ޢާންމު މަޢުލޫމާތު
ނަންބަރު: 198-B/2013/40
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2013
ޕަބްލިޝްކުރި ގަޑި: 1638
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
1434ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދުބެލުން

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ.

ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢުބާން 1434 ( 8 ޖުލައި 2013 ) ވާ ހޯމަ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން މި ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅުކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ވީމާ، މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ  ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ، ދިއުމުގެ ޓެކްސީޚަރަދު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަނދާބެހޭގޮތުން  ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތެއްވާނަމަ މި ޑިޕާޓްމަންޓުގެ ނަންބަރު 3322303 ،3006245 ފޯނަށް ގުޅުއްވުން އެދެމެވެ. ރަށްރަށުގައިނަމަ ގުޅުއްވާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ.  މެޖިސްޓްރޭޓްނެތް ރަށެއްގައިނަމަ ގުޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށެވެ.

މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޝަޢުބާން  1434

2013-06-25