އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ނަންބަރ:A)CA-2017/193)

އިޢުލާން

ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން

ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ބ. ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 19 އޮގަސްޓު 2017 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މި ދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން މި ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 02 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން، 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(1) ދިވެހިރައްޔިތަކަށްވުން.

(2) ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.

(3) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(4) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(5) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(6) ފުލްޓައިމް ދަރިވަރެއް ކަމުގައި ނުވުން.

  2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތަށް ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި،  އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާނަމައެވެ.

  3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

(1) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހެއް ކަމުގައިވުން.

(2) އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޛުކުރަމުންދާ މީހެއް ކަމުގައިވުން.

(3) މި މާއްދާގެ (4) އަދި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހެއް ކަމުގައިވުން.

(4) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން.

(5) ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން.

(6) އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.

 

   4. އަދި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާއާ އެއްގޮތަށް މި އިންތިޚާބުގެ ޓިކެޓް ހޯދުމަށްޓަކައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، މި އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދައެއް ނުކުރެވޭނެއެވެ.

   5. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

(1) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފުރިހަމަ ކޮށްފައިވާ ފޯމު.

(2)މި އިޢުލާނުގެ 3 ވަނަ ނަންބަރުގެ (1)، (2)، (3)، (4)، (5) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކުރާ ފޯމު.

(3) މި އިޢުލާނުގެ 3 ވަނަ ނަންބަރުގެ (1)، (2)، (3)، (4)، (5) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމަކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ފޯމު.

(4) ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.

(5) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/1500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާގެ ޑިޕޮޒިޓް ފައިސާ. (ނަގުދު ފައިސާއިން ނުވަތަ ބޭންކުން ގެރެންޓީކޮށްފައިވާ ޗެކެއް)

(6) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާނުލާ ނަމަ (އަމިއްލަގޮތުންނަމަ)، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ކައުންސިލެއްގެ ދާއިރާއެއްގެ ތެރޭގައި ހިމެނޭ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން.

(7) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީއެއްގެ ޤަރާރު.

(8) އެމީހަކު އެ އިންތިޚާބުގައި ހާއްސަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ، އެ ނިޝާނާއި އޭގެސޮފްޓް ކޮޕީ JPEG ފޯމެޓުގައި.

(9) އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯގެ ސޮފްޓް ކޮޕީ JPEG ފޯމެޓުގައި.  

(10) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤްރާރުވެ، އެ އިޤްރާރު.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ އެންމެހާ ފަރާތްތަކުން އިސްވެ ބުނެވުނު މައުލޫމާތުތައް ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ އަށެވެ. އަދި މިނޫން އެއްވެސް ތަނަކުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

 

   ބ. ކަމަދޫ ކައުންސިލަށް މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2017 ޖުލައި 02 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 ޖުލައި 17 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 15:00 އާއި ހަމައަށް، ރަސްމީ ބަންދު ދުވަސް ތަކުގައި ހެނދުނު 10:30 އިން މެންދުރު 14:00 އާއި ހަމައަށް، އަދި ހުކުރު ދުވަހު މެންދުރު 14:30 އިން ހަވީރު 16:30 އަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަން ވާނެއެވެ.

   ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ވޯޓުލުން ހަމަޖެހިފައިވަނީ 2017 އޮގަސްޓު 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ހަވީރު 16:30 ގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރާނީ 2017 އޮގަސްޓު 20 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ.

      ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ ރަށު، އަތޮޅު އަދި ސިޓީ އިލެކްޝަންސް ފޯކަލް ޕޮއިންޓުންނާއި، މި ކޮމިޝަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓްwww.elections.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

      10 ޝައްވާލް 1438

04 ޖުލައި 2017
ހޯދާ