މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ސިފައިން ސެކިއުރިޓީ ބަލަަހައްޓާ ސަރަޙައްދު ތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަހައްދު ތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަ ތަކެތި އޮޕަރޭޓް ކުރުމާބެހޭ

މިހާރަކަށް އައިސް، ސިފައިން ސެކިއުރިޓީ ބަލަހައްޓާ ބައެއް ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން އޮޕަރޭޓް ކުރުން ވަނީ ޢާންމު ވެފައެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، މިފަދަ ތަކެތި އޮޕަރޭޓް ކުރުމާއި، އެއަރޕޯޓްތައް ކައިރީގައި މިފަދަ ތަކެތި އޮޕަރޭޓް ކުރުމަކީ ނުރައްކާތެރި ޙާދިޘާއެއް ހިނގުމަށް މަގުފަހިވެދާނެ ކަމެކެވެ.

ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ވ) ގައި، ޤައުމީ ސަލާމަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢުލޫމާތު ހޯދައި، އެއްކޮށް، ދިރާސާކޮށް، އެކަންކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށްފައިވެއެެވެ.

އެހެންކަމުން، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަ ތަކެތި، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި އޮޕަރޭޓް ކުރުމަކީ ޢާންމުންގެ ސަލާމަތާއި އަދި ޤައުމީ ސަލާމަތަށް ވެސް ނުރައްކާވެދާނެ ކަމަކަށްވާތީ، މި ދަންނަވާ ސަރަޙައްދުތަކުގައި، މިފަދަ ތަކެތި އޮޕަރޭޓް ކުރަނީނަމަ، އޮޕަރޭޓް ކުރުމުގެ ކުރިން މި މިނިސްޓްރީގެ ޚާއްޞަ ހުއްދައެއް ލިބިގެން ނޫނީ އޮޕަރޭޓް ކުރުމަކީ މަނާކަމެއްކަން އަންގައި އިޢުލާން ކުރީމެވެ.

1. މާލޭގެ ހުޅަނގުކޮޅު ރަސްފަންނު ސަރަހައްދު ފިޔަވައި، މާލޭގެ އެހެން ހުރިހާ ސަރަހައްދެއް

2. ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެއަރޕޯޓްތައް ހިމެނޭ ސަރަހައްދު

3. ކ. އާރަށާއި، ގިރިފުށި، އަދި ސިފަވަރު (އުތުރު ތިލަފަޅު) ހިމެނޭ ސަރަހައްދު

4. ޅ. މަޑިވަރު، މާފިލާފުށި ހިމެނޭ ސަރަހައްދު

5. ލ. ކައްދޫ ސިފައިންގެ މަރުކަޒު ހިމެނޭ ސަރަހައްދު

6. ސ. ގަން ސިފައިންގެ މަރުކަޒު ހިމެނޭ ސަރަހައްދު   

04 ރަމަޟާން 1437

09 ޖޫން 2016
ހޯދާ