މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން އުފެއްދުމާއި ގުޅޭ

އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ލުއި ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ދިވެހި ސަރުކާރުން ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ "ނެޝަނަލް ސިންގަލް ވިންޑޯ" ނިޒާމުގެ އޮޕަރޭޓަރެއްގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދޭނެ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުނި "ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން" ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޤަރާރަކުން އުފައްދަވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ 13 އޮކްޓޯބަރ 2019 ގައި ނިންމަވާފައެވެ.

 

މި ކުންފުނިން މެނޭޖްކޮށް ބަލަހައްޓާ ނެޝަނަލް ސިންގަލް ވިންޑޯގެ ނިޒާމު ވެގެންދާނީ، އެއް އައިޓީ ވިއުގައަކުން އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ކްލިއަރ ކުރުމަށް ހުށަހަޅާ ޑިކްލަރޭޝަންތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހަލުވިކަމާއެކު ޕްރޮސެސްކޮށްދޭނެ ނިޒާމަކަށެވެ. މި ނިޒާމުގެތެރެއިން، ވިޔަފާރިވެރިންނާއި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމުގައި ސަރުކާރުގެ ވުޒާރާތަކާއެކު ކުރެވޭ މުޢާމަލާތްތައް، ފަސޭހަކަމާއެކު ކުރުމަށް އެހީތެރިވެދޭނެއެވެ.

 

ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ދަށުން، ބޯޑަރުގައި ހަރަކާތްތެރިވާ މުހިއްމު 7 މުއައްސަސާއެއްގެ އައިޓީ ސިސްޓަމްތައް، އެއް ވިއުގައެއްގެ ގޮތުގައި ގުޅުވާލެވިގެންދާނެއެވެ. މިގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީގެ އޮފް ޑިފެންސްގެ އައިޓީ ނިޒާމުތައް ގުޅުވާލެވިގެންދާނެއެވެ.

 

މި ނިޒާމު ޤާއިމުވެގެން ދިއުމާއެކު، މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ސަރުކާރުގެ އެކި އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށް، އެ އިދާރާތަކަށް ޒިޔާރަތްކޮށް ވަކިވަކިން ހޯދަންޖެހޭ ގޮތަށް މިހާރު އޮތް އޮތުން ނިމުމަކަށް ގެނެވި، އޮޓަމޭޓްކުރެވިފައިވާ ސިންގަލް ވިންޑޯގެ ނިޒާމުގެ ތެރެއިން މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ބޭނުންވާ ޑިކްލަރޭޝަނާއި، ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކަށް އޮންލައިންކޮށް ހުށައެޅުމުގެ އިތުރުން، ޑިއުޓީ އަދި އެހެނިހެން ފީތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުތައް ވިޔަފާރިވެރިންނަށް ފަހިވެގެންދާނެއެވެ. އެހެންކަމުން، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންއިން ދެވޭ ހިދުމަތްތަކާ ގުޅިގެން، މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމުގައި ވިޔަފާރިތަކުން ހޭދަކުރާ ވަގުތާއި ޚަރަދު ކުޑަކުރެވި، މީގެ ނަފާ ދިވެހި ވިޔަފާރިވެރިންނަށާއި ކޮންސިއުމަރުންނަން ކުރިމަގުގައި ލިބިގެންދާނެއެވެ.

 

އަދި މި ނިޒާމުގެ ސަބަބުން، ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ ރެގިއުލޭޓަރީ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު ޑޭޓާ ބަދަލުކުރެވި، މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގެ ރެގިއުލޭޓަރީ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެއެވެ.

 

ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 2020 ގެ ނިޔަލަށް ނިންމާލެވޭނެއެވެ. އަދި 2 ވަނަ ފިޔަވަހީގެ މަސައްކަތްތައް 2021 ގެ ނިޔަލަށް ނިންމާލުމަށް ތާވަލުކުރެވިފައިވާއިރު، މި ފިޔަވަހި ނިމޭއިރު، ބޯޑަރުގައި ހަރަކާތްތެރިވާ ދެންނެވުނު 7 މުއައްސަސާއެއްގެ އައިޓީ ނިޒާމުތައް ސިންގަލް ވިންޑޯގެ ނިޒާމުގެ ތެރެއިން ގުޅުވާލެވިގެންދާނެކަން ފާހަގަކުރަމެވެ.

 

ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ދަށުން މިހާރު އެންމެ އިސްކަމެއް ދެވިގެން މަސައްކަތްކުރަމުންދަނީ، ދެންނެވުނު 7 މުއައްސަސާގެ ތެރެއިން މެނުއަލްކޮށް ޚިދުމަތް ފޯރުކޮށްދޭ މުއައައްސަސާތަކުގެ އައިޓީ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށެވެ. މިގޮތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އައިޓީ ސިސްޓަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފޯރުކޮށްދޭ ދަނޑުވެރިކަމާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ އައިޓީ ސިސްޓަމް އަދި މިނިސްޓްރީ އޮފް ޑިފެންސް ގެ ކެމިކަލް އެތެރެކުރުމަށް ހުއްދަ ދިނުމަށް ޤާއިމުކުރެވިފައިވާ އައިޓީ ސިސްޓަމް، އޮންލައިން ޚިދުމަތްތަކާއެކު، މި ހިނގާ ނޮވެމްބަރު މަހުގެ ކުރިން ލޯންޗްކުރުމުގެ މަސައްކަތް، މި މިނިސްޓްރީއިން ދަނީ ކަމާގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުންނެވެ.

 

ސިންގަލް ވިންޑޯގެ ނިޒާމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

 

                   15 ޞަފަރް  1441

14 އޮކްޓޫބަރު 2019
ހޯދާ