ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް ޢާންމުންގެ ޚިޔާލު ހޯދުން

ސިވިލް ސަރވިސް މެދުވެރިކޮށް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ޒަރީޢާއިން އެ ޚިދުމަތްތައް އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮމިޝަނުގެ އަމާޒެވެ. އަދި މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، އިދާރާތައް ހިންގުމަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމާއި އަދި މުވައްޒަފުންގެ ކަންކަން ބެލެހެއްޓޭނެ ފަޞޭހަ ނިޒާމުތައް ޤާއިމްކުރުމަކީ ކޮމިޝަނުން އަބަދުވެސް ކުރަމުންދާ މަސައްކަތަކެވެ.

އެ ގޮތުން ކޮމިޝަނުން އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާޞިލުކުރުމަށްޓަކާ ސިވިލް ސަރވިސްގެ ގަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތް ކޮމިޝަނުން މި ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތް ކުރުމުގައި ޢާންމު ރައްޔިތުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޚިޔާލާއި މަޝްވަރާ ބޭނުން ވާތީ، އެ ފުރުޞަތު ކޮމިޝަނުން ޢާންމުކޮށް ހުޅުވާލާފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވުމާއެކު، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެންނަން ފެންނަ ޚިޔާލެއް އޮތްކަމުގައި ވާނަމަ، އެފަދަ ޚިޔާލެއް ކޮމިޝަނުގެ [email protected] އީމެއިލް އެޑްރެހަށް ނުވަތަ ކޮމިޝަނަށް، 31 އޮގަސްޓް 2024 ވަނަ ދުވަހުގެ ކުރިން ފޮނުއްވުން އެދި ދެންނެވީމެވެ. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އަދި އެ ގަވާއިދަށް ގެނެވިފައިވާ އިޞްލާޙުތައް ކޮމިޝަނުގެ ވެބްސައިޓު (www.csc.gov.mv) ން ލިބެން ހުންނާނެއެވެ.

22 ޖުލައި 2024
ހޯދާ