ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ގދ.ހޯނޑެއްދޫ އިން ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ؛

ގދ. ހޯނޑެއްދޫ އިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 2500 އަކަފޫޓްގެ 34 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހޯނޑެއްދޫގެ ރައްޔިތުންނަށް ހުޅުވާލަމެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ޢިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ އުތުރުން މި އިޢުލާނާއި އެކުގައިވާ ޗާޓުގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދުންނެވެ.

ގދ.ހޯނޑެއްދޫ އިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް؛

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 18 އަހަރު ވެފައިވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން.  ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  6. އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން، ނުވަތަ މިފަދަތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ނުވަތަ އޮވެ އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއްބަލާ އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު"  ގެ 16 ވަނަ މާއްދާގައިބުނާ ކޮމިޓީއަށް ފެނުން.

ވީމާ، މިރަށުން ގޯއްޗަށް އެދޭ މަތީގައި ދެންނެވި ޝަރުތު ހަމަވާ ފަރާތަތަކުން ގޯއްޗަށް އެދޭ ފަރާތުގެ އައިޑީ ކާޑް ނަންބަރު އެނގެނޭ ރަސްމީ ލިޔުމެއް ހިއްޕަވައިގެން މި އިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ގޯއްޗަށް އެދޭ ފަރާތުގެ އައިޑިކާޑް ނަންބަރު އެނގޭނޭ ރަސްމީ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

 މި އިޢުލާނާއެކު ގޯތި ދިނުމުގެ ޢުސޫލާއި، އިޢުލާން އަދި ގޯތި ދިނުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ކުރެހުން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2019 އޮކްޓޯބަރ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން  މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުންނާއި، މިއިޢުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެވެ. 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ސެޕްޓެންބަރު 2019
ހޯދާ