މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"އިނޮވެޓިވް ފައިނޭންސިންގ" ސްކީމަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާނު

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމްޓް އިން، މީޑިއާ ޕްރޮޑަކްޝަންގެ ވިޔަފާރީތަކަށް އަމާޒުކޮށްގެން "ފަސޭހަ މަދަދު" ދެވަނަ ފިޔަވަހީގެ ދަށުން ހިންގުމަށް  ހަމަޖެހިފައިވާ "އިނޮވެޓިވް ފައިނޭންސިންގ" ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ހިންގާ މި ސްކީމުގައި މި މިނިސްޓްރީން، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް (ބީއެމްއެލް އިސްލާމިކް) މެދުވެރިކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 7,710,000 (ހަތް މިލިއަން ހަތްސަތޭކަ ދިހަ ހާސް) ދިވެހި ރުފިޔާ އެވެ.

"އިނޮވެޓިވް ފައިނޭންސިންގ" ސްކީމު ހިންގުމަށް ހަމަޖެހިފައިވަނީ އަންނަނިވި އުސޫލުތަކުގެ މަތީންނެވެ.

  1.  ސްކީމްގެ ދަށުން ފައިނޭންސްކުރުމަށް ކަނޑައެޅިފައިވާ ދާއިރާ

1.1    މި ސްކީމްގެ ދަށުން ފައިނޭންސް ކުރުމަށް ކަނޑައެޅިފައިވާ އިގްތިޞާދީ ދާއިރާއަކީ:

 މީޑިއާ ޕްރޮޑަކްޝަން ހައުސް ހިންގުމަށް ބޭނުންވާ ތަކެއްޗާއި އާލާތް ގަތުމަށް

 

  1. ސްކީމްގެ ދަށުން ފައިނޭންސްކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތައް

2.1    މި ސްކީމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅޭނީ، މަދުވެގެން 4 ޝެއަރހޯލްޑަރުން ނުވަތަ ޕާޓްނަރުންގެ ވިޔަފާރި، ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އެއް ގޮތުގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރާ ގޮތަށެވެ.  

2.2    ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ނަމަ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން، މި ސްކީމަށް ހޮވުމުން ވިޔަފާރި ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި އެސްއެމްއީ އެއް ގޮތަށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

2.3    މި ސްކީމުގައި ބައިވެރިވުމަށް ހުށަހަޅުއްވާ ފަރާތްތަކަކީ، ސްކީމަށް އެދި ހުށަހަޅާ އިރު، އުމުރުން 60 އަހަރުން ދަށުގެ ފަރާތްތަކަށް ވާންވާނެއެވެ. އަންހެން ބައިވެރިންނާއި ޒުވާނުންނަށް އިސްކަންދެވޭނެއެވެ. ޒުވާނުންގެ ގޮތުގައި ބަލާނީ މި އިޢުލާނުގައިވާ އެޕްލިކޭޝަން ބަލައިގަންނަން ކަނޑައަޅާފައިވާ ތާރީޚާ ހަމައަށް މީލާދީ ސަނަތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށެވެ.

2.4    މި ސްކީމުގައި ބައިވެރިވާ ފަރާތްތަކުން ސްކީމަށް ހޮވުމުން ވިޔަފާރީގެ ނަމުގައި ވަދީޢާ ބިޒްނަސް އެކައުންޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް އިސްލާމިކް) ގައި ހުޅުވަން ވާނެއެވެ. އެކައުންޓް ހުޅުވުމަށް ބޭންކުގެ ބްރާންޗުތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

2.5    މި ސްކީމުގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ 500,000 ދިވެހި ރުފިޔާގެ އަގުހުރި ތަކެތި ނުވަތަ އާލާތްތަކަށެވެ. އަދި އެންމެ ދަށް އަދަދަކީ150,000  ދިވެހި ރުފިޔާގެ އަގު ހުރި ތަކެއްޗެވެ. މި ތަކެއްޗަކީ މި އިޢުލާނުގެ ޖަދުވަލުގައި ހަވާލާދެވިފައިވާ ތަކެތީގެ ލިސްޓުގައި ބަޔާން ކޮށްފައިވާ ތަކެތި/ އާލާތް ކަމުގައި ވާންޖެހޭނެއެވެ. 

           

  1. އަމިއްލަ ފައިސާ އިންވެސްޓް ކުރުން:

-          މި ސްކީމަށް އެދޭ ފަރާތުން އަމިއްލަ ފައިސާއެއް ހުށަހެޅޭ ވިޔަފާރީގައި އިންވެސްޓް ކުރުން ލާޒިމެއްނޫނެވެ.

ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ހިންގުމަށް މި ސްކީމުން ހަމަޖެހޭ ފައިނޭންސްގެ އިތުރުން ފައިސާއެއް ބޭނުންވާ ނަމަ، އެފައިސާ އަމިއްލައަށް އިންވެސްޓްކޮށްފައި ހުންނަންވާނެއެވެ.

  1. ފައިދާ:

-          ފައިދާގެ އަދަދު ކަނޑައަޅާނީ އަގު އަދާކުރުމަށް ހުށަހަޅާ މުއްދަތާއި ތާވަލަށް ރިއާޔަތްކޮށް، އަހަރަކަށް 7% ގެ ރޭޓުގައި އިސްލާމިކް ބޭންކިންގ އުސޫލުންނެވެ.

  1. މުއްދަތު:

-          ދަރަނި އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިއާޔަތް ކުރުމަށްފަހު، 9 އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށެވެ. މި މުއްދަތުގައި ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑް އެއް  ދެވިދާނެއެވެ. ދަރަނި އަދާ ކުރަން ދަތިވާ ފަދަ މަގުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، ކްރެޑިޓް އިވެލުއޭޝަން އަށްފަހު، ދަރަނި އަދާކުރަން އެއްބަސްވާ ތާވަލަށް ބަދަލު ގެންނަން ނުވަތަ މުއްދަތު އިތުރުކުރަން އެދެވިދާނެއެވެ. މިފަދަ ލުޔެއް ދިނުމަކީ ބޭންކުގެ އިޚްތިޔާރުގައިވާ ކަމެކެވެ.

-          ދަރަނި އަދާ ކުރާ ފަރާތެއްގެ އުމުރުން 65 އަހަރު ވާދުވަހަށް ވުރެ ފަހު ދުވަހަކަށް ދަރަނި އަދާކުރާ މުއްދަތު އިތުރުކުރެވޭނީ، ދަރަންޏަށް ޒިންމާވާ އެހެނިހެން ފަރާތްތަކުގެ އާމްދަނީއިން ދަރަނި ދެއްކޭނަމައެވެ.

 

  1. ސެކިއުރިޓީ:

ރަހުނުކުރުން:

-          އަގު އަދާކޮށް ނިމެންދެން ރަހުނުގެ ގޮތުގައި ބަހައްޓަންޖެހޭނީ،  މި ސްކީމުގެ ފައިސާއިން ގަންނަ ތަކެތީގެ ތެރެއިން ފައިނޭންސް ކުރެވިފައިވާ ޖުމްލަ ތަކެތީގެ %30 އެވެ.

  1. ގެރެންޓީ ދިނުން: ހުށަހަޅާ ވިޔަފާރީގެ ވެރިފަރާތްތަކުން ދަރަންޏަށް ފުރިހަމައަށް ޒިންމާ ވާނެކަމުގެ ގެރެންޓީ އެއްހުށައަޅަންވާނެއެވެ.  
  2. ތަކަފުލް (އިންޝުއަރެންސް): މި ސްކީމުގެ ދަށުން ފައިނޭންސް ކުރެވޭ އާލާތް/ތަކެތީގެ ޖުމްލަ އަދަދު ތަކަފުލް ޕޮލިސީ އެއް ނަގަންވާނެއެވެ. އަދި ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ މުއްދަތަށް މި ޕޮލިސީ ދަމަހައްޓަން ވާނެއެވެ.

 

  1. ސްކީމުގައި ބައިވެރިވާން އެދޭ ފަރާތުގައި ހަމަވާން ޖެހޭ އަސާސީ ޝަރުތުތައް

9.1    ސްކީމަށް އެދި ފޯމު ހުށަހަޅުއްވާ ފަރާތްތައް ނުވަތަ ވިޔަފާރީގެ ވެރިފަރާތްތަކަކީ ދިވެހި ރައްޔިތުން ކަމުގައިވުން. 

9.2    ފޯމު ހުށަހަޅާ އިރު އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ފަރާތެއް ވިޔަފާރީގެ ވެރިފަރާތެއްގެ ގޮތުގައި ހިމެނުން.

9.3    މި ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކުންގެ ތެރެއިން މަދުވެގެން އެއް ހިއްސާދާރު/ޕާޓްނަރ އަކީ ހުށަހަޅާ ދާއިރާއިން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.   

9.4    ވިޔަފާރި ނުވަތަ ވިޔަފާރީގެ ވެރިފަރާތްތަކުގެ މާލީ ރެކޯޑް ރަނގަޅުވުން. މިގޮތުން ބަލާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އެކައުންޓުގައި ފައިސާ ނެތިގެން ފާއިތުވީ 6 މަސް ދުވަހުގެ ތެރޭގައި ތިން ފަހަރަށްވުރެ ގިނައިން ޗެކު ބައުންސް ވެފައިނެތުން،  

(ށ) ބޭންކަށް އަދާކުރަންޖެހޭ ދަރަންޏެއް ފާއިތުވީ 6 މަސް ދުވަހުގެ ތެރޭގައި އަދާކުރުމުގައި ލަސްވެފައިނެތުން،

(ނ) ސްކީމަށް އެދި ހުށަހަޅާއިރު، އަދާކޮށްފައިނުވާ އެއްވެސް ސާބިތު ދަރަންޏެއް ނެތުން،

(ރ) ހިނގަމުން އަންނަ ވިޔަފާރިއެއް ނަމަ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހި ނުދައްކާ އޮތް އެއްވެސް ފައިސާއެއްނެތުން.

9.5    އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތުގެ މަތިން ހިންގަން ރާވާފައިވާ ވިޔަފާރިއަކަށްވުން. ފައިނޭންސިންގ ލިބޭފަރާތްތަކުން ފައިނޭންސްކުރާ މުދާ ބޭނުންކުރަނީ އަދި ކޮންޓެންޓް އުފައްދަނީ، ތިރީގައިވާ ދާއިރާތަކާއި އެއްގޮތަށްކަން ބަލާ ކޮންމެ ތިންމަހަކުން އެއްމަހު ރިވިއުއެއް ބޭންކަށް ހުށައަޅާނީ ޕަބްލިކް ސާވިސް މީޑިއާ ނުވަތަ އެފަރާތުން ކަނޑައަޅާފަރާތަކުންނެވެ. މިގޮތުން ބަލައިގަނެވޭނީ އިސްލާމީ ޝަރީޢާ ހުއްދަކުރާ އަންނަނިވި ދާއިރާތަކުގައި ހިމެނޭ މީޑިއާ އުފެއްދުންތަކެވެ.

 

  • އިނގިރޭސި، އަރަބި ނުވަތަ ދިވެހި ބަހާއި ގުޅޭ ޕްރޮގްރާމްތައް
  • އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުންނާއި ހޭލުންތެރިކުރުވުމުގެ ގޮތުން އުފައްދާ ޕްރޮގްރާމްތައް
  • ސިއްޚީ ޕްރޮގްރާމްތައް
  • ތިމާވެއްޓާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް
  • ދީނީ ޕްރޮގްރާމް
  • އާއްމު ބަހުޘް
  • ކެއްކުމާއިބެހޭ ޕްރޮގްރާމް
  • މަސައްކަތުގެ ތަފާތު ދާއިރާތަކުން ފަންނީ ތަމްރީނުދިނުމުގެ ޕްރޮގްރާމްތައް
  • ތަރިކަ، ޘަގާފަތާއި އާދަކާދައާއި ގުޅުންހުރި ޕްރޮގްރާމްތައް
  • އާއްމު އިޢުލާން
  • އެޑިއުކޭޝަންގެ ދާއިރާއާ ގުޅޭ ޕްރޮގްރާމްތައް
  • ވިޔަފާރި އަދި އިގްތިޞާދީ ޕްރޮގްރާމް
  • އިސްލާމީ ޝަރީއާ ހުއްދަކުރާ އެހެނިހެން މީޑިއާ ޕްރޮގްރާމް

9.6    ހުށަހަޅާފައިވާ އާމްދަނީ އާއި ވިޔަފާރީގެ އަންދާސީ ހިސާބުތަކަށް ބަލައި، ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރުން.

 

  1. ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހެޅުން:

10.1         ހުށަހަޅަން ޖެހޭ ލިޔެކިއުންތައް:

-       އިނޮވެޓިވް ފައިނޭންސިންގ ސްކީމަށް އެދޭ އެޕްލިކޭޝަން ފޯމު - ހުރިހާ ބައިތަކެއް ފުރިހަމަކޮށް، ހުށަހަޅާ ފަރާތުގެ ސޮޔާ އެކު. (އެޕްލިކޭޝަން ފޯމާއި ފޯމުގެ އެނެކްސްގެ ހުރިހާ ޞަފްޙާއެއްގައި ހުށަހަޅާ ފަރާތުގެ ސޮއި ކުރަންވާނެއެވެ.)

-       އެޕްލިކޭޝަން ފޯމާއި، ފޯމުގެ އެނެކްސް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް    

10.2           އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތު: 5  އޮގަސްޓް 2018 އިން ފެށިގެން 30 އޮގަސްޓް 2018 ވަނަ ދުވަހުގެ ނިޔަލަށް.

10.3           އެޕްލިކޭޝަން ފޯމު ދޫކުރާ ތަންތަން:

-       މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއާއި، މިނިސްޓްރީގެ ރަސްމީ ވެބްސައިޓް www.trade.gov.mv އިން.

-       މިނިސްޓްރީގެ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރުތަކުން.

 

10.4           އެޕްލިކޭޝަން ފޯމު ބަލައިގަތުން:

-       އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ 26 އޮގަސްޓް 2018 އިން 30 އޮގަސްޓް 2018 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10.00 އިން މެންދުރު 12.00 ގެ ނިޔަލަށެވެ.

-       އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ:

  • [email protected] އީމެއިލް މެދުވެރިކޮށް،
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ބިޒްނަސް ސެންޓަރުތަކުން، އަދި
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު، މާލެ، ގައި ހުންނަ އޮފީހުންނެވެ.    

-       އެޕްލިކޭޝަން ފޯމު މިނިސްޓްރީން ބަލައިގަތުމުން، ބަލައިގަތް ދުވަހާއި ގަޑި އަދި ބަލައިގަނެވުނު ފޯމުގެ ސީރިއަލް ނަންބަރު އެނގޭނޭހެން ރަސީދެއް ދެވޭނެއެވެ.

-       އެޕްލިކޭޝަން ބަލައިގަނެވޭނީ ފުރިހަމަ ކޮށްފައިވާ އިނޮވެޓިވް ފައިނޭންސިންގ އެޕްލިކޭޝަން ފޯމާއި، އެފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މިނިސްޓްރީން ބަޔާންކޮށްފައިވާ ފޯމެޓަށް، ފުރިހަމައަށް ހުށަހެޅުމުންނެވެ.

-       މި ސްކީމާއި ބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން 1691 އަށް ގުޅުއްވުމުން ލިބޭނެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުންނަމަ، މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުން އަންނަނިވި ނަންބަރުތަކާއި ގުޅުއްވުން އެދެމެވެ.

  • ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ، 7917089
  • ޅ. ނައިފަރު ބިޒްނަސް ސެންޓަރ، 7918432
  • ލ. ފޮނަދޫ ބިޒްނަސް ސެންޓަރ، 7914431
  • ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރ، 7918495
  • ސ. ހިތަދޫ ބިޒްނަސް ސެންޓަރ، 7916947
  • ގދ. ތިނަދޫ ބިޒްނަސް ސެންޓަރ، 7913715

 

  1. ހުށަހެޅުންތައް ވަޒަން ކުރެވޭނެ އުސޫލު:  

11.1           މި ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެ ފުރަތަމަ ވަޒަންކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މާރކްސް ދީގެންނެވެ. މި އެޕްލިކޭޝަންތަކުގެ ތެރެއިން، ސްކީމުގައި ބައިވެރިވުމަށް ހޮވޭނީ މި ސްކީމަށް ކަނޑައެޅިފައިވާ ޖުމްލަ ފައިސާގެ މިންވަރު ހަމަވަންދެން އެންމެ މަތިން މާރކްސް ހޯދާ ތަރުތީބުންނެވެ.

ތަފްސީލު

ކަނޑައެޅިފައިވާ ޖުމްލަ މާރކްސް

ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން

-          ކޮންޓިންޖެންސީ ޕްލޭން (%3)

-          ރަނގަޅު ކޭޝްފްލޯ އެއް ނެރެވޭނެކަން ސާބިތުކޮށްދިނުން (%7)

10%

މާކެޓިންގ ޕްލޭން

-          ކަސްޓަމަރުންގެ ޝައުގުވެރިކަން ވިޔަފާރިއަށް ހޯދުމަށް ހުށަހަޅާގޮތް އަދި ދޭ ޚިދުމަތް ޚާއްސަވާ ސަބަބުތައް (5%)

-          އާމްދަނީ ލިބޭނެކަމަށް އަންދާޒާކުރެވޭ އިތުރުގޮތްތައް (5%)

-          ސޭލްސް ކޮންޓީންޖެންސީ ޕްލޭން (5%) 

15%

ވިޔަފާރީގެ ވެރިފަރާތްތައް

-          ގުޅުންހުރި ދާއިރާއަކުން ވިޔާފާރީގެ މަސައްކަތުގެ ތަޖުރިބާ އަދި ފަންނީ ގާބިލުކަން (5%)

-          އަންހެން ބައިވެރިން ނުވަތަ ޒުވާނުން – (މިބައިން މާކްސް ދިނުމަށް ކަނޑައެޅިފައިވަނީ ހުށަހަޅާ ކޮންމެ ބައިވެރިއަކަށް 5 މާކްސް ދެވޭ އުސޫލުންނެވެ. މިބައިން އެންމެ މަތިން ދެވޭނީ 20 މާކްސްއެވެ. (20%)

25%

ތަކެތި އުފެއްދުމަށް / ޚިދުމަތް ދިނުމަށް ރޭވިފައިވާ ގޮތް

-          ވިޔަފާރީގައި ހިމެނޭނެ މުވައްޒަފުންގެ ފަންނީ ހުނަރާއި ގާބިލުކަން – (5%)

-          ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭ ޓެކްނޮލޮޖީ/ މެޝިނެރީ އާއި އާލާތްތައް (5%)

10%

ވިޔަފާރީގެ ފައިދާ

-          މިހާރު ލިބޭ އާމްދަނީ އިން ފައިސާ އަނބުރާ ދެއްކުމުގެ ގާބިލިއްޔަތު ލިބިފައިހުރުން (20%)

-          އަންދާޒާ ކުރެވޭ އާމްދަނީއިން ފައިސާ ދެއްކުމުގެ ގާބިލިއްޔަތު(20%)  ލިބިފައިވުން  

40%

 

11.2 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުރިހާ އެޕްލިކޭޝަންތައް ވަޒަން ކޮށް، މާކްސް ދިނުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަށް، މި ސްކީމަށް ކަނޑައެޅިފައިވާ ފަންޑު ހުސްވަންދެން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކުރެވޭނެއެވެ. މި އެޕްލިކޭޝަންތަކުގެ ކްރެޑިޓް ޕްރޮޕޯސަލް އެޕްރޫވް ކުރާނީ، މި އިޢުލާނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ޝަރުތުތައް ހަމަވޭތޯ ބޭންކް އޮފް މޯލްޑިވްސް އިން ބެލުމަށްފަހުއެވެ.

 

11.3           މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އެޕްލިކޭޝަންތައް ވަޒަންކޮށް ބެލުމަށްފަހު، މި ސްކީމްގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކުގެ މަޢުލޫމާތު މި މިނިސްޓްރީ ގެ ވެބްސައިޓް www.trade.gov.mv ގައި ޝާއިއުކުރެވޭނެއެވެ.

 

                                          06 އޮގަސްޓް 2018

06 އޮގަސްޓް 2018
ހޯދާ