ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޓޫރިސްޓު ވީޒާގައި ސްޕޮންސަރ ކޮށްގެންނާއި ސްޕޮންސަރ ނުކޮށް ރާއްޖެ ގެންނަ ބިދޭސީންނާބެހޭ

އިޢުލާނު

މިހާރަކަށް އައިސް ގިނަ އަދަދެއްގެ ފަރާތްތަކުން ޓޫރިސްޓު ވީޒާގައި ބިދޭސީން ސްޕޮންސަރ ކޮށްގެންނާއި ސްޕޮންސަރ ނުކޮށް ރާއްޖެ ގެނެސް، މިވީޒާގެ މުއްދަތު ހަމަވާއިރުވެސް އެމީހުން ރާއްޖެއިން ފުރުވާނުލާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިގޮތަށް އަންނަ ބިދޭސީ ފަރާތްތަކުގެ ވީޒާ މުއްދަތު ހަމަވެގެން، ވީޒާ އައުކުރުމަށް ހުށަހަޅާއިރު، އެ ބިދޭސީ މީހާ ސްޕޮންސަރކޮށްފައިވާ ފަރާތުން ނަންގަވަން ޖެހޭ ޒިންމާ ގިނަ ފަރާތްތަކުން ނުނަންގަވާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެއްވެސް ފަރާތެއްގެ ސްޕޮންސަރގައި ޓޫރިސްޓު ވީޒާގައި ރާއްޖެ ގެނެސްފައިވާ ބިދޭސީއެއްގެ ސްޕޮންސަރ އެހެންފަރާތެއްގެ ނަމަށް ބަދަލުނުކުރެވޭނެއެވެ.

އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް، ރާއްޖެއިން ފޮނުވާލުމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ އެ ބިދޭސީއަކާ ޙަވާލުވެފައިވާ ފަރާތުގެ ޒިންމާއެކެވެ. އަދި އެމީހަކު ރާއްޖެއިން ފުރި މުއްދަތާ ހަމައަށް ސަރުކާރަށް ދައްކަންޖެހޭ ވީޒާ ފީ އާއި، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކުމަކީވެސް އެ ބިދޭސީއަކާ ހަވާލުވެހުރި ފަރާތުގެ މަސްއޫލިއްޔަތެކެވެ.

އެހެންކަމުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެ އައި ދުވަހުން ފެށިގެން، އޮން އެރައިވަލްގައި ދީފައިވާ ވީޒާގެ މުއްދަތު އިތުރުކުރެވޭނީ، އެވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، އެކަށޭނަ ސަބަބެއް ބަޔާންކޮށް މި ޑިޕާޓްމަންޓަށް ސްޕޮންސަރޝިޕް ޑިކްލަރޭޝަން ފޯމު ހުށަހެޅުމުންނެވެ. އަދި، ވީޒާގެ މުއްދަތު އިތުރުކޮށްދެވޭނީ އެ ބިދޭސީއަކު އައުމުގެ ކުރިން، ސްޕޮންސަރޝިޕް ޑިކްލަރޭޝަން ފޯމު މި ޑިޕާޓްމަންޓަށް ހުށަހަޅައި، ހުއްދަ ލިބިގެން އަންނަ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

ޓޫރިސްޓު ވީޒާ ލިބިފައިވާ ބިދޭސީއަކު އެމީހަކަށް ދޫކޮށްފައިވާ ވީޒާ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި ހުރެއްޖެނަމަ އެމީހަކު ރާއްޖޭގައި ހުރި މުއްދަތަށާއި، ކުށް ތަކުރާރުކުރި ފަހަރަށްބަލައި އިމިގްރޭޝަނުގެ ޤާނޫނާއި ގަވާއިދު ތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

3 ޛުލްޤަޢިދާ 1436

18 އޮގަސްޓް 2015
ހޯދާ