އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް 2019 އަށް އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމާ ގުޅޭ

ނަންބަރ: A)AB-2019/15)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް 2019 އަށް އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމާ ގުޅޭ:

2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ހިންގުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރާނެ 70 (ހަތްދިހަ) މީހުން ބޭނުން ވެއްޖެއެވެ. އަދި މާރޗް 9 އިން 15 އަށް މިޓްރެއިނަރުންނަށް މާލޭގައި ޓްރެއިނިންގ ޕްރޮގްރާމެއް ހިންގޭނެއެވެ.

މިކަމަށް ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރާނީ މިކޮމިޝަނުންނެވެ. އަދި، މި ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް މިކޮމިޝަނާއެކު އިޤްރާރު ކުރެވި، އަތޮޅުގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން މި ކޮމިޝަނަށް ފޮނުވާ އެޕްލިކޭޝަނާއި ލިޔުންތަށް ފޮނުވާނީ [email protected] އަށް ނުވަތަ ހުށައަޅާނީ ކޮމިޝަނުގެ ރިސެޕްޝަނަށެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ އާއި ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަންދެވޭނެއެވެ.

މަސްޢޫލިއްޔަތު:

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުން.

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަތޮޅުތަކަށް ފޮނުވާ ވޯޓު ކަރުދާސްތަކާއި ކަމާބެހޭ އެހެނިހެން ސާމާނު މާލެއިން އަތޮޅުތަކަށް ގެންދިޔުމާއި އަދި ވޯޓުލާ ނިމުމުން އެ ތަކެތި އަނބުރާ މާލެ ގެނައުން.

- ވޯޓުލާ ދުވަހު ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ލަފާގެ މަތިން ދޭންޖެހޭ ފަންނީ ލަފަޔާއި އެހީތެރިކަން ވޯޓުލާ މަރުކަޒުގެ ވެރިންނަށް ދިނުން.

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުމުން މަސައްކަތް ހިނގައި ދިޔަގޮތާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

- އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރުން.

- މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޟިލުކޮށްފައިވުން.

- ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

14 ޖުމާދުލްޢޫލާ 1440

20 ޖަނަވަރީ 2019
ހޯދާ