އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ފެންފުށީ ކައުންސިލުން ގޭސް ވިއްކުމުގެ އުސޫލް

އިޢްލާން

 

            މިކައުންސިލުން ފޯރުކޮށްދޭ ގޭސްވިއްކުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލާ މިކައުންސިލްގެ 2017 ވަނަ އަހަރުގެ 28 ވަނަ އާނމު ބައްދަލުވުމުން ފާސްކޮށްފައިވާ އުޞޫލް ތިރީގައި އެވަނީއެވެ.

 

އދ. ފެންފުށީ ކައުންސިލުން ގޭސް ވިއްކުމުގެ އުސޫލް

                               

1-     ތަޢާރަފް:

(ހ) މިއީ ކައުންސިލުން ފޯރުކޮށްދޭ ކައްކާގޭސް ވިއްކުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ.

(ށ) މިއުޞޫލަށް އަމަލްކުރަންފަށާނީ މިއުޞޫލް ކައުންސިލުން ފާސްކޮށް އާނމުކޮށް އިޢުލާންކުރާ ތާރީހުންފެށިގެންނެވެ.

2-     ރަޖިސްޓަރީ ކުރުން:

(ހ) ކައުންސިލުން ފޯރުކޮށްދޭ ގޭސް ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނީ ހިދުމަތަށްއެދި ކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ވާ މިރަށުގެ ގޭ ބިސީ ތަކަށާއި ހޮޓާ ރެސްޓޯރެންޓް ފަދަ ރަޖިސްޓަރީ ކުރެވިގެން މިރަށުގައި ހިދުމަތް ދޭ ތަންތަނަށެވެ.

(ށ) ގޭސް ވިއްކުމުގެ ހިދުމަތުގައި ރަޖިސްޓަރީ ކޮށްދޭނީ ގޭސް ވިއްކުމުގެ ހިދުމަތުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމާއިއެކު މަދުވެގެން އެވަގުތަކު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން 10 ކިލޯގެ ގޭސް އަޅާ 1 (އެކެއް) ސިލިންޑަރ ވިއްކާ އަގު ކައުންސިލްގެ އިދާރާ އަށް ދެއްކުމުންނެވެ.

(ނ) ގޭސް އަޅާ ސިލިންޑަރ އަކީ އެސިލިންޑަރ ގަންނަ ފަރާތުގެ މިލްކެކެވެ.

(ރ)  ކައުންސިލުން ފޯރުކޮށްދޭނީ ގޭސްއަޅާ ސިލިންޑަރ ރިފިލްކޮށް ގޭސް ވިއްކުމުގެ ހިދުމަތެވެ.

(ބ) ގޭސް އަޅާ ސިލިންޑަރތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ކައުންސިލުން ފޯރުކޮށްދޭނެއެވެ.

3-     ގޭބިސީއަކަށް ދޫކުރެވޭނެ ގޭސްފުޅީގެ އަދަދު

(ހ) ކޮންމެ ގޭބިސީއަކަށްވެސް އެގޭ ބިސީއަކުން ގޭސް އަޅާ ސިލިންޑަރ ގަންނަ އަދަދަކަށް ގޭސް ފުޅި ވިއްކޭނެއެވެ.

4-     ގޭސް އަޅާ ސިލިންޑަރ ތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން

(ހ) މިކައުންސިލުން ގޭހުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ގޭސްފުޅިތަކުގައި އިންވެންޓްރީ ކޯޑެއްޖަހައި ކޮންމެ ގޭސްފުލިއެއްގެ ރަޖިސްޓަރީ ބެލެހެއްޓޭނެއެވެ.

(ށ) ގޭ ބިސީއަކަށް ގޭސް ފުޅިއެއް ގަތުމާއެކު އެގޭ ބިސީއަކަށް ދޫކުރެވުނު ގޭސް އަޅާ ސިލިންޑަރ އެގޭބިސީއަކަށް ދޫކުރެވުނުކަމަށް ރިކޯޑްކުރެވޭނެއެވެ.

(ނ) ކާޑު ގުދަނުން ގޭ ބިސީއަކަށް ގޭސް ސިލިންޑަރ އާއި ހަވާލްވާއިރު ގޭސް ސިލިންޑަރ ގައި އެއްވެސް މައްސަލައެއް ހުރިތޯ ބަލާ ޗެކްކުރަންވާނެއެވެ. 

 

 

 

 

(ނ) ގޭ ބިސިއަކަށް އިތުރު ގޭސްފުޅި އެއް ދޫކުރެވޭނީ އެގޭ ބިސީ އަކަށް ދޫކުރެވުނުކަމަށް ރިކޯޑްކުރެވިފައިވާ ގޭސް އަޅާ ސިލިންޑަރ ކާޑުގުދަނަށް އަނބުރާ ހަވާލުކުރުމުން ނުވަތަ އިތުރު ގޭސް އަޅާ ސިލިންޑަރ އެއްގެ އަގު ކައުންސިލްގެ އިދާރާ އަށް ދެއްކުމުންނެވެ.

(ރ) ގޭ ބިސީ އަކަށް ދޫކުރެވުނުކަމަށް ކާޑު ގުދަނުގައި ރިކޯޑްކުރެވިފައިވާ ގޭސް އަޅާ ސިލިންޑަރ ފިޔަވާ އެހެން ގޭސް އަޅާ ސިލިންޑަރ އެއް އަނބުރާ ގެނައިނަމަ އެފަރާތަކަށް ގޭސް ވިއްކުމުގެ ހިދުމަތެއް ނުދެވޭނެއެވެ.

5-     ގޭސް ސިލިންޑަރ އަށް ލިބޭ ގެއްލުމަށް ޒިންމާވުން

 (ހ) ގޭ ބިސީއަކަށް ގޭސް އަޅާ ސިލިންޑަރެއް ދޫކޮށްފައިވަނިކޮށް ގޭސް އަޅާ ސިލިންޑަރ އަށް  ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ގޭސްއަޅާ ސިލިންޑަރ އާ ހަވާލުވެ ޒިންމާވާ ގޭ ބިސީއަކުންނެވެ.

6-     މިއުޞޫލަށް އަމަލްކުރަން ފެށުމުގެ ކުރިން ކައުންސިލްގެ އިދާރާގައި ގޭހުގެ ހިދުމަތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކާމެދު އަމަލުކުރެވޭނެ ގޮތް

(ހ) މިއުސޫލަށް އަމަލުކުރަން ފަށާ ތާރީހާ އަހަމައަށް ގޭހުގެ ހިދުމަތަށް ކައުންސިލްގެ އިދާރާގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން މިއުޞޫލަށް އަމަލުކުރަންފަށާތާރީހުންފެށިގެން 20 ދުވަހުގެ ތެރޭގައި ގޭހުގެ ހިދުމަތަށް އެދި މިއުސޫލްގެ ނަންބަރު 2 ގައިވާގޮތުގެ މަތިން އަލުން ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި އުޞޫލަށް އަމަލްކުރަން ފަށާ ތާރީހުންފެށިގެން 20 ދުވަސް ހަމަވާއިރު ގޭހުގެ ހިދުމަތުގައި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކަށް ގޭހުގެ ހިދުމަތް ފޯރުކޮށްދެވޭނީ މިއުޞޫލްގެ ނަންބަރު 2 ގައި ވާގޮތުގެމަތިން ގޭހުގެ ހިދުމަތަށް ރަޖިސްޓަރީ ވުމުންނެވެ.

 

       މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680539 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680889 އެވެ.އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

       ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

21 ރަބީޢުލްއާޚިރު 1439

08 ޖަނަވަރީ 2018

08 ޖަނަވަރީ 2018
ހޯދާ