ދެންނެވުން
ނަންބަރު: 60-ADM/2019/50
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި: 27 މާރިޗު 2019 16:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2020-2019 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 54 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތީން އަދި، ކުންފުނީގެ ހިންގާ ޤަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކުންފުނީގެ "އަހަރީ އާންމު ޖަލްސާ 2018" ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މި ނޯޓިސްއާއެކު، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ކުންފުނީގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އަދި، ކުންފުނީގެ ޙިއްޞާބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ 01 (އެކެއް) ޑިރެކްޓަރެވެ. އަދި، ސަރުކާރު ނުވަތަ މައި ޙިއްޞާދާރުގެ ފަރާތުން  ޢައްޔަނުކުރެވޭނީ 6 (ހައެއް) ޑިރެކްޓަރުންނެވެ. މި ގޮތުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ އަދި، އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާކަމެކެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ މަދުވެގެން ތިރީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

  1. ކުންފުނީގެ ޙިއްޞާދާރަކަށްވުން.
  2. ދިވެހި ރައްޔިތަކު ކަމުގައިވުން.
  3. ޢުމުރުން 21 (އެކާވީސް) އަހަރު ވެފައިވުން.
  4. ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން (ނުވަތަ ފައިނޭންސް، މެނޭޖްމަންޓް އަދި، ލޯ ފަދަ ދާއިރާއަކުން) މަދުވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ނުވަތަ ހިންގުމުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  5. ޙިއްޞާދާރަކީ ކުންފުންޏެއްނަމަ، މަޤާމަށް ކުރިމަތިލާ ފަރާތަކީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަކުން ރުހުން ދީފައިވާ ފަރާތަކަށްވުން.
  6. ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކާބެހޭގޮތުން ހޭލުންތެރި ފަރާތަކަށްވުން.
  7. ކުންފުނީގެ ކަންކަމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުން.
  8. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 (ދޭއް) ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ނުވުން.
  9. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ޝަރުތުހަމަވާ ފަރާތަކަށްވުން).
  10. ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިވާ ނުވަތަ ޝަރުތު ފުރިހަމަ ނުވާ ފަރާތެއްކަމުގައި ނުވުން.
  11. ޑިރެކްޓަރުންގެ ނަޒަރުގައި ކުންފުންޏާއި ނުވަތަ، ކުންފުނީގެ ވިޔަފާރިއަކާއި ތަޢާރުޟުވާ ނުވަތަ، އެފަދަ ކުންފުންޏެއްގައި ނުވަތަ، ވިޔަފާރިއެއްގައި އެއްވެސް ސިފައެއްގައި ޝާމިލުވާ ނުވަތަ، ވަޒީފާ އަދާކުރާ ފަރާތަކަށް ނުވުން.
  12. މާލީ ރިޕޯޓްތައް ކިޔައި، ދެނަގަތުމުގެ ޤާބިލްކަން ލިބިފައިހުރި ފަރާތަކަށްވުން.
  13. ކުންފުނީގައި ނުވަތަ، ކުންފުނީގެ ސަބްސިޑަރީ، ޖޮއިންޓް ވެންޗަރ ނުވަތަ، އެސޯސިއޭޓް ކުންފުންޏެއްގައި ނުވަތަ، ކުންފުނީގެ ވިޔަފާރިއާ ފުށުއަރާ ވިޔަފާރިއެއް ހިންގާ ކުންފުންޏެއްގައި ނުވަތަ، ކޮމްޕެޓިޓަރ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ނުވަތަ، ފާއިތުވި 01 (އެކެއް) އަހަރުގެ ތެރޭގައި ވަޒީފާ އަދާކޮށްފައިވާ ފަރާތަކަށް ނުވުން.
  14. ފާއިތުވި 10 (ދިހައެއް) އަހަރުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.
  15. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި އެއްވެސް ޝަރުޢީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި ޙުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު އަދާނުކުރެވިވާ ސާބިތު ދަރަންޏެއް އޮތް ފަރާތެއްކަމުގައި ނުވުން.
  16. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ، މަސައްކަތެއްކުރުމުގެ ލައިސަންސް އުވާލާފައިވާ ފަރާތަކަށް ނުވުން.
  17. ބަނގުރޫޓްވެފައިވާ، ދަރަނިވެރިވެފައިވާ ނުވަތަ، ޤާނޫނާއި ޚިލާފުވެފައިވާ ނުވަތަ، އެފަދަ އެއްވެސް ދަޢުވާއެއް މިހާރު ރައްދުވާ ފަރާތެއް ނުވަތަ، އެފަދަ ދަޢުވާއެއް ރައްދުވާ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް، ޙިއްޞާދާރަކަށް ނުވަތަ، މެނޭޖަރެއްގެ ވަޒީފާ އަދާކުރާ / ނުވަތަ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  18. ވައްކަމާއި، މަކަރާއި ހީލަތް، ޚިޔާނާތް ނުވަތަ، ފައިސާގެ މުޢާމަލާތެއްގައި މަކަރު ހަދައި އޮޅުވާލުމުގެ ޢަމަލެއް ހިނގާފައިވާކަމަށް ކަމާބެހޭ ރަސްމީ އިދާރާއަކުން އެއްވެސް ބާވަތެއްގެ ތަޙުޤީޤެއް ހިންގާފައިވާ ފަރާތަކަށް ނުވުމާއި، އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

މަތީގައި ދެންނެވުނު ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި، އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 2019 މާރިޗް 27 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކުރައްވާ، ކުންފުނީގެ މައި އޮފީހަށް ނުވަތަ، [email protected] އީމެއިލް އެޑްރެހަށް ނުވަތަ، 3344533 (960) ފެކްސް ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3344383 (960) / 3344373 (960) ނަންބަރާ ގުޅުންވުން އެދެމެވެ.

"ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި، ކުންފުނީގެ ވެބްސައިޓް، www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ލިބިފައިވާ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރުކަމަށް ޝަރުޠުހަމަވާ ފަރާތްތައް، "ބޯޑު ކެނޑިޑަސީ ގައިޑްލައިން" އާ އެއްގޮތަށް ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިވޭލުއޭޓްކޮށް، އިންޓަވިއުކުރައްވާނެއެވެ.

"ބޯޑު ކެނޑިޑަސީ ގައިޑްލައިން" ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެންވެސް ހުންނާނެއެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ޙިއްޞާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. ޢާންމު ޙިއްޞާދާރުން ތަމްޞީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ޙިއްޞާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ވޯޓުދިނުން

ކުންފުނީގެ ހިންގާ ޤަވާއިދުގެ 45 ވަނަ މައްދާގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެންބަރަކަށްވެސް ދެވޭނީ 01 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ޙިއްޞާގެ ތަމްޞީލުކުރާ މެންބަރުން އެދިއްޖެނަމަ ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެންބަރަކަށްވެސް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް 01 (އެކެއް) ވޯޓު ދެވޭނެއެވެ.

ހަމަ މި ޤަވާއިދުގެ 46 ވަނަ މާއްދާގައިވާގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއާރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާރމަންއަށް ދެވިދާނެއެވެ. އަދި، މި ފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމްއަކަށް ނެގޭ ވޯޓުގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

05 މާރިޗު 2019