ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން.

ހއ. މޮޅަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން.

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުމަތިން އެންފަހުން ގޯތި ދޫކުރި ސަރަހައްދުގެ އިރަށް މަގެއް ނެގުމަށް ފަހު މަގުގެ އިރުން 2000 އަކަފޫޓު (50*40) ގެ 20 (ވިހި) ގޯއްޗެވެ.

ގޯއްޗަށް އެދޭފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި ޕޮއިންޓް ދެވޭނެ އުސޫލުތައް ތިރީގައި އެވަނީއެވެ.

 ގޯއްޗަށް އެދޭފަރާތުގައި ހުންނަން ޖެހޭ ޝަރުތު:

1-     ދިވެހިރައްޔިތެއް ކަމުގައިވުން.

2-     ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން.

3-     ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.

4-     ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން.

5-     ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.

6-     ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެތެރޭ މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން

7-     ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެންއޮތް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން

8-     ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތް ކޮށްފައި ނުވަތަ ވަކިން ޢިމާރާތްކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން ( މިގޮތަށް ދޫކޮށްލުމަށް އެބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީ ކޮށްދެވޭނީ ތަރިކައިން ލިބެންއޮތް ގޯތި ނުވަތަ ލިބެންއޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމުމަށް ފަހުގައެވެ.)

9-    ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

 

ގޯއްޗަށްއެދޭމީހުންނަށްޕޮއިންޓްދިނުމުގެއުޞޫލް

1. ކައިވެނީގެ ބައި :

ހ.

މީހަކާ އިނދެގެންހުރިނަމަ

25 ޕޮއިންޓް

ށ.

ކުރިން މީހަކާއިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ    

20 ޕޮއިންޓް

2. ޢުމުރުގެ ބައި :

ހ.

ޢުމުރުން 18 - 25 އަހަރާ ދެމެދު ނަމަ     

05 ޕޮއިންޓް

ށ.

ޢުމުރުން 25 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް)          

07 ޕޮއިންޓް

3. ދަރިންގެ ބައި:

ހ.

18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

05 ޕޮއިންޓް

ށ.

18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް      

(މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

04 ޕޮއިންޓް

ނ.

ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ        

03 ޕޮއިންޓް

ރ

ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ  1 ކުއްޖަކަށްވުރެ

ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)

04 ޕޮއިންޓް

4- މައިންބަފައިންގެ ބައި :

ހ.

މަންމަ ބަލަމުންގެންދާނަމަ

03 ޕޮއިންޓް

ށ.

ބައްޕަ ބަލަމުންގެންދާނަމަ

03 ޕޮއިންޓް

ނ.

މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ

03 ޕޮއިންޓް

5- ރައްވެހިކަމުގެބައި :

ހ.

ރަށުގެ ރައްވެއްސެއްނަމަ

20 ޕޮއިންޓް

ށ.

ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ދިރިއުޅޭތާ 5 އަހަރު ވެފައިވާނަމަ

15 ޕޮއިންޓް

ނ.

ރަށުގައި ދިރިއުޅޭތާ 2 އަހަރުވެފައިވާ މީހެއްނަމަ (ރަށުގެ ރަށްވެހިން އަދި ރަށުގެ ރައްވެއްސެއް ނޫންނަމަވެސް)

10 ޕޮއިންޓް

                                     

6- ޕޮއިންޓް އުނިކުރުން :

ހ.

އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ

25 ޕޮއިންޓް

ށ.

ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި މަންމަގެ ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ

10 ޕޮއިންޓް

ނ.

ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ބައްޕަގެ ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ

10 ޕޮއިންޓް

ރ

ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް

05 ޕޮއިންޓް

ބ

ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް

05 ޕޮއިންޓް

ޅ.

ރަށުގައި ދިރިނޫޅޭތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައި ވާނަމަ

05 ޕޮއިންޓް

  

އިތުރު ތަފްޞީލް :

  •  ނަންބަރ 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. އަދި މިބައިން މާކްސް ލިބޭނީ ލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ކަމުގައި ވާނަމައެވެ.
  • ނަންބަރ 02 ގައިވާ ޢުމުރުގެ ބައި ބަލާނި ގޯތި ދޫކުރުމަށް ކުރި އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚް އަށެވެ.
  • ނަންބަރ 03 ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމަލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބިދަރިންނަށެވެ. ( މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭމީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.)
  • ނަންބަރ 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.
  • ނަންބަރ 04 ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކު ބަލަމުންދާނަމައެވެ.
  • ނަންބަރު 6 ގެ (ޅ) ގައިވާ ރަށުގައި ދިރިނޫޅޭކަމަށް ބެލެވޭނީ، ޢާއިލާއާއެކު ރަށުން ބޭރަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ފަރާތްތަކެވެ. ޢާއިލާކަމުގައި ބަލާނީ، ފިރިމީހާ / އަނބިމީހާ / ދަރިންނެވެ. ތަޢުލީމު ހާސިލުކުރުމަށާ އާމްދަނީ ހޯދުމަށް ރަށުން ބޭރުގައި ތިބި ފަރާތްތަކަކީ ރަށުގައި ދިރިނޫޅޭ ފަރާތްތަކެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
  • ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތިދޭ ތާރީޚް އަށެވެ.

 

ގޯތި ލިބޭގޮތް :

  • ގޯތި ލިބޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ބަލައިގެންނެވެ.
  • ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

ގޯއްޗަށް އެދޭފަރާތްތަކުން ގޯއްޗައްއެދޭ ފޯމްފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 26 މާރިޗު 2019 ވަނަ ދުވަހުން ފެށިގެން 30 އެޕްރީލް 2019 ވަނަދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 13:00 ށް މިއިދާރާއިންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 މާރިޗު 2019
ހޯދާ