އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުން

ނަންބަރު: A) EA-2018/159)

އިޢުލާން

ރިޔާސީ އިންތިޚާބު 2018

ރާއްޖެއިން ބޭރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުން

23 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ރާއްޖެއިން ބޭރުން ބަލައިގަތުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ފޯމު ބަލައިގަތުމުގެ އިންތިޒާމު، 17 ޖުލައި 2018 ވާ އަންގާރަ ދުވަހުން ފެށިގެން 11 އޯގަސްޓު 2018 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހޮނިހިރު އަދި އާދިއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ތިރީގައިވާ ގަޑިތަކުގައި ހަމަޖެހިފައި ހުންނާނެއެވެ.

  • އިންޑިޔާ/ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުން- އިންޑިޔާ ގަޑިން ހެނދުނު 10:00 އިން ހަވީރު 03:00 އަށް
  • ސްރީލަންކާ/ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން- ސްރީލަންކާ ގަޑިން ހެނދުނު 9:30 އިން ހަވީރު 03:30 އަށް
  • މެލޭޝިއާ/ ކުއަލަލަމްޕޫރްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން- މެލޭޝިއާ ގަޑިން ހެނދުނު 09:30 އިން ހަވީރު 03:00 އަށް
  • އިންގިރޭސިވިލާތް/ ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން- އިންގިރޭސިވިލާތު ގަޑިން ހެނދުނު 10:00 އިން ހަވީރު 04:30 އަށް

މިކަމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. އަދި މި ފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ރިޔާސީ އިންތިޚާބު 2018 ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

05 ޛުލްޤައިދާ 1439

18 ޖުލައި 2018
ހޯދާ