މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މީޑިއާ ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު 15/2008 މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު 2016 ޑިސެންބަރު 2 ގެ ނިޔަލަށް ހަމަވާތީ، މި ކައުންސިލަށް މެންބަރުން ޢައްޔަންކުރުމަށް ބޭނުންވެއެވެ. މިގޮތުން މީޑިއާގެ 7 (ހަތެއް) މެންބަރުންނާއި އާންމުންގެ 6 (ހަޔެއް) މެންބަރުން ހިމެނޭނެއެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތްނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(އ) މުޖްތަމަޢު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚުލާޤު ރަނގަޅު މީހެއްކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް، މަޖައްލާއެއްގައި އެ މީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރު ކަނޑައަޅުއްވާ ނަމުގެ ތެރޭގައި ތިރީގައި މިދަންނަވާ ބައިތަކަށް އިސްކަންދެވޭނެއެވެ.

  1. ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހިބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާޢީ ސައިންސަސްގެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކޮށްފައިވުން.
  2. އިޖްތިމާޢީ ތަރައްޤީއާއި ދުޅަހެޔޮކަމަށް މަސައްކަތް ކޮށްފައިވުން. (ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން).

ވީމާ، މީޑިއާ ކައުންސިލްގެ މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 07 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޮޓޯއާއި ވަނަވަރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި، ކުށުގެ ރެކޯޑުގެ ކޮޕީއަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މީޑިއާގެ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ މީޑިއާތަކުންނެވެ. މިގޮތުން ކެންޑިޑޭޓުން ހުށަހަޅާ ކޮންމެ މީޑިއާއަކުންވެސް އެ މީޑިއާއަކުން ހުށަހަޅާ ކެންޑިޑޭޓުގެ ވަނަވަރު އެނގޭގޮތަށް ހުށަހަޅުއްވަންވާނެއެވެ.

22 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ