އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކެންޑިޑޭޓުގެ މަންދޫބަށްވުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

ކެންޑިޑޭޓުގެ މަންދޫބަށްވުމަށް ފުރުސަތު ހުޅުވާލުން

2017 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލައި، ގުނައި، ހަދާ އެ މީހެއްގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2017 ގެ 24 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.

މި ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކަށް 2016 ޑިސެންބަރު 06 ވާ އަންގާރަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 2016 ޑިސެންބަރު 14 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހަކު ކަމުގައިވުން.
  4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  5. ފަނޑިޔާރަކުކަމުގައި ނުވުމާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން.
  6. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
  7. ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލުމަށް ފޯމް ހުށަހަޅާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މި ލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުސޫލު މި ލިންކުން ފެންނަން ހުންނާނެއެވެ.

މި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 (ނުވަދިހަ ފަހެއް) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހުއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06  ރަބީޢުލްޢައްވަލް  1438

 

05 ޑިސެންބަރު 2016
ހޯދާ