މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ލައިސަން ހޯދުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ސިޓީ ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 100 މޭލު ފާހަގަކޮށް، އެ އިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައާއި އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚުތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި (އެއްވެސް ގައުމެއްގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭ ސަރަޙައްދު) ގެ ތެރޭގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމަށް މި މިނިސްޓްރީގެ ފަރާތުން ދަޢުވަތު އަރުވަމެވެ. އިސްވެ ދެންނެވުނު ކޯޓާ ވިއްކުމަށް ހަމަޖެހިފައި ވަނީ ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދާއި، ބޭރު ކަނޑުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ ދޫކުރުމުގެ އުސޫލުގެ ދަށުންނެވެ. މި ގަވާއިދު އަދި އުސޫލު މި މިނިސްޓްރީގެ ވެބްސައިޓް (www.fishargi.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ އަދަދު

01 ޖޫން 2016 އިން 31 މޭ 2017 ގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައިވަނީ 13,500 (ތޭރަހާސް ފަސްސަތޭކަ) މެޓްރިކް ޓަނުގެ ކޯޓާއެވެ. ކޯޓާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން މި ޢަދަދަށްވުރެ ގިނައިން ކޯޓާއަށް އެދި ހުށަހަޅާފައިވާ ނަމަ، ކޯޓާ ދޫކުރާނީ ނީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ.

ކޯޓާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިއެކިއުންތައް

ކޯޓާއަށް އެދިލައްވާ ފަރާތްތަކުން ކޯޓާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިއުންތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

1. ކޯޓާއަށް އެދި ހުށަހަޅުއްވާ ސިޓީ

- ސިޓީ ހުށަހަޅުއްވާ ފަރާތުން ލޭނު މަސްވެރިކަމަށް ނެރުމަށް ގަސްދުކުރާ އުޅަނދުގެ އަދަދާއި އެ އުޅަނދަކުން އަހަރެއްގެ މައްޗަށް ބޭނޭނެ ކަމަށް އަންދާޒާކުރާ މިންވަރު އަދި ކޯޓާގެ ގޮތުގައި އެ ކުންފުނީގެ ހުރިހާ އުޅަނދަކަށް އެއްކޮށް ބޭނުންވާ މިންވަރު މެޓްރިކް ޓަނުން ސާފުކޮށް ޖައްސަވަންވާނެއެވެ.

- ކޯޓާގެ ދަށުން ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގައި ބިދޭސީން ހިމެނޭނެ ނިސްބަތް (އިން ސައްތައިން) ސިޓީގައި ބަޔާން ކުރަންވާނެއެވެ. އިސްވެ ދެންނެވުނު ލޭނު މަސްވެރިކަމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ލޭނު މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ އެންމެ މަތީ ނިސްބަތަކީ އެ އުޅަނދެއްގައި ހަރަކާތްތެރިވާ ޖުމުލަ ފަޅުވެރިންގެ 80 އިން ސައްތައެވެ. ނަމަވެސް، މި މާއްދާގެ ދަށުން މި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިތުރު ފީއަކާއެކު ލޭނު މަސްވެރިކަންކުރާ އުޅަނދުގައި ބިދޭސީން ގެންގުޅުމުގެ ނިސްބަތް 90 އިން ސައްތައަށް އިތުރުކުރެވިދާނެ އެވެ.

2. ކޯޓާއަށް އެދި ހުށަހަޅުއްވަނީ ދިވެހި ފަރުދެއްނަމަ އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ

3. ކޯޓާއަށް އެދި ހުށަހަޅަނީ ޕާޓްނަރޝިޕަކުންނަމަ، އެ ޕާޓްނަރޝިޕެއްގެ ރަޖިސްޓަރީއާއި ޕާޓްނަރޝިޕްގެ އެއްބަސްވުން އަދި ހުރިހާ ބައިވެރިންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ، އަދި ޕާޓްނަރޝިޕްގެ މަޤުޞަދުތަކުގެ ތެރޭގައި ލޭނު މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވުން ހިމެނިފައި އޮންނަވާނެ އެވެ.

4. ކޯޓާއަށް އެދި ހުށަހަޅަނީ ކުންފުންޏަކުން ކަމުގައި ވާނަމަ، އެ ކުންފުނީގެ ރަޖިސްޓަރީއާއި ކުންފުނީގެ އަސާސީ ގަވާއިދު އަދި އެ ވަގުތު ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހުން އެނގޭނެހެން ރަޖިސްޓަރަރ އޮފް ކޮމްޕެނީސްއިން ދޫކޮށްފައިވާ ލިއުމަކާއި ހުރިހާ ހިއްސާދާރުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ، ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ މަޤުޞަދުތަކުގެ ތެރޭގައި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވުން ހިމެނިފައި އޮންނަވާނެއެވެ.

ކޯޓާއަށް އެދި ހުށަހެޅުން

ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ކޯޓާއަށް އެދި ސިޓީ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 2016 މޭ 25 ވަނަ ދުވަހުގެ 14:00 ކުރިންނެވެ. ނަމަވެސް، މި މުއްދަތުގައި ކޯޓާއަށް އެދި ހުށަހަޅާފައިވާ ޖުމުލަ އަދަދު 13,500 މެޓްރިކް ޓަނަށް ވުރެ މަދުވާނަމަ، މި އަދަދު ހަމަވަންދެން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން 2017 މޭ 31 ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައި ވެއެވެ.

މިގޮތުން ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި [ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި] ޖައްސަވަންވާނެއެވެ. ސިޓީ އެޑްރެސް ކުރައްވާނީ ތިރީގައިވާ ގޮތަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ،

ވެލާނާގެ، 7 ވަނަ ފަންގިފިލާ، އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި މިނިސްޓްރީގެ 3339252 ނުވަތަ 3339294 ނަންބަރު ފޯނަށެވެ.

03 ޝަޢުބާން 1437

10 މޭ 2016
ހޯދާ