މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018 ގެ މޮނީޓަރ ކުރާ ފަރާތްތަކާއި އޮބްޒަރވަރުންގެ ގޮތުގައި ރާއްޖެއަށް އަންނަ ފަރާތްތަކުގެ ސަމާލުކަމަށް

23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާރވު ކުރުމަށާއި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އަންނަން ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ވިސާއެވެ. މި ވިސާ ދޫކުރެވޭނީ، އޮބްޒަރވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ނުވަތަ މޮނީޓަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކަށް އެކަންޏެވެ. ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވުމަށްފަހު އިލެކްޝަން އޮބްޒަރވްކުރުން ނުވަތަ މޮނީޓަރ ކުރުންފަދަ މަސައްކަތެއް ކުރުމަކީ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފު ކަމެކެވެ. އެހެންކަމުން ޓުއަރިސްޓް ވިސާގައި އެތެރެވެ އިންތިޚާބު ކަވަރކުރުމުގެ އެއްވެސް މަސައްކަތެއްގައި ޝާމިލުވާ ފަރާތްތަކާއިމެދު އިމިގްރޭޝަން ޤާނޫނުގައި ވާގޮތުގެ މަތީން ފިޔަވަޅު އަޅާނެކަން ވެސް މި ފުރުޞަތުގައި ހަނދާން ކޮށްދެމެވެ.

ވީމާ، ބިޒްނަސް ވިސާ ޤަވައިދުގައި ބުނެފައިވާ ލިޔެކިއުންތަކުގެ އިތުރުން، ރިޔާސީ އިންތިޚާބު ކަވަރ ކުރުމަށް ދީފައިވާ ހުއްދައާއިއެކު ބިޒްނަސް ވިސާ ޤަވައިދުގައި ވިސާއަށް އެދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވިސާއަށް އެދި ހުށަހެޅުމަށް އަންގަމެވެ.

ފުރިހަމަ ނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާތިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިލެކްޝަންސް 2018 ކަވަރ ކުރުމަށް އަންނަ ފަރާތްތައް ރާއްޖެއަށް އަންނަންވާނީ ބިޒްނަސް ވިސާ އެޕްރޫވްވުމުންނެވެ. ބިޒްނަސް ވިސާ އެޕްރޫވްވުމުގެ ކުރީން އަންނަ ފަރާތްތައް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލެެވޭނެކަން ވެސް މި ފުރުޞަތުގައި ހަނދާން ކޮށްދެމެވެ.       

އިލެކްޝަންސް 2018 ކަވަރު ކުރުމަށް ބިޒްނަސް ވިސާއަށް އެދި ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 15 ސެޕްޓެމްބަރ 2018 ކަމުގައި ހަމަޖެހިފައިވާ ވާހަކަ މި ފުރުޞަތުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 އޮގަސްޓް 2018
ހޯދާ