އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތީގައި ވެހިކަލް މަރާމާތުކުރާ ގަރާޖާއި ވަޑާންގެ ފަދަ ތަންތަނަށް ހުއްދަ ދިނުމާއިގުޅޭ

އިޢުލާން

ދިރިއުޅުމަށްޓަކައި ދޫކުރެވޭ ބަންޑާރަ ގޯތީގައި، ކައުންސިލްގެ ހުއްދަ ހޯދުމެއް ނެތި ގަރާޖާއި ވަޑާންގެ އާއި ވޯކްޝޮޕް ފަދަ ތަންތަން ހެދުމަށްފަހު، އެތަންތަން ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅަމުންދާކަން ފާހަގަކުރެވެއެވެ. ދިރިއުޅުމަށްޓަކައި ދޫކުރެވޭ ގޯތީގައި ކުރެވޭ ޢިމާރާތްތަކަކީ ރައްކާތެރި، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ، އަދި އެ ތަންތަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް މަގުފަހިކުރުމަކީ ޢިމާރާތްކުރުމުގެ ޤާނޫނުގެ މަޤްޞަދުގައި ހިމެނޭކަމެކެވެ. ނަމަވެސް، މިދެންނެވި މަޤްޞަދާ ޚިލާފުވާގޮތަށް ގަރާޖާއި ވަޑާންގެއާއި ވޯރކްޝޮޕް ފަދަ ތަންތަން ޢިމާރާތް ކުރެވޭކަންދަނީ ފާހަގަކުރެވެމުންނެވެ. އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ ބީމާއި ބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއާއި ޚިލާފަށް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ދިރިއުޅުން ނޫން ބޭނުންތަކަށް ކުއްޔަށް ދޫކުރަމުން ދާކަންވެސް މިއިދާރާއަށް ފާހަގަކުރެވެއެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި މިހާރު ހަދާފައިވާ ވެހިކަލް މަރާމާތުކުރާ ގަރާޖާއި ވަޑާންގެއާއި ވޯރކްޝޮޕް ފަދަ ތަންތަނުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާ މިއިދާރާއަށް ހުށަހެޅެމުންދާތީ، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން އެފަދަ ތަންތަން ހެދުމަށް ޚާއްސަ ކުރެވޭ ޒޯނެއް ކަނޑައެޅުމުގެ މަސައްކަތް ކައުންސިލުން މިދަނީ ކުރަމުންނެވެ.

ވީމާ، ދިވެހިރާއްޖޭގެ ބީމާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއާއި ޚިލާފަށް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ދިރިއުޅުން ނޫން ބޭނުންތަކަށް ކުއްޔަށް ނުދިނުމަށާއި، މިއަދުން ފެށިގެން މި އެންގުމާ ޚިލާފަށް ދިރިއުޅުމަށް ދޫކުރެވޭ ގޯތީގައި ކައުންސިލްގެ ހުއްދަ ހޯދުމެއް ނެތި ހަދާ ގަރާޖާއި ވަޑާންގެއާއި ވޯރކްޝޮޕް ފަދަ ތަންތަން ބޭނުންކުރުމުގެ ހުއްދަ ދެވެން ނޯންނާނެ ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ދިރިއުޅުމަށް ދޫކުރެވޭ ބަނޑާރަ ގޯތި، ދިރިއުޅުން ނޫން ބޭނުންތަކަށް ކުއްޔަށް ހިފާފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ދަންނަވަމެވެ.

14 ޛުލްޤަޢިދާ 1440

17 ޖުލައި 2019
ހޯދާ