ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫގައި ދާރުލްއާޘާރެއް ޤާއިމު ކުރުމާއި ބެހޭ

                         `                                                       

ނަންބަރު: IUL-248-CAA/248/2019/44

      

އިޢުލާން

            އިހަވަންދޫގައި ދާރުލްއާޘާރެއް ޤާއިމު ކުރުމުގެ މަސައްކަތް މިގެންދަނީ ކުރަމުންނެވެ. މިކަމުގެ ބޭނުމަކީ ޒަމާންވީ ތަފާތު ތަކެތި ރައްކާތެރި ކަމާއެކު އަންނަން އޮތް ޖީލްތަކާއި ހަމައަށް ވާސިލުކޮށްދީ އިހުތިބި ކާބަފައިންގެ އަގު ވަޒަން ކުރުމާއެކު އެއްތަނަކުން އެފަދަ ތަކެތި ފެންނާނެ ގޮތަށް އިންތިޒާމު ކުރުމެވެ. މި ގޮތަށް މިކަން ކުރުމުން އެ ތައްގޮތަކުން މިރަށުގެ ލޮބުވެތި ރައްޔިތުންނަށް މަންފާ ލިބޭނެ ކަމެއް ކަމަށް ދެކެމެވެ.  

އެގޮތުން ތިރީގައި ދަންނަވާފައިވާ ތަކެއްޗާއި އަދި އެނޫންވެސް ތަކެތި މިއިދާރާއަށް ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެފަދަ ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ ނަންނޯޓު ކުރުމުން ކަމަށް އެކަށީގެންވާ ތަކެތި މި އިދާރާއަށް ގެންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެފަދަ ތަކެތި ހަދިޔާ ކުރާ ކުރުމުގައި އެ އެއްޗަކީ އެބޭފުޅެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބޭބެ ގެންގުޅުއްވި އެއްޗެއް ކަމުގައި ވާނަމަ އެ ބޭފުޅެއްގެ ނަމުގައި އެ އެއްޗެއް ހަދިޔާ ކުރެވޭނެއެވެ. އަދި އެފަދަ ތަކެތި އިހަވަންދޫ ދާރުލްއާޘާރުގައި ބެހެއްޓިފައި ހުންނާނީވެސް އެބޭފުޅެއްގެ ނަމުގައެވެ.

1-   ހިފައި ގެންގުޅުމަށް ބޭނުންކުރި އާލާތްތައް. ( ތެލި، ތަށި، ދޮލަގު، މަލާފަތް، ގުޅި، ރުނބާ، ޖާޑި، ހުފޭ، ލަކުޑިވަން، އަދި މޯލް، ހިލަވަން، އަދި މޯލް، ފުޑާދައި، ފޮއެ، އޮޑިހަނު، ދިވެހި ބޭސްވަން، އަދިވެސް މިނޫންވެސް ތަކެތި )   

2-   އިހު މީހުން ބޭނުންކުރި ތަފަތު ވައްތަރުގެ ވަޅިފުރޯ: ތަފާތު ވައްތަރާއި ސައިޒުގެ ވަޅި، ފުރޯ މުޅޯ، ކޯރާޑި، ކަނޑޫ ކަހާވަޅި، ސަމުސާވަޅި، މަސްކާށި ފިޔޮހި، ކުރަފަތް، ކަތިވަޅި މަސްވަޅި، ބަރަބޯވަޅި، ކޮށާވަޅި، އަދި އެނޫންވެސް އެފަދަ ތަކެތި )

3-   ރާއެރުމަށް ބޭނުންކުރި އާލާތްތައް. ( ކާލި، ކަންފަތި، އޮނުގަނޑު ވަޅި، ބޭސް އޮށްފަތި، ފެންގުޑި، ކަންފަތި ގުޑި، ފިންދަނޑި ރާގުޑި، ރާބަދި، ތިންއުނބު ބަދި، ހަތަރު އުނބު ބަނދި، ރާދަޑިގަނޑު، ރާބަނދިތައް އެލުވާ އަނަގަނޑު އަދި އެނޫންވެސް ތަކެތި )

4-   ދިވެހިން ލާއުޅުނު ހެދުން: ހެދުމާއި އަރާއުޅުނު ފައިވާން: ( ބޮލުފޮށާ، އުނުފޮށާ، މުންޑު، ގަމީސް، ހުކުރު ހެދުން، ހެދުންބުރި، ކަޑިކި، ލިބާސް، ފަށުއި، ކަސަބު، ފޮތި ބޯވަޅު ލިބާސް، ފޭލި، ތާކިޔާ ގިރުވާން ރުމާ، ސޯރުފޮތިކޮޅު، ބެލްސް، ސިފްޓ އަދި މީނޫންވެސް ތަކެތި )

5-   ދިވެހިން އަރާއުޅުނު ފައިވާން: ( މަރަވަޅި، ފޮތި ވަދުލީ މަރަވަޅި، އަދި މި ނޫންވެސް އެފަދަ ތަކެތި )

6-   ކޮށާ މެށުމަށާއި، ތެދުވި ވަޑާމާއި އަދި ބަޅުއި ވަޑާން ކުރުމަށް ބޭނުން ކުރި އާލާތްތައް. ( ލަކުޑި ރޮންދާ، ދަނގަޑު ރޮންދާ ކުޑަ، އަދި ބޮޑު، ފަށްނަގާ ރޮންދާ، ތަފާތު ވައްތަރުގެ ބުރުމާތައް، ތަފާތު ވައްތަރުގެ ފޮނުމަތް އެކިސައިޒުގެ، ވަޑާންކަށި، ތަފާތު މުގުރުތައް، ފީރުތައް، ކީސްތައް، ކުޑިލުއްސި، އޮޑާ، އުއި، އޮލަނބު، ކަށަވަރު، ދެލިއުނބު، ކަބީލާ، ޅިސް، ބާސް، އަބުކުރި، ކަޅިހި، ( ލަކުޑި، ބޮބި ) ދެލި ފޮށާ، އެންމެ އިހުގެ ދޯނި ފަހަރުގެ މޮޑެލް، މެދުތެރޭގެ ދޯނި ފަހަރުގެ މޮޑެލް، މިހާރުގެ ދޯނި ފަހަރުގެ މޮޑެލް، ލަކުޑިއާއި ފައިބަރު )       

7-   ފެހުމާއި މާޖެހުމަށް ބޭނުން ކުރި ސާމާނުތައް.

8-   ރޭނުމާއި އުވަޖެހުމަށް ބޭނުން ކުރި ސާމާނުތައް. ( ހަދި، ފަތިގަނޑު އުވަދޯނި އަދި މިނޫންވެސް ތަކެތި )

9-   އަތްކަން ކުރުމާއި ގުޅޭގޮތުން ބޭނުންކުރި ސާމާނުތައް.

10-  އެކި ތަކެތިން އުފައްދާ ވިނުމުގެ ބާވަތްތައް: ( ފަންގެ، ވަށި، ތޮށަލި، ސާންތި، ކުނާ، ހަލަނި، ބަތްޕޮޅި ގޮށި، އަތްވަށި، ވަޑިގޮނު، މުޅި، ވިއުމަށް ބޭނުން ކުރި ސާމާނުތަކާއި އެކަމާ ގުޅޭ ނަމޫނާ ތަކެއްޗާއި އަދި އެނޫންވެސް ތަކެތި )

11-  ބުޅި ޖެހުމާއި ދަގަނޑު ތެޅުމަށް ބޭނުން ކުރި ސާމާނުތައް: ( ގިރުބާ، ކިރުނު، ހަޑަސް، ކަކުނި، މަރުތެޔޮ، އަދިވެސް އެނޫން އާލަތްތައް )

12-  ދިއްލުމަށް ބޭނުންކުރި ސާމާނުތައް. ( ވޮށް، ފުޅިބައްތި، އަތްބައްތި، އުނބުގަނޑު ބައްތި، ފާނޫޒް ބައްތި، ބިގަރު، އަދި އެނޫންވެސް ތަކެތި ) 

13-  އިހުގެ ކާބަފައިން ބޭނުން ކުރެއްވި ހެދުމާއި، ރަށުގެ އިއްޒަތްތެރިން ބޭފުޅުންގެ ޚާއްސަ ހެދުން ކޮޅުތައް.

14-  އިހުގެ ފޮޓޯތަކާއި، އޯޑިއޯ، ވީޑީއޯތައް.

15-  އިހުގެ ފޮތްތައް ( ދީނީ، ޢިލްމީ، އަދި އެނޫންވެސް ފޮތްތައް )

16-  މަތީގައި ދެންނެވުނު ތަކެތި ފިޔަވައި އިހުގެ ކާބަފައިން  ގެންގުޅުއްވި އެނޫންވެސް ތަކެތި.

17-  ބަދިގެ ސާމާނުތައް. ( އޮބި، ދޭފަތް، އުނދުޅި، މުށި ހުފޭ، ތެލި، ތާސް، ލޯގަނޑު އަދިވެސް އެނޫންވެސް ތަކެތި )

18-  ފެންބެހެއްޓުމަށާއި ފެންބުއިމަށް ބޭނުން ކުރި ތަކެތި. ( ފެންކޫދު، ބަޑިޔާ، ތުޅާ، ލޯވަށި، އަދި އެނޫންވެސް ތަކެތި )

ތަކެތި ބަލާގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސް ތަކުގައި ހެނދުނު 8.30 އިން 12.30 އަށެވެ. ރަމަޟާން މަހުގައި ރަސްމީ ދުވަސްތަކުގައި ތަކެތި ބަލައި ގަތުމަށް ހަމަޖެހިފައި ވަނީ ހެދުނު 9:30 އިން 11:30 އަށެވެ.

          މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 މޭ 2019
ހޯދާ