ދެންނެވުން
ނަންބަރު: (IUL)426-AB/426/2019/279
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 1613
ސުންގަޑި: 05 ސެޕްޓެންބަރު 2019 1400
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫގައި އަޅާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މި ސަރުކާރުގެ ބޯހިޔާވަހުކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ 20,000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތުގެ ތެރެއިން އައްޑޫސިޓީ ގެ އަވަށްތަކުގައި ތިރީގައިމިވާ ޢަދަދަށް ހައުސިންގ ޔުނިޓް އަޅާދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އަވަށް

ހައުސިންގ ޔުނިޓުގެ ޢަދަދު

ހިތަދޫ

712

މަރަދޫ

164

މަރަދޫފޭދޫ

81

ފޭދޫ

247

ހުޅުދޫ

165

މީދޫ

131

 

މި މަޝްރޫޢަކީ، ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން ގެދޮރު ޢިމާރާތް ނުކުރެވި ހުރުމުގެ ސަބަބުން ފަޅުވެފައިވާ ގިނަ ގޯތިތަކެއްގެ މައްސަލައަށް ޙައްލެއް ހޯދުމާއިއެކު، ގޯތި ލިބި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ޙާލުގައި އުޅޭ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަން ހޯދާދިނުމަށް މި ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، އައްޑޫސިޓީ އަށް ކަނޑައަޅުއްވާފައިވާ ހައުސިންގ ޔުނިޓް ތައް އެޅުމުގައި، އައްޑޫސިޓީގެ އެކިއަވަށްތަކުން މިހާރު ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޢިމާރާތް ނުކުރެވި ފަޅަށްހުރި ގޯތިތަކުގައި ގެ އެޅުމަށް އެދޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި އަލަށް ދޫކުރެވޭ ގޯތިތަކުގައި ވެސް މި މަޝްރޫޢުގެދަށުން ގެ އެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

 

މި މަޝްރޫޢުގެދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރި،3 ފާޚާނާ، ސިޓީންގރޫމް،ބަދިގެ ހިމެނޭ ގެތަކެވެ. 900 އަކަފޫޓުގެ ބޮޑުމިނުގައި ޢިމާރާތްކުރެވޭ މިގެތައް އެއްބުރިއަށް ނުވަތަ 2 ބުރިއަށްވެސް ޢިމާރާތް ކޮށްދެވޭނެއެވެ.

 

ގޯތީގައި ގެ ޢިމާރާތްކޮށްދިނުމުގައި ބަލާނެ ކަންކަން:

1- ޢިމާރާތް ކުރުމަށް ކަނޑައެޅޭ ގޯއްޗަކީ އެ ގޯތީގައި ގެ އެޅުމަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ކަމުގައިވުން

2- އެމީހެއްގެ އަމިއްލަ ނަމުގައި ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ އެއްވެސް ސްކީމަކުން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން

3- ލިބިފައިވާ ގޯތި ނުވަތަ ގޯތީގެ ބައިގައި ދާއިމީ ޢިމާރާތެއް ހެދިފައި ނުވުން (ދާއިމީ ޢިމާރާތެއްގެ ގޮތުގައި ބެލެވޭނީ ދިރިއުޅޭ ފެންވަރަށް ޢިމާރާތްކޮށް ނިންމާފައިވާ ޢިމާރާތެއް ކަމުގައިވާނަމަ )

4- އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗެއްގައި ޢިމާރާތްކުރުމަށް އެދޭނަމަ، އެފަދަ ގޯއްޗެއްގެ ހުރިހާ މިލްކުވެރިން އެކަމަށް އެއްބަސްވާންވާނެ.

5- މި އުޞޫލުގެ ދަށުން ގޯތީގައި ގެ ޢިމާރާތްކުރުމަށް ޝަރުޠު ފުރިހަމަވެ، ދެމަފިރިން ހޮވިއްޖެނަމަ، 2 ފަރާތުން އެއްބަސްވާ އެއް ގޯތީގައި ޢިމާރާތްކޮށްދިނުން.

6- ޢިމާރާތް ކުރުމަށް އެދޭ ގޯއްޗަކީ ރަޙުނުކުރެވިފައިވާ ގޯއްޗެއްނަމަ، ރަޙުނު ބެހެއްޓި މާލީ އިދާރާގެ ހުއްދަ ދިންކަން އެގޭނެ ލިޔުން އޮތުން.

7- ޢިމާރާތްކުރުމަށް އެދި ހުށަހަޅާ ބިމަކީ ޢިމާރާތްކުރެވޭފަދަ ބިމަކަށް ވާންވާނެ. އެގޮތުން އެ ބިމަކީ ޗަކަ ބިމަކަށް ނުވަތަ ރަށުގެ ޤުދުރަތީ ނިޒާމުގެތެރެއިން ފެން ހިނދޭ ބިމަކަށް ވެގެން ނުވާނެ. އަދި ޢިމާރާތްކުރުމަށް ދަތިވާގޮތަށް އިތުރު ބިނާއެއް ހުރި ބިމަކަށް ވެގެން ނުވާނެ.

 

ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ގޮތް:

1- ފައިސާ ދައްކަން ފަށާނީ ޢިމާރާތްކޮށްނިމި އެފަރާތާއި ޢިމާރާތް ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ.

2- މި ޕްރޮގްރާމުގެދަށުން،ޢިމާރާތްކުރާ ގެ ތަކަށް ފައިސާ ދެއްކުމަށް ލިބޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ދުވަހެވެ.

3- މި ޕްރޮގްރާމް ގެދަށުން ޢިމާރާތްކުރާ ގެތަކަށް ޑައުންޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

4- މި ޕްރޮގްރާމުގެ ދަށުން ޢިމާރާތްކުރާ ގެތަކުގެ އަގު ދައްކާ ނިމެންދެން ގެ ރަހުނު ކުރެވޭނެއެވެ.

 

ޕޮއިންޓް ދެވޭނެ ގޮތް:

ޢުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތެއްނަމަ 07 ޕޮއިންޓް

ޢުމުރުން 30 އަހަރުން މަތީގެ ފަރާތެއްނަމަ 10 ޕޮއިންޓް

ޢުމުރުން 18 އަހަރު ނުފުރޭ 1 ނުވަތަ 2 ދަރިން ތިބިނަމަ 05 ޕޮއިންޓް

ޢުމުރުން 18 އަހަރު ނުފުރޭ 3 ނުވަތަ 4 ދަރިން ތިބިނަމަ 07 ޕޮއިންޓް

ޢުމުރުން 18 އަހަރު ނުފުރޭ 4 ދަރިންނަށްވުރެ ގިނަ ދަރިން ތިބިނަމަ 10 ޕޮއިންޓް

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް/ ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ 07 ޕޮއިންޓް

 

ވީމާ، މި ޕްރޮގްރާމުގެ ދަށުން ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކުން  "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ގައި ހިމެނޭ ހައުސިން ޔުނިޓް އަޅާދިނުމުގެ މަޝްރޫޢުގެ ދަށުން  ގޯތީގައި ގެ އެޅުމަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް  05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދޭ ފޯމު މިއިދާރާ އާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމު މިއިދާރާގެ ވެބްސައިޓު www.adducity.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003، ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

07 ޛުލްޙިއްޖާ 1440

2019-08-08