ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ދީނާއި ޚިލާފު ރިޕޯޓް ވ.ފެލިދޫ ކައުންސިލުން ކުއްވެރިކުރުން

ނޫސް ބަޔާން

 

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް (އެމް.ޑީ.އެން) އިން އިސްލާމްދީނަށާއި، محمد رسول الله صلى الله عليه وسلم އަށް ފުރައްސާރަކޮށް ޢާއްމުކުރި ރިޕޯޓް ކުއްވެރިކުރުން

 

                  "ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމް.ޑީ.އެން) އިން ނެރެފައިވާ ރިޕޯޓްގައި ކީރިތި ޤުރުއާނާއި، މާތްވެގެންވާ އިސްލާމްދީނަށާއި، محمد رسول الله  صلى الله عليه وسلم   އަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސާސްތަކާއި މުޅިން ހިލާފް ވާހަކަތައް ބަޔާންކޮށްފައިވާތީ ވ.ފެލިދޫ ރައްޔިތުންނާއި، ވ.ފެލިދޫ ކައުންސިލުން މިމައްސަލަ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ. އަދި އެ ރިޕޯޓަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތްލޯބި އެއްފަރާތްކޮށް ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ނެރެފައިވާ ރިޕޯޓެއްކަންވެސް މިކައުންސިލުން ފާހަގަކުރަމެވެ.

                  މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި ޤާނޫނު ނަމްބަރު 2003/1 "ޖަމިއްޔާތަކާއިބެހޭ ޤާނޫނު" ގެ  19 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަމްބަރު  94/6 "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު" ގެ 4 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަމްބަރު  2014/9 "ދިވެހިރާއްޖޭގެ ޤާނޫނޫލް ޢުގޫބާތު" ގެ 617 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރާއި ޙިލާފު އަމަލަކަށްވާތީ، މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް، ވީއެންމެ އަވަހަކަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ދައުލަތުގެ ކަމާއިބެހޭ އެންމެހާ މުއައްސަސާތަކަށް ދަންނަވަމެވެ.

                  މިކައުންސިލުން ދެކޭގޮތުގައި ދިވެހިރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވީހިނދު، މިޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަމާއި، އެއްބައިވަންތަކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ އެންމެ ބޮޑު އަސާސަކީ އިސްލާމްދީނެވެ. މިހެންކަމުން އިސްލާދީނަށް ފުރައްސާރަކުރާ ޖަމިއްޔާޖަމާއަތްތައް ދިވެހިރާއްޖޭގައި ހިންގުމަކީ ވ.ފެލިދޫ ރައްޔިތުން ބަލައިގަންނަކަމެއް ނޫނެވެ.

                  ވީމާ، އެރިޕޯޓް ތައްޔާރުކުރުމުގައި ޝާމިލުވާ ފަރާތްތައް ހޯދައި ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު ވީހާވެސް އަވަހަކަށް އަޅުއްވައިދެއްވުމަށާއި، އެމް.ޑީ.އެން އުވާލުމަށާއި، މުސްތަޤުބަލުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުއްވުމަށް ކަމާއިބެހޭ މުވައްސަސާތަކާއި ދިވެހިރާއްޖޭހެ ރައީސުލްޖުމްހޫރިއްޔާއަށް އާދޭހާއިއެކު ދަންނަވަމެވެ.

            މާތްﷲ އިސްލާމްދީން ޙިމާޔަތްކުރައްވާ އިސްލާމީ އުންމަތަށް ނަޝްރާއި ކާމިޔާބު މިންވަރުކުރައްވާ، އަޅަމެންގެ މިބިން މިނިވަންކަންމަތީ ތާއަބަދަށް ދަމަހައްޓަވާންދޭވެ! އާމީން

24 އޮކްޓޫބަރު 2019
ހޯދާ