ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުންގެ ޤާނޫނީ ޙައްޤުތަކަށް އިހުމާލުވާ މީހުންނާމެދު އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް

 

2007 /1 ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި 2008 /2  ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުން ބާރުލިބިގެން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ރާއްޖޭގައި ބިދޭސީންލައްވާ މަސައްކަތް ކުރުވުމަށް ހުއްދަ ދޫކުރެވޭ ފަރާތްތަކުން ބިދޭސީންނަށް މުސާރަ ދިނުމާއި އެކަށީގެންވާ ބޯހިޔާވަހިކަމެއް ދިނުންފަދަ އަސާސީ ޙައްޤުތައް ފުރިހަމަކޮށްނުދިނުމާއި އެމްޕްލޯއިމަންޓް އެޕްރޫވަލް އައު ކުރުމުގައި އަދި ސަރުކާރަށް ދައްކަވަންޖެހޭ ވާރކް ވީޒާފީ ދެއްކެވުމުގައި އިހުމާލުވުމުގެ މައްސަލަތައް ގިނަވަމުންދާތީ 2014 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ތިރީގައި ދެންނެވިފައިވާ ފިޔަވަޅުތައް އެޅުމަށް ހަމަޖައްސައިފީމެވެ.

  1. އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ބިދޭސީ މަސައްކަތްތެރިޔާ ރާއްޖެ އައުމަށްފަހު، ވަރކް ވީޒާއަށް އެދި ފުރަތަމަ ފަހަރު ހުށަހަޅުއްވާއިރު މިހާތަނަށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކުގެ އިތުރުން ވަޒީފާދޭ ފަރާތާއި ވަޒީފާ ގަބޫލުކުރި ފަރާތުން ސޮއިކުރައްވައި، އިނގިލީގެ ނިޝާން ޖަހާފައިވާ  ވަޒީފާގެ އެއްބަސްވުން ހުށަހަޅުއްވަން ޖެހޭގޮތަށް ހަމަޖެއްސުން. (އަމިއްލަ ފަރުދުން ފިޔަވައި އެހެން ފަރާތްތަކުން ހުށަހަޅުއްވާ ވަޒީފާގެ އެއްބަސްވުމުގައި އެފަރާތެއްގެ ސްޓޭމްޕް ޖައްސަވަންވާނެއެވެ.)
  2. ބިދޭސީ މަސައްކަތްތެރިންގެ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާމުސާރަ ނުދީ މީލާދީ  2 މަސް ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެ މައްސަލައެއް ބެލުމަށްފަހު، އެފަދަ ބިދޭސީން ވަޒީފާގައި ގެންގުޅުއްވުމަށް ދޫކުރެވުނު ކޯޓާ އުނިކުރުމާއި އަދި ރާއްޖޭގައި ހުރެގެން ވަޒީފާދޭ ފަރާތް ބަދަލުކުރުމަށް ފުރުސަތު ބިދޭސީ މަސައްކަތްތެރިޔާއަށް ދިނުން.
  3. ބިދޭސީ މަސައްކަތްތެރިންގެ އަސާސީ ޙައްޤުތައް ފުރިހަމަކޮށްދިނުމުގައި އިހުމާލުވާ ފަރާތްތަކާއި ބިދޭސީ މަސައްކަތްތެރިންނާމެދު އިންސާނިއްޔަތާޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކަށް ބިދޭސީ މަސައްކަތްތެރިން ވަޒީފާގައި ގެންގުޅުމަށް ދޫކުރެވިފައިވާ ކޯޓާއެއްވާނަމަ، ކޯޓާ އުނިކުރުމާއި ކަނޑައެޅޭ މުއްދަތަކަށް ކޯޓާ ދޫނުކުރުން.
  4. އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެގެން 1 އަހަރަށް ވުރެ އިތުރުވެފައިވާނަމަ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެފައިވާ ބިދޭސީންގެ ޢަދަދު އެފަރާތަކަށް ދޫކޮށްފައިވާ ކޯޓާއިން އުނިކުރުން.
  5. ވާރކް ވީޒާ ފީގެ ގޮތުގައި ދައްކަވަންޖެހޭ ފައިސާ ނުދައްކަވައި  6 މަސްދުވަސް ފާއިތުވެއްޖެނަމަ ވާރކް ވީޒާ ފީ ނިސްބަތްވާ ބިދޭސީ މަސައްކަތްތެރިޔާ ރާއްޖޭގައި ހުރެގެން ވަޒީފާ ދޭ ފަރާތް ބަދަލުކުރުމުގެ ފުރުސަތު ދިނުމާއެކު އެ ބިދޭސީ މަސައްކަތްތެރިޔާއަށް ވަޒީފާ ދިން ފަރާތަށް ދޫކޮށްފައިވާ ކޯޓާ އުނިކުރުން.

          ވީމާ 2014 ޖަނަވަރީ  1 ވަނަ ދުވަހުން ފެށިގެން މަތީގައި ދެންނެވިފައިވާ ގޮތަށް މި ޑިޕާޓްމަންޓުން ޢަމަލުކުރަމުން ގެންދާނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި ޢިއުލާނުކުރީމެވެ.

              02 ޞަފަރު 1435

05 ޑިސެންބަރު 2013
ހޯދާ