ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްބިލާލް ރަމަޟާންމަހަށް އޭސީކުރުމުގެ ހަރަކާތް

އިޢުލާން

މަސްޖިދުލްބިލާލް ރަމަޟާންމަހަށް އޭސީކުރުމުގެ ހަރަކާތް

   ކައުންސިލްއާއި އާއްމުރައްޔިތުން ގުޅިގެން އަންނަ ރަމަޟާން މަހަށް ބިލާލް މިސްކިތް އޭސީކުރުމުގެ މަސައްކަތް ކުރުމަށް، ރަށުގެ ޒުވާންކުދިންކޮޅެއްގެ އިސްނެގުމާއި އެކު މިދަނީ މަސައްކަތްކުރަމުންނެވެ. އަދި މިކަމަކީ މިރަށުގެ ރައްޔިތުންނާއި، މިކައުންސިލުންވެސް ނުހަނު ބޮޑަށް ބޭނުންވާކަމެކެވެ.

   މިސްކިތްތައް ފުރިހަމަކުރުމަށް ކުރާ ހޭދަތަކާއި، މިސްކިތްތަކުގެ ތަނަވަސްކަން އިތުރުކުރުމަށް ހޭދަކުރުމަކީ ނުހަނުބޮޑު ސަވާބާ ދަރުމަ އެކަމުގައި އެކުލޭވޭކަމަކަށް ވާއިރު، މިފަދަ މާތްކަމެއްގައި ބައިވެރިވެގެން، ހެޔޮ ނަސީބާއި، ސަވާބުހޯދުމަށް އެދޭ ފަރުދުންނަށް މިކަމުގައި ބައިވެރިވެވޭނެ މަގުފަހިކޮށްދިނުމަކީ މިކަމުގައި އިސްވެއުޅޭ ޒުވާނުންނާއި ކައުންސިލްގެ އެންމެބޮޑުއެދުމެވެ.

   ވީމާ، ބިލާލް މިސްކިތް އޭސީކުރުމަށް ކައުންސިލާއި، ހެޔޮއެދޭ ޒުވާނުން މިކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޝަތު ތިޔައެއްމެ ފަރާތްތަކަށް ހުޅުވިފައި އޮތްވާހަކަ ދަންނަވާލަމެވެ. އަދި މިކަމުގައި، އެބޭފުޅަކަށް ވީކޮންމެ ގޮތަކުންވެސް އެހީތެރިވުމުގެ ފުރުޝަތު އެބައޮތެވެ. ފައިސާގެ ގޮތުންނާއި، ތަކެތީގެ ގޮތުން، ނުވަތަ އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ވިޔަސްމެއެވެ. މިކަމުގައި މިހާރުވެސް ޒުވާނުންގެ ފަރާތުންވަނީ ހެޔޮ ޚަބަރުތަކެއް ލިބިފައެވެ. މިގޮތުން 1 އޭސީ ލިބިފައިވާކަމަށާއި، އަދި މިކަމުގައި ހިމެނޭ ބުރަބޮޑު މަސައްކަތް ހިލޭކޮށްދިނުމަށްވެސް ބައެއް ޒުވާނުންވަނީ އިސް ނަގާފައެވެ.

   މިމަސައްކަތުގައި ހިމެނޭ ބައިތަކަށް ބަލާއިރު، 24 ހާސްބީޓީޔޫގެ 8 އޭސީ ހޯދާ ހަރުކުރުމާއި، މިސްކިތުގެ އެތެރޭގެ ކޭބަލް 3 ފޭސް އަށް ބަދަލުކުރުމާއި، ކޭސިން އަޅަންޖެހޭ ތަންތާގައި ކޭސިންއެޅުމާއި، މިސްކިތައްއަޅާފައިވާ މައިކޭބަލް 3 ފޭސް ކޭބަލަށް ބަދަލުކޮށް، ޑިސްޓުރިބިއުޝަން ބޯޑާއި މީޓަރު ބަދަލުކުރުން ހިމެނެއެވެ.  މިރަށުގައި މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ޒުވާނުން އަންދާސާ ކުރާގޮތުގައި ހުރިހާ މަސައްކަތަކަށް 1 ލައްކައާއި، ދޮޅުލައްކައާއި ދެމުގެ ޚަރަދެއް ހިނގާނެއެވެ.  މިކަމުގައި އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6800718 ނުވަތަ 9999871 މި ނަންބަރަށެވެ.

26 މާރިޗު 2018
ހޯދާ