މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އެކްސްޕެޓްރިއޭޓް ހެލްތް އިންސުއަރަންސް ޕޮލިސީ އާއި ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ޚާއްޞަކޮށްގެން 1 ޖުލައި 2015 ގައި ތައާރަފްކުރެވިފައިވާ އެކްސްޕެޓްރިއޭޓް ހެލްތް އިންސުއަރަންސް ޕޮލިސީ އަކީ ދިވެހިރާއްޖޭގެ ލޭބަރ މައިގްރޭޝަން ޕޮލިސީ އިތުރަށް ހަރުދަނާކޮށް، ވަޒީފާ އަދާކުރާ ފަރާތްތަކަށް ބޭސް ފަރުވާ ދިނުމާއި، މަރުވުމުން ބިދޭސީ މީހާގެ ހަށިގަނޑު އެ މީހެއްގެ ވަޒަނަށް ފޮނުވާ ދިނުމުގައި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަށް އެކަށޭނަ ހައްލެއް ހޯދާ ދިނުމުގެ ގޮތުން ތަޢާރަފު ކުރެވުނު ޚާއްޞަ އިންޝުއަރަންސް ޕޮލިސީއެކެވެ. މި ޕޮލިސީގެ ސަބަބުން ވަޒީފާ ދޭ ފަރާތްތަކުން އެ ފަރާތްތަކުގެ ވަޒިފާގައި ތިބޭ ބިދޭސީންނަށް ފަރުވާ ހޯދުމުގައި މާލީ ގޮތުން ލުއިތަކެއް ލިބިމުގެ އިތުރުން ވަޒީފާ ދޭ އަދާކުރާ ބިދޭސީންނަށް މަންފާ ކުރަމުންދެއެވެ.

ކަންމިހެން ހުރިއިރު ވެސް، ވަޒީފާ ދޭ ބައެއް ފަރާތްތަކުން އެ ފަރާތްތަކުގެ ވަޒީފާގައި ގެންގުޅޭ ބިދޭސީ މުވައްޒަފުންގެ "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރަންސް ޕޮލިސީ" ގެ މުއްދަތު ހަމަވުމުން އައު ކުރައްވާފައި ނުވުމުގެ ސަބަބުން ބިދޭސީ މުވައްޒަފަށް އިންޝުއަރަންސް މެދުވެރިކޮށް ޚިދުމަތް ލިބުމުގައި ދަތިތަކާ ދިމާވަމުންދާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން އެކްސްޕެޓްރިއޭޓް   ހެލްތް އިންސުއަރަންސް ޕޮލިސީ ތަޢާރަފްކުރެވުނު މަގްޞަދު ހާސިލް ނުވެއެވެ.

ވީމާ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިފައިވާ ފަރާތްތަކަށް، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތަށް ވާރކް ވީޒާ ދޫކުރެވޭނީ، އެ މުއްދަތަށް "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރަންސް ޕޮލިސީ" ގެ ދަށުން ބިދޭސީމީހާ އިންޝުއަރ ކުރުމުން ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި، ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގެ މުއްދަތު އިތުރުކުރުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު، ވީޒާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ތާރީޚާ ހަމައަށް "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރަންސް ޕޮލިސީ" ގެ ދަށުން ބިދޭސީމީހާ އިންޝުއަރ ކުރުމަށް ވެސް މި ފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

19 ޖޫން 2018
ހޯދާ