މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓޫރިސްޓް ހޮޓާ ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ހިންގާ އިމާރާތުގެ ތެރޭގައި ހުންނަ ވިޔަފާރި ހަރަކާތްތައް ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުން

ސަރކިއުލަރ

ޓޫރިސްޓް ހޮޓާ ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ހިންގާ އިމާރާތުގެ ތެރޭގައި ހުންނަ ވިޔަފާރި ހަރަކާތްތައް ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުން:

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ގައިވާ ގޮތުން، ޓޫރިސްޓް ހޮޓަލެއްގައި ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ޤާއިމުކޮށްފައިވާ ފިހާރަތަކާއި، ޑައިވިންގ ސްކޫލްތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، އެ ނޫން ވެސް އެ ފަދަ ތަންތަނަކީ ޖީ.އެސް.ޓީގެ ބޭނުމަށް ޓޫރިޒަމް ދާއިރާގައި ހިންގާ ވިޔަފާރި ހަރަކާތްތައް ކަމަށް ބެލެވޭނެއެވެ.

ޓެކްސް ރޫލިންގ TR-2016/G40 (ޓެކްސް ރޫލިންގ TR-2016/G33 އަށް 1 އިޞްލާޙު ގެނައުން) މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޓެކްސް ރޫލިންގ TR-2016/G33 (ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކުގައި ޤާއިމުކޮށްފައިވާ ތަންތަން) ގެ 5 ވަނަ ޕެރެގްރާފްގެ ދަށުން، ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގެ ސަރަޙައްދުގެ ތެރޭގައި ހިންގާ ވިޔަފާރި ހަރަކާތްތައް ހިމެނޭނީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ގެ ތެރޭގައި ކަމުން، އެ ފަދަ ހަރަކާތްތައް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަންޖެހެއެވެ. ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގެ ސަރަޙައްދު ކަނޑައަޅާނީ، އެ ހޮޓަލަށް ނުވަތަ ގެސްޓްހައުސްއަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ނުވަތަ އެހެން ލިޔުމަކަށް ބިނާކޮށެވެ.

މި ގޮތުން، ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ އިމާރާތުގެ ތެރޭގައި ހުންނަ ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކުން، 1 ޖަނަވަރީ 2017 ގެ ކުރިން ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަން ޖެހޭނެއެވެ. ނުވަތަ އެ ހަރަކާތް ޤާއިމުވެފައިވަނީ އެ އިމާރާތުގެ ތެރޭގައި ނަމަވެސް، އެ ހަރަކާތް ހިމެނެނީ އެ ޓޫރިސްޓް ހޮޓާ ނުވަތަ ޓޫރިސްޓް ގެސްޓްހައުސްގެ ސަރަޙައްދުން ބޭރުގައި ކަމަށް އަންގައިދޭ ލިޔުމެއް 1 ޖަނަވަރީ 2017 ގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދަންވާނެއެވެ. 1 ޖަނަވަރީ 2017 ގެ ނިޔަލަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އެ ފަދަ ލިޔުމެއް ހޯދާފައި ނެތްނަމަ، އެ ވިޔަފާރި ހަރަކާތެއް މީރާއިން ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށް، އެ ހަރަކާތް ހިންގާ ފަރާތަށް އެކަން އެންގޭނެއެވެ.

ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ތަރައްޤީކޮށް ހިންގުމަށްޓަކައި ސަރުކާރުން ނުވަތަ ސިޓީ ކައުންސިލަކުން ނުވަތަ އަތޮޅު ކައުންސިލަކުން ނުވަތަ ރަށު ކައުންސިލަކުން ކުއްޔަށްދޫކޮށްފައިވާ ބިމެއްގައި ހުރި ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ޤާއިމުކޮށްފައިވާ ޑައިވިންގ ސްކޫލަކަށް ނުވަތަ ފިހާރައަކަށް ނުވަތަ ސްޕާއަކަށް ނުވަތަ ވޯޓަރ ސްޕޯޓްސް ފެސިލިޓީއަކަށް ނުވަތަ އެ ނޫން ވެސް އެ ފަދަ ތަނަކަށް، މަތީގައިވާ ކަންކަން ރައްދެއްނުވާނެއެވެ. އެ ފަދަ ބިންބިމުގައި ހުންނަ ހުރިހާ ވިޔަފާރި ހަރަކާތެއް ރަޖިސްޓަރީކުރަންޖެހޭނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީއަށެވެ.

އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

13 ޑިސެންބަރު 2016
ހޯދާ