މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ދާއިރާގެ ތަމްރީން

އިޢުލާން

މަސްވެރިކަމުގެ ދާއިރާގެ ތަމްރީން

ދިވެހި މަސްވެރިކަމުގެ ޞިނާޢަތުގައި ޒުވާން މަސްވެރިންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގެ މުއްސަނދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ދިވެހި ރާއްޖެއަށް ބޮޑުކަންނެލީގެ ލޭނުމަސްވެރިކަން ތަޢާރުފުކޮށް، ޒުވާން މަސްވެރިންނަށް އިސްކަންދީގެން ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ.

ޒުވާނުން މި މަސްވެރިކަމަށް އަހުލުވެރިކުރުވައި މިފަދަ އިޤްތިޞާދީ މަސައްކަތަކަށް ނެރުމަށްޓަކައި ސުކޫލު ދައުރު ނިންމައި، މުޖުތަމަޢަށް ނުކުންނަ ޒުވާނުންނަށް މިފަދަ ޕްރޮގްރާމެއްގެ ދަށުން ލޭނުމަސްވެރިކަން ކުރާ ގޮތް ދަސްކޮށްދީ، ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ހޯދައިދެވިއްޖެނަމަ މިފަދަ މަސައްކަތްތަކަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނޭ ކަމުގައި ދެކެމެވެ. ޒުވާނުން މި ޞިނާޢަތަށް އަހުލުވެރިކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވައިލައިގެން ލޭނު މަސްވެރިކަމާ ބެހޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެންނެވެ. ވީމާ، ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިޕްރޮގްރާމް އަމާޒު ކުރަނީ މަސްވެރިންނަށް ކަމަށްވުމާއެކު، މަސްވެރިކަމުގައި މިހާރުވެސް ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ފެށޭ ތާރީޚު:

1 އޭޕްރީލް 2016

ޝަރުޠު:

  • މަސްވެރިކަމަށް ޝައުޤުވެރިކަން ހުރި ފަރާތަކަށްވުން
  • އުމުރު 18 އަހަރާއި 35 އަހަރާ ދެމެދު

ހުށަހަޅަންޖެހޭ ތަކެތި:

  • ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ނަން ހުށަހަޅަން ފޮނުވާ ސިޓީގައި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތާ ގުޅޭނޭ ސީދާ ފޯނު ނަންބަރު ހިމަނަންވާނެއެވެ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ސުންގަޑި: 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ. ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށެވެ.

ފެކްސް ކުރައްވާނަމަ ކުރައްވާނީ 3326558 ނަންބަރަށެވެ. ސިޓީ އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] [email protected],  އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ނަންބަރު 3339213 ފޯނަށް ގުޅުއްވުން އެދެމެވެ.

31 ޖަނަވަރީ 2016
ހޯދާ