ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީން ކުރާ އިންސްޕެކްޝަންތަކާ ގުޅޭ

އިޢުލާން

ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2008/2) ގެ 80 ވަނަ މާއްދާގެ ދަށުން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރު ކުރުމުގެ ގޮތުން، މި އޮތޯރިޓީން ކުރާ އިންސްޕެކްޝަން ތަކުގައި، ރިސޯޓްތަކާއި ސިނާޢީ މަސައްކަތް ކުރާތަންތަނާއި، މިނޫންވެސް ވަޒީފާގެ މާޙައުލުގައި މީހުން ގެންގުޅޭ ތަންތަން ދަނީ ބަލައި ޗެކު ކުރަމުންނެވެ. މި އިންސްޕެކްޝަން ތަކުގައި، ވަޒީފާއާ ބެހޭ އޮފިސަރުންނަށް ޤާނޫނީ ގޮތުން ލިބިދޭ ބާރުގެ ދަށުން، އެމީހުންގެ ވާޖިބު އަދާ ކުރުމުގައި ހޯދަން ބޭނުންވާ މައުލޫމާތު ދިނުމަށް، ބައެއް ފަރާތްތަކުން އިންކާރު ކުރަމުންދާކަން ފާހަގަކުރެވިފައި ވެއެވެ.

     ވަޒީފާއާބެހޭ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން، ތިރީގައިއެވާ ކަންތައްތައް ކުރުމުގެ ޤާނޫނީ ބާރު، ވަޒީފާއާ ބެހޭ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. ކުރިން އެންގުމަކާނުލައި ކޮންމެ ވަގުތެއްގައިވެސް މަސައްކަތްކުރާ ތަނަކަށްވަދެ އެތަނެއް ބަލައި ފާސްކޮށް އެތަނުގެ މީހުންނާ ސުވާލުކުރުން.
  2. ވަޒީފާ އަދާކުރުމާއި މަސައްކަތް ކުރުމާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ރިކޯޑެއް، ފޮތެއް، ދަފްތަރެއް ނުވަތަ ލިޔުމެއް، އެގޮތުގައި ބަލަހައްޓާތޯ ކަށަވަރުކުރުމަށްޓަކައި އެފަދަތަކެތި ހުށަހެޅުމަށް އަންގައި، އެފަދަ އެއްޗެއް ހުށަހެޅުމުން، އެފަދަ ތަކެތީގެ ކޮޕީ ހެދުން ނުވަތަ އެތަކެތިން މަޢުލޫމާތު ނެގުން.
  3. މުވައްޒަފުންގެ މަސައްކަތް ކުރަމުންދާ ޙާލަތާ ގުޅޭގޮތުންނާ، އެމީހުންގެ އުޖޫރައާއި މަސައްކަތްކުރާ ގަޑިތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުން.

     ވީމާ، ވަޒީފާއާ ބެހޭ އޮފިސަރުންނަށް، ޤާނޫނީ ގޮތުން ލިބިދޭ ބާރުގެ ދަށުން އެމީހުންގެ ވާޖިބު އަދާކުރުމުގައި، ނުވަތަ ކުރަންޖެހޭ ކަމަކާ ގުޅޭގޮތުން، ކަމެއްކުރުމަށް މީހަކަށް އެންގުމުން އެކަމެއް ނުކުރުމަކީ ޤާނޫނީ ކުށެކެވެ. އަދި ކުރިޔަށް އޮތް ތަނުގައި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ. 

15 ނޮވެންބަރު 2018
ހޯދާ