މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، 1440 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް 30 އެޕްރީލް 2019 ވީ އަންގާރަ ދުވަހު ވަނީ ޙަވާލުކުރައްވާފައެވެ.

މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު ބެލުމަށްފަހު، 2018 (1439) ވަނަ އަހަރު މި މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ. މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުންނެވެ. އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރެވެ. ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 30 ޕަކެޓް ކަދުރެވެ. ކުރިއަށްއޮތް ތަނުގައި ހެޔޮއެދޭ ދަޢުލަތްތަކުން ކަދުރު ލިބޭ މިންވަރަކުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހުއެވެ. މިގޮތުން، ކަދުރު ބެހުމުގައި ފަޤީރުންނަށް އިސްކަންދީގެން ކަދުރު ޙަވާލުކުރުމަށް ދަންނަވަމެވެ.

ހ. ގޭބީސީއެއްގެ ސައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު؛

ށ. ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛

މިގޮތުން، މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. އެހެންކަމުން، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:45 އިން 13:00 އަށް އަދި 1440 ވަނަ އަހަރުގެ ރަމަޟާން މަހު ހެނދުނު 09:30 އިން 12:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކުން ފޮނުއްވުމަށް ދަންނަވަމެވެ.

ކަދުރު ބަހާނީ 02 މޭ 2019 ވަނަ ދުވަހުން ފެށިގެން ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

27 ޝަޢުބާން 1440

02 މޭ 2019

02 މޭ 2019
ހޯދާ