ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ވަޒީފާތަކުގެ ތެރެއިން މީހުން ލިބުންދަތި ވަޒީފާތަކަށް އެދި ހުށަހަޅާ ދިވެހިންނަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލު ސިވިލް ސަރވިސް ކޮމިޝަނުން އާންމުކުރުމާ ގުޅިގެން ތިރީގައި މިދަންނަވާ މަޤާމުތަކަށް އިޢުލާން ނުކޮށް ދިވެހިން ލައްވާގޮތަށް މި މިނިސްޓްރީން ވަނީ ނިންމަވާފައެވެ.
- މެޑިކަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން
- ނަރުހުން
- ލެބޯޓަރީ ޓެކްނޮލޮޖިސްޓް
ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތުތަކާއެކު ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް ހުށަހަޅަމުން ގެންދެވުމަށް ދެންނެވީމެވެ.
- ޕްރެކްޓިސިންގ ލައިސަންސާއި ރެޖިސްޓްރޭޝަން (މުއްދަތު ހަމަނުވާ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން (ޝޯޓް ޓަރމް ޓްރޭނިންގ) ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ކޯސް ހަދާފައިވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
މަތީގައި ބަޔާންކުރައްވާފައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ތަނެއްގައި އެ ވަގުތަކު ހުސް މަޤާމެއް އޮތުމާއެކު ބަޖެޓް ހަމަޖެހިފައިވާނަމައެވެ. ހުސްމަޤާމުތަކުގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.health.gov.mv ގައި އާންމުކުރެވުމުންދާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު: 3014437 ފޯނަށް ގުޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.