މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު IUL)23-OAA/1/2015/200)ފ(17 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިނުވުމާއި، އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ގިނަ ފަރާތްތަކުގެ ޝަރުޠު ހަމަނުވާތީ ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެމްބަރުންނަށް ވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް 

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލާ ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

ޤާނޫނުނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް

ބޭނުންވާ ދާއިރާ

ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ މެމްބަރު (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މެޑިކަލް ނުވަތަ ޑެންޓަލްގެ ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް) 

ބޭނުންވާ އަދަދު

1

ތަޢުލީމީ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (މެޑިކަލް/ޑެންޓަލް ޕްރޮފެޝަން އިން ހޯދާފައިވާ ސެޓުފިކެޓު

އެމް.ބީ.ބީ.އެސް/ ޑެންޓަލް ޑިގްރީ ފެންވަރު – 30 މާކްސް

ސްޕެޝަލިސްޓް ޑިޕްލޮމާ ފެންވަރު – 40 މާކްސް

ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު - 55 މާކްސް

ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު – 75 މާކްސް

 (މަސައްކަތުގެ ތަޖުރިބާ (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

ބޭނުންވާ ދާއިރާ

ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (6) ގައިވާ މެމްބަރު (ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް

ބޭނުންވާ އަދަދު

1

ތަޢުލީމީ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓުފިކެޓު

ޑިޕްލޮމާ ފެންވަރު – 25 މާކްސް

ޑިގްރީ ފެންވަރު – 40 މާކްސް

މާސްޓަރސް ފެންވަރު – 50 މާކްސް

ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް

(މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

މާކްސް ދިނުމާއި އިންޓަވިއު ކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

 

  1. ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކްސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓުފިކެޓަށް އެކަންޏެވެ.
  2. ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު އަދި ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު ކަމަށް ބެލެވޭނީ މޯލްޑިވްސް މެޑިކަލް ކައުންސިލްގައި އެޑިގްރީއެއް ލެވެލް ކުރެވިފައިވާ ގޮތަށެވެ.
  3. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިންޓަވިއު ކުރުމަކާ ނުލައި އެ މަޤާމަށް ހޮވުނު ކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
  4. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަޤުބޫލު ސަބަބަކާގުޅިގެން، އަލުން އިޢުލާނު ކުރާގޮތަށް ކަނޑައެޅުމުގެ އިޚުތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
  5. މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ލިބުނު މާކްސް އެއްވަރު ވެއްޖެނަމަ، މަޤާމަށް ހޮވުނު ފަރާތް ކަނޑައަޅާނީ އިންޓަވިއު ކުރުމަށްފަހުއެވެ.

މަޤާމަށް ކުރިމަތިލާ  މެމްބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެމްބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުނެ.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް (މަސައްކަތް ކުރިތަނާއި ކުރިމަސައްކަތާއި މުއްދަތު އެނގޭގޮތަށް)
  4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައި ވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތު ކުރުމުގެ ހުއްދަ)
  5. އިޤުރާރު (އިޤުރާރު ފޯމު މިނިސްޓްރީ އޮފް ހެލްތްގެ ކައުންޓަރ އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން (www.health.gov.mv) ލިބެން ހުންނާނެ)
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ވަނަވަރު

ސުންގަޑި

06 ސެޕްޓެންބަރު 2015 ގެ 15:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވައިދެއްވުން (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތަކަށް މިނިސްޓްރީން ލިބުނުކަން އަންގާނެކަން ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެވުން އެދެމެވެ.)

އިތުރު މަޢުލޫމާތު

ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ.

11 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015
ހޯދާ