވާލާފައެވެ. މި ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ރަޖިސްޓްރީ ވުމަށް އެޕޮއިންޓްމެންޓް ދިނުމަށް ފަހުގައެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ބިދޭސީންނަށާއި އެބިދޭސީންނަށް ވަޒީފާދޭން އެދޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރަށު ކައުންސިލްތަކުން މި އެޕޮއިންޓްމަންޓް ހެއްދޭނެ އިންތިޒާމް މި މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
އެގޮތުން، މި މިނިސްޓްރީން ވަނީ "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު" ގައި ރަޖިސްޓްރީ ވުމަށްޓަކައި އެޕޮއިންޓްމަންޓް ދޫކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރަށު ކައުންސިލަކަށް ހުޅުވާލާފައެވެ. މިހާތަނަށް މި މަސައްކަތަށް އިޖާބަ ދިން ކައުންސިލްތަކުން އެޕޮއިންޓްމެންޓް ހެއްދުން، 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ. އަދި އިތުރު ރަށު ކައުންސިލްތަކުން މި މަސައްކަތްކުރަން އެދޭ ނަމަ، އެދޭ މިންވަރަކުން، އެ ކައުންސިލްތަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމްތައް މި މިނިސްޓްރީން ހަމަޖައްސަމުން ގެންދެވޭނެއެވެ.
ރަށު ކައުންސިލް މެދުވެރިކޮށް "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު" ގައި ރަޖިސްޓްރީ ވުމަށް އެޕޮއިންޓްމެންޓް ދޭން ފެށުމާ ގުޅިގެން، މަސައްކަތް ފަށާ ތާރީޚުން ފެށިގެން އެޕޮއިންޓްމަންޓް ހެއްދުމަށް، މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ފަޅު ރަށްތަކާއި ރިސޯޓު އަދި ސިނާޢީ ސަރަޙައްދުތަކުގައި އުޅޭ ބިދޭސީން މާލެ ނައިސް، އެޕޮއިންޓްމެންޓް ހެއްދުމުގެ އިންތިޒާމް ހަމަޖެހިފައިވާ އެންމެ ކައިރި ރަށަކުން އެފަރާތްތަކުގެ އެޕޮއިންޓްމަންޓް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
10 ރަބީޢުލްއައްވަލް 1441