އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސް ބަޔާން

 

ނޫސް ބަޔާން

 

              މިރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލެވިފައިވަނީ 5 މާޗް 2015 އިން 12 މާޗް 2015 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް އެން ޔޫ) ގެ ސިވިލް އިންޖިނިއަރިން ޑިގްރީ ފައިނަލް އިޔާ ގެ ދަރިވަރުންތަކެއް މިކައުންސިލާއި އެމް އެން ޔޫ އާއި ގުޅިގެން މިރަށަށް ޒިޔާރަތްކޮށް، މިރަށުގެ ހުރިހާ ގެ އަކަށާއި އަދި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާ ތަކަށް ޒިޔާރަތްކޮށް އެކުލަވާލި ސާވޭ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ އިން ނެވެ.

 

              29 އޮކްޓޯބަރ 2015 ދުވަހުގެ ރޭ 21:00 ގައި މިރަށު ރައްޔިތުންނާ ބައްދަލުކުރުމަށް މިރަށު ޔޫތު ސެންޓަރ ގައި ބޭއްވި ބައްދަލުވުމުގައި މިރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދީ މަޝްވަރާކުރެވުނެވެ.

 

              މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ އިން މިރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދެއްވާފައިވަނީ 03 އޮގަސްޓް 2016 ގައެވެ. އަދި 30 އޮގަސްޓް 2016 ދުވަހު ރައީސުލްޖުމްހޫރިއް މިރަށުން 9 ބިމެއް ހިމެނޭ 72667 އަކަ ފޫޓް ގެ ބިން ގެސްޓްހައުސް ޒޯން އެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މިކައުންސިލާ ދެމެދު 23 އޮކްޓޯބަރު 2016 ދުވަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގެ ދަށުން ގެސްޓް ހައުސް އެޅުމަށް ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް މިކައުންސިލާ ހަވާލުކުރުމާ ގުޅިގެން، ރަށުގެ ވިޔަފާރިވެރިންނާ އޮޑިވެރިންނާ އަދި އެކި އެކި ފަންނީ ބޭފުޅުން ހިމެނޭގޮތަށް މިރަށުން ގެސްޓް ހައުސް އެޅުމަށް ބިން ކުއްޔަށް ދޫކުރުމުގެ ކަންކަން ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ވަނީ ސިލްސިލާ ބައްދަލުވުންތަކެއް މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި ބޭއްވިފައެވެ.  30 ޖުލައި 2017 ދުވަހުއާއި އަދި 31 ޖުލައި 2018 ވަނަ ދުވަހު މިކައުންސިލުން ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރަށު ޔޫތު ސެންޓަރުގައި ބޭއްވުނު ބައްދަލުވުންތަކުގައި މިރަށުން ގެސްޓް ހައުސް އެޅުމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާމެދު ބައްދަލުވުމަށް ހާޒިރުވި ރައްޔިތުންނަށް ވަނީ މައުލޫމާތު ހިއްސާކުރެވި މަޝްވަރާކުރެވިފައެވެ.

 

              މިރަށުން ގެސްޓް ހައުސް އެޅުމަށް ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ބިޑް ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށާއި އަދި މިމަސައްކަތުގައި ޤާނޫނީ ލަފާދިނުމަށް އިއުލާންކޮށްގެން ކޮންސަލްޓަންޓަކު އަށްޔަންކުރެވުނެވެ. 30 އޮގަސްޓް 2018 ދުވަހު ގެސްޓްހައުސްއެޅުމަށް މިރަށުން 5000 އަކަ ފޫޓްގެ 4 ބިމެއް ކުއްޔަށްދޫކުރުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށް ބިޑަށް ހުޅުވާލެވުނެވެ. ބިޑަށް ހުޅުވާލެވުނު 4 ބިމުގެ ތެރެއިން 3 ބިމަކަށް ޝައުގުވެރިކަން ފާޅުކޮށް 7 ފަރާތަކުން ބިޑް ހުށަހެޅުއްވިއެވެ. މިހުށަހެޅުނު ބިޑްތައް ދިރާސާކޮށް އިވެލުއޭޓް ކޮށްފައިވަނީ މިކައުންސިލްގެ އިދާރާގެ 4 މުވައްޒަފުންނާއި އަދި ކޮންސަލްޓެންޓްގެ ޓީމްގައި ހިމެނޭ 2 ޤާނޫނީ ވަކީލުން ހިމެނޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

 

              ބިންތަކަށް ހުށަހެޅުނު ބިޑްތައް އިވެލުއޭތްކޮށް ބިޑް އިވެލުއޭޝަން ކޮމިޓީ އިން އެކުލަވާލި ރިޕޯޓް މިނިސްޓްރީ އޮފް ޓްއަރިޒަމް އަށް ހުށަހެޅުމުން، ބިޑް ކުރުމާއި އަދި ބިޑް އިވެލުއޭޓްކުރުމުގެ މަސައްކަތުގައި ކަރަޕްޝަންއަށް މަގުފަހިވާ އަމަލެއް ހިމެނިފައިވޭތޯ ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ އެންޓިކަރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވާފައެވެ. އެންޓި ކަރަޕްޝަންގެ ނަންބަރު 123-B/88/2018/19 (13 ނޮވެންބަރު 2018) ސިޓީ އިން ވަނީ ބިޑްކުރުމާއި ބިޑް އިވެލުއޭޓް ކުރުމުގެ ކަންކަމުގައި ކަރަޕްޝަން އަށް މަގުފަހިވާ އަމަލެއް ނުހިމެނޭކަމަށް ނިންމަބައި،  ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި، ބިޑްތައް އިވެލުއޭޓްކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން ބިޑް އިވެލުއޭޓްކުރުމުން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް އެކޮމިޝަނަށް ފެންނަކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ދަންނަވާފައެވެ. ބީލަން ނާކާމިޔާބުވި ފަރާތްތަކަށް އެކަން އަންގަވާ ބީލަން ކާމިޔާބުކުރި ފަރާތަށް "އެވާޑް ލެޓަރ" ދޫކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ނަންބަރު 88-PS/355/2018/3 (14 ނޮވެންބަރު 2018) ސިޓީ އިން ވަނީ މިކައުންސިލަށް އަންގަވާފައެވެ.

 

              ވީމާ މިރަށުރައްޔިތުންނަށް އޮޅުން އަރާގޮތަށް އަދި ކައުންސިލްގެ ތަސައްވަރު ކިނލަބުވާގޮތަށް ބައެއް ފަރާތްތަކުން ރަށު ތެރޭގައާއި ސޯސަލް މީޑިއާގައި ހަބަރު ފަތުރަމުންދާތީ، މިރަށުން ގެސްޓްހައުސް އެޅުމަށް ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން މަސައްކަތް ކުރަމުން މިގެންދަނީ އެކަމާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންގެ ހިޔާލާ މަޝްވަރާ ވެސް ހޯދުމަށްފަހު ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި އަދި ޤަވާއިދުތަކާ ހިލާފުނުވާނެގޮތުގެ މަތިން އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ އަމަލެއް މިމަސައްކަތުގައި ނުހިމެނޭ ގޮތުގެ މަތިންކަމުގައި ދަންނަވަމެވެ.

 

            

14 ފެބުރުވަރީ 2019
ހޯދާ