މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ދޫކުރާނީ "ސްޕެޝަލް ވިޒާ" އާއި ގުޅޭ

1440 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ދޫކުރާނީ "ސްޕެޝަލް ވިޒާ" އެވެ. މިވިޒާއަށް އެދި ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ، އަދި ހުށަހެޅުން ފުރިހަމަ ކަމުގައިވާނަމަ ބިދޭސީ ޙާފިޒު/ޤާރީ ރާއްޖެ އައުމުގެ ހުއްދަ ދެވޭނެއެވެ.  

ސްޕެޝަލް ވިޒާ ދޫކުރެވޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން އެ ޙާފިޒަކު/ޤާރީއަކު ގެނައުމަށް ހުއްދަ ދީފައި ވާނަމައެވެ. އެގޮތުން ބިދޭސީ ފަރާތް ގެންނަވަނީ ސަރުކާރުގެ އިދާރާއަކުންނަމަ، މިމުއައްސަސާއިން ދޫކުރާ 45 (ސާޅީސް ފަހެއް) ދުވަހުގެ ވިޒާއަށް އެއްވެސް ފައިސާއެއް ދައްކަވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ބިދޭސީ ފަރާތް ގެންނަވަނީ ޖަމްޢިއްޔާއަކުން ނަމަ، ވިޒާ ފީގެ ގޮތުގައި 750ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ) ދައްކަވަން ޖެހިވަޑައި ގަންނަވާނެއެވެ.

ވީމާ، "ސްޕެޝަލް ވިޒާ" ގެ ދަށުން ބިދޭސީ ޙާފިޒުން/ޤާރީން ރާއްޖެ ގެނައުމަށްޓަކައި އެ ބިދޭސީ ޙާފިޒަކު/ޤާރީއަކު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ތާރީޚުގެ 5 (ފަހެއް) ދުވަސް (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ކުރިން، ތިރީގައި މިދަންނަވާ ލިޔުންތައް، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

  1. 'ސްޕެޝަލް ވިޒާ' އެޕްލިކޭޝަން ފޯރމް IM22  (PDF ފޯމެޓަށް)
  2. ފުރިހަމަކޮށްފައިވާ 'ވިޒާ އެޕްލިކެންޓް އިންފޮމޭޝަން ފޯމް' IM30 (PDF ފޯމެޓަށް)
  3. ބިދޭސީ ފަރާތުގެ ޕާސްޕޯޓުގެ ކުލަ ކޮޕީ (JPEG ފޯމެޓަށް)
  4. ބިދޭސީ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (JPEG ފޯމެޓުގައި މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ ޕާސްޕޯޓު މިންގަޑާއި އެއްގޮތަށް ނަގާފައިވާ)
  5. ބިދޭސީފަރާތަކީ "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރަންސް ޕޮލިސީ" ގައި ބައިވެރިވެފައިވާ ފަރާތެއްކަން ބަޔާންކޮށް އެލައިޑް އިންޝުއަރަންސް އިން ދޫކޮށްފައިވާ ލިޔުމުގެ ކުލަ ކޮޕީ (PDF ފޯމެޓަށް)
  6. ބިދޭސީފަރާތަކީ 1440 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދު ކުރުމަށް ޙުއްދަ ދެއްވާފައިވާ ފަރާތެއްކަން ބަޔާންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ދޫކުރައްވާފައިވާ ލިޔުމުގެ ކުލަ ކޮޕީ (PDF ފޯމެޓަށް)
  7. ބިދޭސީފަރާތަކީ 1440 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ފަރާތެއްކަން ބަޔާންކޮށް ރަށު ކައުންސިލް ނުވަތަ ޖަމިއްޔާ އިން ހުށަހަޅާ ސިޓީގެ ކުލަ ކޮޕީ (PDF ފޯމެޓަށް)
  8. ބިދޭސީ ޙާފިޒު ގެންނަނީ ޖަމުޢިއްޔާއަކުން ނަމަ، ޖަމްޢިއްޔާއެއްގެ ރަޖިސްޓްރީގެ ކުލަ ކޮޕީ (PDF ފޯމެޓަށް) 

"ސްޕެޝަލް ވިޒާ" އަށް އެދި އެއް އެޕްލިކޭޝަނަށް ވުރެ ގިނައިން ހުށަހަޅުއްވާނަމަ، ކޮންމެ އެޕްލިކޭޝަނެއް ވެސް ފޮނުއްވަން ވާނީ ވަކި އީމެއިލް އެއްގެ ގޮތުގައެވެ. އަދި މިވިޒާގައި ރާއްޖެ އައުމުގެ ހުއްދަ ދެވުނުކަން ނުވަތަ ނޫންކަން އަންގާނީ އެޕްލިކޭޝަން ފޮނުވި އީމެއިލްގެ "ރިޕްލައި" އެއްގެ ގޮތުގައެވެ.

މިވިޒާގައި ރާއްޖެ އައުމުގެ ހުއްދަ ދެވުނުކަން އަންގާ އީމެއިލް ލިބިވަޑައިގަތުމުން، ބިދޭސީ ޙާފިޒު/ޤާރީ ރާއްޖެ އައުމުގެ 1 (އެކެއް) ގަޑިއިރު ކުރިން ވިޒާ އެޕްލިކޭޝަން ފޯމް އަދި ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ އަޞްލު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހަށް ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. ބިދޭސީ ޙާފިޒު/ޤާރީ ރާއްޖޭގައި ހުރުމަށް ދޫކުރެވުނު މުއްދަތަށް ވުރެ އިތުރަށް ރާއްޖޭގައި ހުރެފި ނަމަ އިމިގްރޭޝަންގެ ޤާނޫނު، 1/2007، އަށް ރިޢާޔަތްކޮށް ކަމާއި ގުޅުންހުރި ފަރާތްތައް ޖޫރިމަނާ ކުރެވޭނެއެވެ. އެހެންކަމުން ވިޒާގެ މުއްދަތު ހަމަވުމުގެ ކުރިން ބިދޭސީ ފަރާތް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ހަނދުމަކޮށް އަރުވަމެވެ.

ޙާފިޒުން/ޤާރީންނާއި އެކުގައި އާއިލާގެ  މެމްބަރުން (އަނބިން/ދަރިން) ދަތުރު ކުރައްވާނަމަ، ޙާފިޒު/ޤާރީ ގެންނަ އިދާރާއަކުން އެފަރާތްތައް ސްޕޮންސަރ ކުރައްވަން ވާނެއެވެ. އެފަރާތްތަކަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވިޒާ އެކެވެ. އަދި 30 ދުވަހަށް ވުރެ އިތުރަށް މަޑުކުރައްވާނަމަ، ވިޒާ ހަމަވުމުގެ ކުރިން އެވިޒާގެ މުއްދަތު އިތުރު ކުރެއްވުމަށް ހަނދުމަކޮށް އަރުވަމެވެ.

މިކަމާއި ގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، 9555222 ނަންބަރު ފޯނާ ގުޅުއްވުމަށް ދަންނަވަމެވެ.

ވީމާ، ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވަމެވެ.

 

17 އޭޕްރިލް 2019
ހޯދާ