މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވިޔަފާރި ނުކުރާ ފަރާތްތަކުން ރަޖިސްޓްރީން އުނިކުރުމަށް އެދުން

އިޢުލާން

 

 

މި އޮތޯރިޓީގެ ނަންބަރު IUL)220-RGS/INDIV/2019/1)ނ 16 ޖަނަވަރީ 2019) އިޢުލާނާ ގުޅިގެން ލިބެމުންދާ ބައެއް ސުވާލުތަކާގުޅިގެން، އެކަން ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

 

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 21 ވަނަ މާއްދާގައިވާގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރާ ކުންފުނިތަކުގެ މައުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން މީރާއަށް އަންގަން ޖެހެއެވެ. އަދި، އެ ޤާނޫނުގެ 23 ވަނަ މާއްދާގައިވާގޮތުން އެ ކުންފުނިތައް "ޓެކްސް ދައްކާ ފަރާތެއް" ގެ ގޮތުގައި މީރާގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައިވާގޮތުން ކުންފުނިތަކުން ވިޔަފާރި ނުކުރިކަމުގައި ވިޔަސް ކޮންމެ ޓެކްސް އަހަރެއްގައި ޓެކްސް ބަޔާން ތައްޔާރުކޮށް ހުށަހަޅަން ޖެހެއެވެ. އަދި ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީޚުގައި ހުށަނާޅައިފިނަމަ، ގާނޫނުގައިވާގޮތުން ޖޫރިމަނާ ވެއެވެ.

 

ކުންފުނިތަކުން ވިޔަފާރިއެއް ނުކުރިކަމުގައިވިޔަސް މީރާގައި ރަޖިސްޓަރީކުރަންޖެހުމާއި، އެއްވެސް ވިޔަފާރިއެއް ނުކުރިޔަސް ޓެކްސް ބަޔާން ހުށަހަޅަންޖެހުމާއި، ޓެކްސް ބަޔާން ހުށަނޭޅިގެން ޖޫރިމަނާވުމަކީ ކުންފުނިތަކަށް ތަކުލީފެއްކަމުގައި ފާހަގަކޮށް ޝަކުވާ ލިބެމުންދިޔަނަމަވެސް، މިކަންތައްތަކަކީ ސީދާ ޤާނޫނުގައި ކަނޑައަޅައިފައިވާ ކަންތައްތަކެއް ކަމުން މިކަންކަމަކީ ކުންފުނި އުވާނުލައިހާހިނދަކު ކޮންމެހެން ކުރަން ޖެހޭ ކަންކަމެކެވެ.

 

ވީމާ، ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރިނުކުރާ އަދި އުވާލުމަށް ބޭނުންވާ ކުންފުނިތައް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅުއްވައިގެން އުވާލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަމެވެ. އަދި، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ކުންފުނި އުވާލުމުން، ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އެ ފަރާތްތައް އުނިކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

 

11 ޖުމާދަލްއޫލާ 1440

 

 

17 ޖަނަވަރީ 2019
ހޯދާ