ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތުހުޅުވާލުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 183 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވާތީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 22 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 02:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމުގައެވެ. އަދި މި މާއްދާގެ (ނ) ގައި، މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމުގައެވެ.
ކޮމިޝަނުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް :
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެމަތިން، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރަންވާނީ، ކޮމިޝަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ތަޢުލީމީ ޤާބިލުކަން ހުރި މީހުންގެ ތެރެއިން، އެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ސިފަތައް ފުރިހަމަވާ މީހުންނެވެ.
1- ދިވެހި ރައްޔިތަކު ކަމުގައިވުން.
2- މުސްލިމަކު ކަމުގައިވުން.
3- ބުއްދި ސަލާމަތުން ހުރުން.
4- ޢުމުރުން 30 އަހަރުވެފައިވުން.
5- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
6- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
7- އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
8- ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކުރުމަށްފަހު، ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުން.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި އިޤުރާރު ދޫކުރުން، އަދި ފޯމާއި އިޤުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި މި ފޯމާއި އިޤުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.majlis.gov.mv އެވެ.
06 ރަބީއުލްއައްވަލު 1440
14 ނޮވެންބަރު 2018