މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކަރަންޓުގެ ޚަރަދުކުޑަ ލެޑް ބޮކި ރައްޔިތުންނަށް ފޯރުކޮށްދިނުން

އިޢުލާން

ކަރަންޓުގެ ޚަރަދުކުޑަ ލެޑް ބޮކި ރައްޔިތުންނަށް ފޯރުކޮށްދިނުން

ގޭބިސީތަކުގެ ކަރަންޓް ބިލު ކުޑަ ކުރުމަށް މަގުފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެންވަރު ރަނގަޅު އެނަރޖީ ސޭވިންގ ތަކެތީގެ ބޭނުންކުރުން ފަހިކުރުމަށް މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 5 ލެޑް ބޮކި ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް މި މިނިސްޓްރީގެ ފަރާތުން 3 މާރިޗު 2016 ގައި ވަނީ ފަށާފައެވެ.

މީހުން ދިރިއުޅޭ ގޭގެއަށް ބޮކި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ރަށެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތް މެދުވެރިކޮށެވެ. މިގޮތުން ސަރުކާރުގެ ކުންފުނިތައް ކަމުގައިވާ ސްޓެލްކޯއާއި، ފެނަކަ ކޯޕަރޭޝަނާއި، އެމް.ޑަބްލިޔު.އެސް.ސީ އިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކަށް ބޮކިތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ. އަދި ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށަށް ބޮކި ފޯރުކޮށްދިނުމަށް އެފަރާތްތަކާއެކު ވިލަރެސްކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައެވެ.

ކޮންމެ ރަށަކަށްވެސް ބޮކި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ. ވުމާއެކު، އެރަށެއްގައި ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތަކުން އިޢުލާންކުރާ ގޮތެއްގެ މަތިން 31 މާރިޗު 2016 ގެ ނިޔަލަށް އެކަމަށް އެދި ކޮންމެ ރަށެއްގައިވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގައި ނަން ނޯޓުކުރަމުން ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ތާރީޚުގެ ފަހުން ކޮންމެ ރަށަކަށްވެސް ބޮކިތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމުގައި ދެންނެވީމެވެ.

އަދި މިހާރު މާލޭގައި ގިނަ ފަރާތްތަކުން ބޮތްކަށް އެދި ހުށަހަޅަމުން ދިޔުމާއެކު ސްޓެލްކޯ މެދުވެރިކޮށް މާލެއަށް ބޮކި ބެހުމުގެ މަސައްކަތް ފެށިފައިވާ ކަމުގައިވެސް ދެންނެވީމެވެ. މިހާރު މި މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމަކީ ކޮންމެ ގެޔަކަށް 5 ބޮކި ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމެއް ކަމުގައިވާތީ، މި ޕްރޮގްރާމްގެ މުއްދަތުގައި އެކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ބޮކި ފޯރުކޮށްދެވޭނެ ކަމުގައި ދެންނެވީމެވެ.

08 މާރިޗު 2016
ހޯދާ