ދިވެހިރާއްޖެ
މަޢުލޫމާތު ކަރުދާސް
ސުރުޚީ: ކަރާސީނުތެޔޮ ވިއްކުމަށް ބީލަމުގައި ހުޅުވާލުމާ ގުޅޭ
އިޢުލާން ނަންބަރު: 116-J3/IL/2019/106
ތާރީޚް: 31 އޮކްޓޯބަރ 2019
1. ފެށުން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިޢުލާން ނަންބަރު: 116-J3/IL/2019/79 (7 އޮކްޓޯބަރ 2019) ގައި ބަޔާންކުރެވިފައިވާ "ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފިއުލް ފާރމްގައި ހުރި ކަރާސީނު ތެޔޮ ގަތުމަށް" އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، ކަރާސީނުތެޔޮ ބީލަމުގައި ވިއްކުމަށް އަލުން ހުޅުވާލަމެވެ. ތެޔޮގަތުމަށް ބީލަން ހުށައަޅާނީ ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތް ކޮށެވެ.
2. ބިޑް ހުށައެޅުން
2.1. ކަރާސީނުތެޔޮ ގަތުމަށް އެދި އަގު ހުށައަޅާނީ 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މި ކުންފުނީގެ ކޮމާޝަލް ޑިޕާޓްމަންޓުގެ އޮފީހަށެވެ.
2.2. ބިޑް ހުށައަޅާއިރު މިމަޢުލޫމާތު ކަރުދާހާ އެޓޭޗް ކުރެވިފައިވާ "ބިޑް ހުށަހަޅާ ފޯމު" އަދި "ބިޑް ހުށައަޅާ ފަރާތުގެ އިޤުރާރު"ގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ.
2.3. ބިޑް ހުށައަޅާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ބިޑް ހުށައަޅާ ފަރާތުގެ ނަން ޖެހުމަށްފަހުގައެވެ.
3. ބިޑް ހުށައެޅުމުގައި ސަމާލުވާންވީ ކަންތައްތައް
3.1. އަގު ހުށައެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށައެޅޭ އެއްވެސް އަގެއް ބަލައެއް ނުގަނެވޭނެއެވެ.
3.2. ތެޔޮ ވިއްކުމަށް ހަމަޖެހިފައިވަނީ ލީޓަރުންނެވެ. މިގޮތުން އަގު ހުށައަޅުއްވާ ފަރާތްތަކުން، އަގު ހުށައަޅުއްވާނީ ލީޓަރެއް ގަންނާނެ އަގާއި، ކޮންމެ ކުއަރޓަރއެއްގައި ތެޔޮ ގަންނާނެ އަދަދު (ލީޓަރުން) އެނގޭނެ ގޮތަށެވެ.
3.3. އަގު ހުށައަޅުއްވަންޖެހޭނީ ލީޓަރެއް ގަންނާނެ އަގު ދިވެހި ރުފިޔާއިންނެވެ.
3.4. ލީޓަރެއް ވިއްކުމަށް މިކުންފުނިން ނިންމާފައިވާ އެންމެ ކުޑަ އަގަކީ2.42 ރުފިޔާ އެވެ.
3.5. ކޮންމެ ފަރާތަކަށްވެސް ހުރިހާ ފަރާތްތަކުން ހުށައެޅި އަގު އެނގޭނޭ ޝީޓެއް މިކުންފުނިން ދޭނެއެވެ.
3.6. އަގު ހުށައަޅާއިރު "ބިޑް ހުށަހަޅާ ފޯމު" އަދި "ބިޑް ހުށައަޅާ ފަރާތުގެ އިޤުރާރު" ނެތްނަމަ، އެބިޑް ބާތިލްވާނެއެވެ.
4. ހުށައަޅަންޖެހޭ ލިޔެކިޔުންތައް
މިކަމަށް ޝަޢުޤުވެރިކަންހުރި ފަރާތްތަކުން ތިރީގައި މިދަންނަވާ ލިޔެކިޔެންތައް މިކުންފުންޏަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
4.1. ބިޑް ހުށައަޅާ ފޯމު (ޖަދުވަލު 1)
4.2. ބިޑް ހުށައަޅާ ފަރާތުގެ އިޤުރާރު (ޖަދުވަލު 2)
4.3. ކުންފުންޏެއް / ޕާޓްނަރޝިޕެއް / ކޯޕަރޭޓިވެއް ނަމަ: ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ހުއްދަ އަދި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް
އަމިއްލަ ފަރާތެއްނަމަ: ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓު ކޮޕީ
5. މަޢުލޫމާތު ސާފުކުރުން
މިމަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް ބާއްވާ އިންފޮމޭޝަން ސެޝަނެއް 12 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިކުންފުނީގެ ކޯޕަރޭޓް އޮފީސް (ކޮންފަރެންސް ރޫމް – 1 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ. މި އިޢުލާނާ ގުޅިގެން އަގު ހުށައެޅޭނީ، މި ސެޝަނަށް ހާޒިރުވި ފަރާތްތަކަށް އެކަންޏެވެ.
6. މަރކްސް ދިނުމުގައި ބަލާ މިންގަނޑުތައް
6.1. ތެޔޮ ވިއްކާލުމަށް ކަނޑައަޅާ ފަރާތް ނިންމާނީ ތިރީގައިވާގޮތުގެ މަތިން އެންމެ މަތިން މަރކްސް ލިބޭ ފަރާތަކަށެވެ.
ގިންތި |
ތަފްސީލް |
މަރކްސް |
އަގު |
މާކްސްދެވޭނީ އަގުހުށައަޅާ ފަރާތްތަކުން ހުށައަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެންނެވެ.
|
100% |
6.2. އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުގެ މަރކްސް ހަމަހަމަ ވެއްޖެނަމަ، ވިއްކާނެ ފަރާތެއް ނިންމާނީ މާލީގޮތުން މިކުންފުންޏަށް އެންމެ ފައިދާހުރި ގޮތަށެވެ.
6.3. ބިޑް އިވެލުއޭޝަންއާ ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިކުންފުންޏަށް ސިޓީއަކުން ހުށައެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
7. ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ގޮތް
7.1. ވިއްކުމަށް ނިންމާފައިވާ ތެލުގެ ޖުމުލަ ވޮލިއުމްއަކީ 25-30 ކިލޯ ލީޓަރ އެވެ.
7.2. ތެޔޮ ވިއްކުމަށް ހަމަޖެހިފައިވަނީ ތެޔޮ ގަންނަ ފަރާތާ ދެމެދު ވެވިފައިވާ އެއްބަސްވުމަށް ޢަމަލުކުރާ މުއްދަތުގެ ތެރޭގައި މަދުވެގެން ކޮންމެ 4 (ހަތަރު) މަހަކު 1 (އެއް) ފަހަރުއެވެ.
7.3. ތެޔޮ އެޅުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތަކުންކުރެ ގޮތަކަށެވެ؛
* ތެޔޮ ގަންނަ ފަރާތުން ގެންނަ ފީފާ، އެމް.އޭ.ސީ.އެލްގެ ފިއުލް ޑިޕާޓްމަންޓުން ގެންދިއުމަށްފަހު، އެއަށް ތެޔޮ އަޅައި، އަނބުރާ ތެޔޮ ގަންނަ ފަރާތަށް ރައްދު ކޮށްދިނުން
* ތެޔޮ ގަންނަ ފަރާތުން ތެޔޮއެޅުމަށް ބޭނުންވާ ފީފާ، ހުޅުލެ އައިލެންޑް ހޮޓެލްއާ އިންވެގެން އޮންނަ ހުސްބިމާ ދިމާލުގެ ބަނދަރަށް ގެންދިއުމުން، ތެޔޮ އަޅައިދިނުން
7.4. ތެޔޮ ވިއްކުމަށް އެމް.އޭ.ސީ.އެލް އިން ކަނޑައަޅާފައިވާ ސަރަހައްދުގެ ޗާޓެއް މިމަޢުލޫމާތު ޝީޓާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. (ޖަދުވަލު 3)
8. ތެޔޮ ގަންނަ ފަރާތުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް
8.1. ތެޔޮ ވިއްކުމަށް މިކުންފުނިން ކަނޑައަޅާ ފަރާތާ ދެމެދު 1 (އެއް) އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދޭނެއެވެ. އަދި މިއެއްބަސްވުމުގައި ބަޔާންކުރާ ކަންތައްތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ދެފަރާތަށްވެސް ލާޒިމުވާނެއެވެ.
8.2. މިމަސައްކަތް ކުރުމަށްޓަކައި ހުޅުލެއަށް އައިސްގޮސް އުޅުމުގެ ކަންތައް ހަމަޖެއްސުމާއި، ހުޅުލެއަށް އަރާ ފާސް ހޯދުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުން ކުރަންޖެހޭނެކަމެކެވެ.
8.3. ތެޔޮ އެޅުމަށް ބޭނުންވާ ފީފާގެ އިތުރުން، ތެޔޮ ގަތުމަށްފަހު ހުޅުލެއިން ގެންދިއުމަށްޓަކައި ބޭނުންވާ އުޅަނދު ފަހަރާއި އަދި ތެޔޮ މިނުމަށް ބޭނުންވާ ތަކެތި ހޯދުމަކީ ގަންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
8.4. މިތަކެތި ގަންނަ ފަރާތުން މަސައްކަތް ކުރުމުގެ ތެރޭގައި މިކުންފުނީގެ އެއްޗެއް ނުވަތަ ތަނެއް ހަލާކުވެއްޖެނަމަ ތަކެތި ގަންނަ ފަރާތުގެ ޚަރަދުގައި އެކަމެއް ރަނގަޅު ކޮށްދޭންޖެހޭނެއެވެ.
8.5. މިމަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ވެހިކަލަކާއި އުޅަނދުފަހަރު ހޯދުމާއި ހުޅުލެއަށް ގެނެސް މަސައްކަތް ކުރާ ސަރަހައްދަށް ގެންދިއުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުން ކުރަންޖެހޭނޭ ކަމެކެވެ.
8.6. މިމަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ އުޅަނދުފަހަރެއް ހުޅުލެ ގެނައުމާއި ބަނދަރުކުރުމަށް ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގަންޖެހޭނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.
9. ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުގައި ހުންނަންޖެހޭ ކަންތައްތައް
9.1. ތެޔޮ ބަރުކޮށްގެން ދަތުރުކުރަން ވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ އުޅަނދުފަހަރުގައެވެ. އަދި މި ފަދަ އުޅަނދުފަހަރަކީ ތެޔޮ ބަރުކޮށްގެން ދަތުރުކުރުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާއަކުން ހުއްދަދީފައިވާ ނުވަތަ ރަޖިސްޓްރީކުރެވިފައިވާ އުނޅަދަކަށް ވާންވާނެއެވެ.
9.2. ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުގައި ސަލާމަތީ ރައްކާތެރިކަން ރަމްޒުކޮށްދިނުމަށް ބޭނުންކުރާ ނިޝާންތަކާއި "ޑޭންޖަރަސް ކާގޯ ފްލެގް" ހަރުކުރެވިފައި ހުންނަންވާނެއެވެ.
9.3. ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުގައި، އަލިފާންނިވާ ނިޒާމްތައް ޤާއިމްކޮށް އަލިފާންނިވިތައް އިންސްޕެކްޓްކޮށް އަލިފާންނިވިތައް އިންސްޕެކްޓްކުރި ތާރީޚް ޖަހާ އިންސްޕެކްޓްކުރި ފަރާތުން ސޮއިކޮށްފައިވާ ރެކޯޑްސް އޮންނަންޖެހޭނެއެވެ.
9.4. ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުގަޔާއި ތެޔޮ ވިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި، ޢާންމުކޮށް ފެންނާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން "ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ No Smoking " ނިޝާން ހަރުކުރެވިފައި ހުންނަންވާނެއެވެ.
-------------
ނޯޓް:
- މި މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ މަސައްކަތާއި ހަވާލުވާ ފަރާތުން، ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.