ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުން ދަނޑު ދޫކުރުމުގެ އުޞޫލް

ހދ. ނޮޅިވަރަންފަރުން ދަނޑު ދޫކުރުމުގެ އުޞޫލު

 

1. ތައާރުފާއި ނަން:

(ހ). މި އުސޫލަކީ ނޮޅިވަރަންފަރުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް  ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ އުސޫލެވެ.

(ށ). މި އުސޫލަށް ކިޔާނީ ” ނޮޅިވަރަންފަރުގައި ގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުސޫލު” އެވެ.

2. އާއްމު ބައިތައް:

(ހ). މި އުސޫލަށް އަމަލު ކުރަން ފެށުމުން، މިހާރު ދަނޑުވެރިކަން ކުރާ ސަރަޙައްދުން ދަނޑުވެރިންނަށް ކައުންސިލުން ދަނޑު ދޫކުރާނެ ތާރީޙެއް ކަނޑައަޅާ ދަނޑުދޫކުރަން ވާނެއެވެ.

(ށ). ނޮޅިވަރަންފަރު ކައުންސިލުން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާ ސަރަޙައްދުން ދޫކުރާ ބިން ފިޔަވައި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ކައުންސިލުގެ ހުއްދަނެތި އެއްވެސް ފަރާތަކުން ދަނޑުވެރިކަން ކުރުމަކީ މަނާކަމެކެވެ.

(ނ). ދަނޑުބިން ހޯދުމާ ދަނޑުބިން އާކުރުމަށްއެދެންވާނީ ކައުންސިލުން އެކަމަށް ކަނޑައަޅާފާވާ ފޯމަކުންނެވެ.

(ރ). ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމުގައި ދިވެހި ރުކާއި، ލަކުޑި ގަސްފަދަ ދަނޑުބިން ބޭކާރުވާފަދަ ގަސްގަހާގެހި އިންދާ ހެއްދުމަމަކީ މަނާކަމެވެ. އަދި އަނބު، ކުއްޅަވައް، މުރަނގަ، ފަތްކެޔޮ، ބަނބުކެޔޮ، ދުނބުރި ސައްކެޔޮ، އޮޅުއަލަ އަދި ކުންނާރު، ފަދަ  ގަސްތައް އިންދާ ހެއްދުމަކީ މަނާކަމެކެވެ. ބިމުގާ ބޮޑެތި ވަޅުގަޑު ކޮނެ އާނު ގަނޑު ނަގާ އަޑީގަ ހުންނަ ފަސްތައްނަގާ ބިން މައްޗައް ފަތުރާ ހެދުމަކީ މަނާކަމެކެވެ.

(ބ). މި އުސޫލަށް އަމަލު ކުރަން ފަށާތާ 03 (މަސް) ދުވަސް ތެރޭގައި މި ރަށުން ދަނޑުވެރިކަން ކުރާ ސަރަޙައްދު ކައުންސިލުން ކަނޑައަޅައި އާއްމު ކުރަންވާނެއެވެ.

(ޅ). މި އުސޫލަށް އަމަލު ކުރަން ފެށުމަށްފަހު ގޭގެއަށް ދޫކުރާ ދަނޑުބިން އެހެންފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ކ). އެއްވެސް ސަބަބަކާއިހެދި ދަނޑު ދޫކޮށްލަން ޖެހިއްޖެނަމަ، އެކަން ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ. ދަނޑުބިން ދޫކޮށްލާއިރު ދަނޑުގައި ހުންނަ ގޮވާމާއި ކޮއްފައިވާ މަސައްކަތައް ކައުންސިލުން ބަދަލު ދޭކަށް ނުޖެހޭނެއެވެ.

 

(އ). މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީޙުން ފެށިގެން 6 މަސް ދުވަހު ތެރޭގައި އާންމު ދަނޑު ވެރިކަން ކުރާ ދަނޑު ބިން ތަކުން މިމާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ބާވަތްތަކުގެ ގަސްތައް ނައްތާލަން ވާނެއެވެ.

(ވ). ދަނޑުބިމުގައި ސިމެންތި ނުވަތަ އުވަ ބޭނުން ކޮށްގެން އެއްވެސް އިމާރާތެއް  ނުވަތަ އިމާރާތެއްގެ ބައެއް ހަދައިގެން ނުވާނެއެވެ. އަދި މިފަދަ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ހަދާފައިވާނަމަ މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީޙުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ނައްތާލަން ވާނެއެވެ. މީގެތެރޭގައި ދަނޑުގެ ވަށައިގެން ޖަހާ ފެންސް ނުހިމެނޭނެއެވެ. ދަނޑުގައި ފެންސް ޖެހޭނީ މިކައުންސިލުން ދޫކުރާ ޙާއްސަ ހުއްދައެއްގެ

ދަށުންނެވެ.

(މ). އާންމު ދަނޑުވެރިކަށް ކުރުމައްޓަކާ ކަނޑައެޅޭ ސަރަޙައްދުން ދަނޑުވެރިކަންކުރުމަށް ބިން ދޫކުރެވޭނީ މީލާދީ 5 (ފަހެއް) އަހަރުގެ މުއްދަތަށެވެ.

(ފ) ދަނަޑުވެރިކަންކުރުމަށް ވިޔަފާރި އުސޫލުން ބިން ދޫކުރެވޭނީ މީލާދީ 10 (ދިހައެއް) އަހަރު ދުވަހަށެވެ.

(ދ) ކޮންމެ ގިންތިއެއްގެ ދަނޑެއްވެސް މުއްދަތު ހަމަވުމަށްފަހު އެދަނޑުގައި ކޮށްފައިވާ މަސައްކަތަށްބަލާ މުއްދަތު އާކުރެވިދާނެއެވެ.

(ތ). މިއުޞޫލަށް ޢަމަލުކުރަން ފަށާތާރީހުން ފެށިގެން މިހާރު ހައްދާދަނޑުތަށް 3 މަސްދުވަހުގެތެރޭ އުވާލެވޭނެއެވެ.

3. ދަނޑުބިމުގެ ގިންތިތައް:

މި އުސޫލުގެ ދަށުން ދަނޑުބިން ދޫކުރެވޭނީ އަންނަނިވި ގިންތިތަކަށް ބަހާލައިގެންނެވެ.

(1). އާއްމު ދަނޑުވެރިކަމަށް ދޫކުރާ ބިން:

(ހ). އާއްމު ދަނޑުވެރިކަމަށް  ދޫކުރެވޭނީ 5000 (ފަސްހާސް) އަކަފޫޓްގެ ބިމެވެ.

(ށ). މި ގިންތީގެ ދަނޑުބިމަށް އެދި ހުށަހެޅޭނީ ނޮޅިވަރަންފަރުގައި ރަޖިސްޓްރީކޮށްފައިވާ ގޭބީސީތަކުގެތެރެއިން އެގޭގައި ދިރިއުޅޭ ނޮޅިވަރަންފަރުގެ ރައްޔިތުންނަށެވެ. މިގޮތުން ދޫކުރެވޭނީ ގޭބީސީއަކަށް 1 (އެކެއް) ދަނޑެވެ.

(ނ) ގޭގެ ވެރިފަރާތް ނޫން ފަރާތެއް ފޯމު ހުށަހަޅާނަމަ ވެރިފަރާތުގެ އިޢުތިރާޟު ނުކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(2). ވިޔާފާރި އުޞޫލުން ބިންދޫކުރުން:

(ހ). ވިޔާފާރި އުސޫލުން ދަނޑުވެރިކަންކުރުމަށް ދޫކުރެވޭނީ ބޮޑުވެގެން 10000، ކުޑަވެގެން 5000 އަކަފޫޓުގެދަނޑުބިމެވެ.

(ށ). ވިޔާފާރި އުސޫލުން ދޫކުރާ ބިންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އުސޫލަށް އަމަލު ކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ކައުންސިލުން ހުޅުވާލަންވާނެއެވެ.

(ނ). މި ގިންތީގެ ދަނޑުތަކަށް ހުރިހާ ފަރާތްތަކަށްވެސް ވިޔާފާރި އުޞޫލުން ދަނޑުބިން ހޯދުމަށް  ހުށައެޅިދާނެއެވެ. އޭގެ ތެރޭގައި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް، ކޯޕަރޭޓިވް ސޮސައިޓީ، ޖަމިއްޔާ ޖަމާއަތްތައް ހިމެނެއެވެ. އަދި ޢާއްމު އުސޫލުން ދަނޑު ހައްދާ ފަރާތްތަކަށް ވެސް މިގިންތީގެ ދަނޑުބިން ހޯދުމަށް އެދި ހުށައެޅިދާނެއެވެ.

4. ދަނޑުބިމަށް އެދި ހުށަހެޅުން:

(ހ). މި އުސޫލަށް އަމަލުކުރަން ފެށުމުން ދަނޑުބިންތަކަށް އެދުމުގެ ފުރުސަތު ކައުންސިލުން ހުޅުވަންވާނެއެވެ.

(ށ). ކައުންސިލުން ދަނޑުބިން ދޫކުރުމަށް ފުރުސަތު ހުޅުވުމުން އެކަމަށް އެދޭ ފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދަނޑުބިމަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ.

5. ފީ ނެގުން:

(ހ). ވިޔާފާރި އުސޫލުންދޫކުރާ ދަނޑުބިން ދޫކުރެވޭނީ އަކަފޫޓަކަށް މަހަކު ދަށްވެގެން 04 ލާރީގެ ރޭޓުންނެވެ.

(ށ). ކޮންމެ ގިންތިއެއްގެ ދަނޑުބިންވެސް ދޫކުރެވޭނީ އެގިންތިއަކަށް ކަނޑައެޅިފައިވާ ފީ 6 (ހައެއް) މަސްދުވަހަށް މިކައުންސިލަށް ދެއްކުމުންނެވެ.

(ނ). މި ނަންބަރުގެ ށ ގައި ވާގޮތަށް ކޮންމެ 6 (ހައެއް) މަކުން ފީ ދައްކަވާއިރު މަހުގެ ފުރަތަމަ 10 (ދިހައެއް) ދުވަސްތެރޭ މިކައުންސިލަށް ދައްކަންވާނެއެވެ.

(ރ). 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައިގަނެވޭނީ ފާއިތުވާ ކޮންމެ ދުވަހަކަށް 05/- ރުފިޔާގެ ޖޫރިމަނާއާއި އެކުގައެވެ.

(ބ). ފީ ދެއްކުމަށްފަހު ދަނޑުވެރިޔާގެ އެދުމުގެ މަތިން ދަނޑު ވަކި ކުރިކަމުގާ ވިޔަސް ކުރިއަށް ދައްކާފައިވާ ފީ އަނބުރާ ލިބޭނީ ހިނގާމަހުގެ ފީ ކެނޑުމަށްފަހު ކުރިއަށް ހުރި މަސްތަކަށްވާ ފައިސާއެވެ.

(ޅ). ފީ ދައްކާފައިވަނިކޮށް ކައުންސިލުން ދަނޑު ވަކި ކުރާނަމަ، ވަކި ކުރާމަހުން ފެށިގެން ކުރިއަށް ދައްކާފައިވާ ފީ އާއި ދަނޑަށް ކޮއްފައިވާ ޚަރަދު އަނބުރާ ދަނޑުވެރިޔާއަށް ދޭންވާނެއެވެ. އަދި ދަނޑަށް ކޮށްފައިވާ ހަރަދު ކައުންސިލުން ދޭންވާނެއެވެ.

(ކ). އަހަރު ގުނަންފެށޭނީ ދަނޑު ދޫކުރާ ތާރީޚުން ފެށިގެނެވެ.

6. ދަނޑު ވަކިކުރުން:

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ ދަނޑު ވަކި ކުރެވިދާނެއެވެ.

(ހ). ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިމުގައި އެ ފަރާތަކުން އެކަށީގެންވާ ގޮތުގައި ދަނޑުވެރިކަން ކުރަމުންނުދާކަމަށް ކައުންސިލަށް ފެނުން.

(ށ). ވިދިވިދިގެން 3 މަހު ފީ ނުދެއްކުން.

(ނ). ކޮންމެ ދަނޑެއްގެ ވަށައިގެންވާ މަގުގެ ފުޅާމިނަށް ސާފުކޮށް ނުބެލެހެއްޓުން.

(ރ). ދަނޑު ދޫކުރެވިފައިވާ މީހަކު އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުން.

(ބ). ދަނޑު ދޫކުރެވިފައިވާ ފަރާތް ނިޔާވުން.

(ޅ). ވަށައިގެންވާ ދަނޑުބިންތަކަށާއި މާހައުލަށް ގެއްލުންވާފަދަ ކަމެއްކުރުން

7. އަމަލުކުރަން ފަށާ ތާރީޚް:

(ހ). މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލް މި ކައުންސިލުން ފާސްކޮށް  އާއްމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެނެވެ.

(ށ). މިއުސޫލުގައި ނުހިމޭކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލް މަޝްވަރާއަށްފަހު މިކައުންސިލުންނެވެ.

 

28 އޮގަސްޓް 2017
ހޯދާ