މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން މެމްބަރުން ޢައްޔަންކުރުމާ ބެހޭ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން މެންބަރުން ޢައްޔަންކުރުމާބެހޭ

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 8/2009) ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުންގެންދަނީ 8 މެންބަރުންގެ މައްޗަށް އެކުލަވައިލެވިފައިވާ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މިބޯޑުގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، އަދި ދައުލަތުގެ ވަޒީފާއެއް އަދާނުކުރާ، ސަރުކާރުގެ ވަޒީފާއެއްގައި ނޫޅޭ، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 ބޭފުޅުންނެވެ.

މިގޮތުން މިހާރު އެކުލަވައިލާފައިވާ ބޯޑުން، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 2 މެންބަރުންގެ ޖާގަ ހުސްވާތީ މި ދެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މިބޯޑުގެ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޢައްޔަން ކުރައްވަނީ، މިކަމަށްޓަކައި އެކުލަވައިލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރެއްވުމަށްފަހު ހުށަހަޅުއްވާ ނަންތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  1. ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުން.
  2. މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  3. ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންނަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހުން ކަމުގައި ނުވުން.

މި ބޯޑުގެ އެއްވެސް މަޤާމަކަށް ކުރިމަތިލައްވާ ބޭފުޅަކީ، މިބޯޑަށް ހުށަހެޅުމަށް ޝަރުޠު ހަމަވާ ބޭފުޅުން ކަނޑައެޅުމަށް އެކުލަވައިލާފައިވާ ސިލެކްޝަން ކޮމިޓީގެ މެންބަރުންނާއި، މިނިސްޓަރުންނާއި، އެފެންވަރަށްވުރެ މަތީ މަޤާމެއް ފުރަމުންގެންދާ މީހެއްގެ އާއިލާގެ މީހަކަށް (އަނބިމީހާ/ ފިރިމީހާ، މައިންބަފައިން، ދަރިއެއް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާމީހަކަށް) ވެގެން ނުވާނެއެވެ. އަދި މިބޯޑަށް ހުށަހަޅާނެ ބޭފުޅުން ކަނޑައަޅާއިރު، މީގެއިތުރުންވެސް މިބޯޑުގެ މުސްތަޤިއްލު ކަން ދެމެހެއްޓުމަށާއި، މަސްލަޙަތު ފުށުއަރާ ކަންކަން ނައްތާލުމަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށާއި، ކުރަންޖެހޭ ކަންތައް ކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސިލެކްޝަން ކޮމިޓީން އަޅާނެއެވެ.

މިބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެވެ.

  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕެންޝަން، ބޭންކިންގ، އިންޝުއަރެންސް ނުވަތަ އިޤްތިޞާދީ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އަދި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ސީވީ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ ކޮޕީ.
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް، ދާއިމީ އަދި މިހާރުގެ އެޑްރެސް.

ވީމާ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މަތީގައި ދަންނަވާފައިވާ މަޤާމަށް ކުރިމަތިލައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން 17 ޖޫން 2015 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް އިން ނުވަތަ ފެކްސް އިން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓަރމްސް އޮފް ރެފަރަންސް މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މައްޗަންގޮޅި، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 1441

ފެކްސް ނަންބަރު: 3307759

އީމެއިލް: [email protected]

10 ޝަޢުބާން 1436

28 މޭ 2015
ހޯދާ