މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫން ގޯތި ދޫކުރުން

އިޢުލާން

ދިރިއުޅުމައްޓަކައި ނ. މަގޫދޫން ގޯތި ދޫކުރުން.

ދިރިއުޅުމަށްޓަކައި ނ. މަގޫދޫން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް މި އަހަރު ގޯތި ދޫކުރުމަށް މި ކައުންސިލުން ކަނޑައަޅައިފީމެވެ. މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 (ތިންހާސް) އަކަފޫޓްގެ (60x50 ފޫޓުގެ) 16 ގޯއްޗެވެ.

ވީމާ، ދިރިއުޅުމަށް ބަންޑާރަގޯތި ބޭނުންވާ މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން މި އިދާރާއިން ދޫކުރާ ފޯމު ނަންގަވައި ފުރިހަމަކުރުމަށްފަހު، މި އިދާރާއަށް ހުށަހެޅުން އެދެމެވެ. ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުން މިއަދުން ފެށިގެން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލަމެވެ. ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ނ. މަގޫދޫ ކައުންސިލުގެ އިދާރާއިންނެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތަކާއި، ޝަރުޠު ހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ނ. މަގޫދޫން ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:

1. ދިވެހިރައްޔިތަކު ކަމުގައިވުން.

2. އުމުރުން 21 އަހަރު ވެފައިވުން.

3. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.

4. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން.

5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުން.

6. ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުން.

7. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ، ކުޑަ ބައެއް ލިބި އެ ބިމަކީ ވަކިން އިމާރާތްކުރެވޭ ގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އެތަން ދޫކޮށްލުމަށް އެއްބަސްވުން. މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީކޮށްދެވޭނީ، ތަރިކައިން ލިބެން އޮތް ގޯތި ނުވަތަ ލިބެން އޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީއަތުން ނިންމުމަށްފަހުއެވެ.)

8. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ނ. މަގޫދޫން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

9. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައި ނެތުން.

ނޯޓް: ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތި ލިބޭނޭ ފަރާތެއް ނިންމާނީ ދެމަފިރީންގެ ދެމެދުގައި ވާހަކަ ދައްކައިގެންނެވެ. ނުވަތަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ދެމަފިރިންގެ ހާޒިރުގައި ގުރުއަތުލައިގެންނެވެ.

ފޯމު ހުށަހަޅާ ފަރާތުގެ އުމުރާއި ކައިވެނީގެ މުއްދަތު ބަލާނީ ގޯތިދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ މީލާދީ ތާރީޚާ ހަމައަށެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު:

1. ކައިވެނީގެ ބައި:

ހ

މީހަކާ އިނދެގެން ހުރިނަމަ

25 ޕޮއިންޓް

ށ

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީ ނަމަވެސް ދަރިން ތިބިނަމަ

15 ޕޮއިންޓް

ނ

ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ، އަހަރަކަށް 1 ޕޮއިންޓް (މިގޮތުން ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

6 ޕޮއިންޓް

2. އުމުރުގެ ބައި:

ހ

އުމުރުން 21 އަހަރާއި 25 އަހަރާ ދެމެދު ނަމަ

6 ޕޮއިންޓް

ށ

އުމުރުން 25 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 7 ޕޮއިންޓް)

7 ޕޮއިންޓް

3. ދަރިންގެ ބައި:

ހ

18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

3 ޕޮއިންޓް

ށ

18 އަހަރުން ދަށުގެ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، ކޮންމެ ކުއްޖަކަށް (މި ބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓެވެ.)

5 ޕޮއިންޓް

ނ

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ

3 ޕޮއިންޓް

ރ

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 8 ޕޮއިންޓް)

4 ޕޮއިންޓް

4. މައިންބަފައިންގެ ބައި:

ހ

މަންމަ ބަލަމުން ގެންދާނަމަ

3 ޕޮއިންޓް

ށ

ބައްޕަ ބަލަމުން ގެންދާނަމަ

3 ޕޮއިންޓް

ނ

މައިންބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުން ގެންދާނަމަ

3 ޕޮއިންޓް

5. ރަށްވެހިކަމުގެ ބައި:

ހ

ރަށުގެ ރައްވެއްސެއް ނަމަ

25 ޕޮއިންޓް

ށ

ރަށުގެ ރައްވެއްސެއް ނޫންނަމަ

25 ޕޮއިންޓް

6. ޕޮއިންޓް އުނިކުރުން:

ހ

ގޯއްޗަށް އެދޭ މީހާގެ އަނބިމީހާގެ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި އޮތްނަމަ

15 ޕޮއިންޓް

ށ

ރަށުގައި ދިރިނޫޅޭތާ 2 އަހަރަށްވުރެ އިތުރުވެފައިވާނަމަ

5 ޕޮއިންޓް

އިތުރު ތަފުސީލު:

ހ - ނަންބަރު 1 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ، ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައިވާނަމައެވެ. އަދި މިބައިން މާކްސް ލިބޭނީ، ލިބިފައިވާ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ކަމުގައިވާނަމައެވެ.

ށ - ނަންބަރު 2 ގައިވާ އުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

ނ - ނަންބަރު 3 ގެ (ށ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓްދިނުމުގައި 4 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިނަމަވެސް ދެވޭނީ ޖުމުލަ 20 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓު ދޭނީ، ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ، ދަރިންނަށް ދޭ ޕޮއިންޓު، ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.)

ރ - ނަންބަރު 4 ގެ ހ، ށ ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ، މަންމަ ނުވަތަ ބައްޕަގެ ގޯތި ނެތި މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމައެވެ. އަދި އެދެމީހުން ކައިވެނިކޮށްގެން އުޅޭނަމަ، ދެމީހުންކުރެ އެކަކަށްވެސް ގޯތި ލިބިފައިނުވާނަމައެވެ. 

ބ - ނަންބަރު 4 ގެ (ނ) ގައިވާފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ، މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭ ފަދަ މީހަކު ބަލަމުންދާނަމައެވެ.

ޅ- ނަންބަރު 6 ގެ (ށ) ގައި އެހެން އޮތްނަމަވެސް ކައިވެންޏަށް 2 އަހަރުނުވާ ފަރާތްތައް އިސްތިސްނާވާނެއެވެ. ރަށުގައި ދިރިނޫޅޭކަމަށް ބެލެވޭނީ، ޢާއިލާއާއެކު ރަށުން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކެވެ. ޢާއިލާކަމުގައި ބަލާނީ، ފިރިމީހާ / އަނބިމީހާ / ދަރިންނެވެ. ތަޢުލީމު ހާސިލުކުރުމަށް ރަށުން ބޭރުގައި ތިބި ފަރާތްތަކަކީ ރަށުގައި ދިރިނޫޅޭ ފަރާތްތަކެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

ކ - ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

ގޯތި ލިބޭގޮތް:

ހ - ގޯތި ލިބޭނެ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން، ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް، އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ، އޭގެތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ށ - ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓު ލިބޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމަތު ބޭނުންވާނަމަ، މި އިދާރާގެ 6560031 ނަންބަރު ފޯނާ ގުޅުމުން އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016
ހޯދާ