ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މުސާރައާއި އިނާޔަތް:

ބޭސިކް ޓޭކް ހޯމް ޕޭ (މަހަކު):

40,500.00 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

މި އެލަވަންސްތަކުގެ އިތުރުން، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވަންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

  1. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 7 (ހަތެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛  އަދި
  2. ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ އަދި
  3. ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ތަޢުލީމީ ފެންވަރަށާއި އިސްނެގުމަށާއި ލީޑަރޝިޕަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއި ހިންގުމުގެ ޤާބިލުކަމާއެކު ހުނަރުހުރި މިންވަރަށް ބެލެވޭނެއެވެ.މީގެ އިތުރުން، ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  1. ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މީހަކަށްވުން.
  2. މުދަލާއި ފައިސާ ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް މިންގަނޑުތަކަށް އަހުލުވެރިވެފައިވާ މީހަކަށްވުން.  
  3. ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މަސައްކަތްކޮށް، މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
  4. ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގުރޮނގުގެ) މުވައްޒަފުން ގޮވައިގެން، ގުޅިގެން އެކީގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޕްރޮފެޝަނަލް މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުންނާއެކު ބާ ކައުންސިލް ހިންގުމަށް ބޭނުންވާނެ ލީޑަރޝިޕް ހުރުން.
  5. މަތީގައިވާ ކަންކަން ބާ ކައުންސިލުން ކަނޑައަޅާ އިންޓަވިއު ޕެނަލެއްގައި ސާބިތުކޮށްދިނުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ބާ ކައުންސިލުގެ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް އުފުލައި، މަސައްކަތްތަކާ ގުޅޭގޮތުން ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންތައްތައް ހިންގުން؛
  2. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން؛ އަދި
  3. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

މަސްއޫލިއްޔަތާ ގުޅޭ  ތަފްޞީލުތައް:

1. ބާ ކައުންސިލުގެ މަސްއޫލިއްޔަތުތައް ފުރިހަމަކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލައި ހިންގައި ބެލެހެއްޓުން

1.1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މަސައްކަތާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށާއި ޕްރޮގްރާމްތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތާއި ލަފާ ދިނުމާއި، ޕްރޮގްރާމްތައް ބާ ކައުންސިލުގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛  

1.2. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އަދި އެނުއަލް ވަރކްޕްލޭން އެކުލަވާލުމާއި، އަދި ވަކިވަކި ޙަރަކާތްތަކާގުޅޭ މަސައްކަތްތައް ރާވައި، ތަންފީޒުކޮށް ހިންގައި ބެލެހެއްޓުން؛

1.3. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ ރިޕޯޓު އެކުލަވާލުމާއި އަހަރީ ޢާންމު ޖަލްސާއަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަކުރުން؛

1.4. ދިވެހިރާއްޖޭގެ ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހޭ ރިޕޯޓުތައް ބާ ކައުންސިލުގެ އަހަރީ ޢާންމު ޖަލްސާއިން ފާސްކޮށް، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުން؛ އަދި

1.5. ދިވެހިރާއްޖޭގެ ބާ ކައުންސިލް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަރުވައި ތަރައްޤީކުރުން.

2.  ބާ ކައުންސިލުގެ އިދާރީ ކަންކަމާގުޅޭ ޒިންމާތައް ފުރިހަމަކުރުން

2.1. އިދާރީ ކަންކަމާއި ގުޅޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި ހިންގައި ބެލެހެއްޓުން؛

2.2. އިދާރީ އޮނިގަނޑު އެކުލަވާލައި، އިދާރީ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން؛

2.3. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތުތައް ޙިއްސާކޮށް، ނިންމުންތައް ތަންފީޒުކުރުން؛ 

2.4. ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ މަސައްކަތްތައް ބަލަހައްޓައި، ނިންމުންތައް ތަންފީޒުކުރުން؛ އަދި

2.5. ބާ ކައުންސިލުން ފޯރުކޮށްދޭ އެކި އެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ގޮތްތައް ހޯދައި، އެކަންކަން ތައާރަފުކޮށް ކުރިއެރުވުން.

3. ބާ ކައުންސިލަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން

3.1. ބާ ކައުންސިލުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި، މުވައްޒަފުން ހޯދައި، މުވައްޒަފުންގެ ވަޒީފާއާ ބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން؛

3.2. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި، އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ލިބޭނެ ގޮތްތައް ފަހިކުރުން؛ އަދި

3.3. މުވައްޒަފުންގެ ޕަރފޯމަންސް ވަޒަން ކުރެވޭނޭ ނިޒާމުތައް ގާއިމުކޮށް ތަންފީޒުކުރުން.

4. ބާ ކައުންސިލުގެ މާލީ ކަންކަމާގުޅޭ ޒިންމާތައް ފުރިހަމަކުރުން

4.1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މުދަލާއި ފައިސާ ބަލަހައްޓާނޭ އުސޫލުތައް އެކުލަވާލައި، ޢާމްދަނީ އާއި ޚަރަދުތައް ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުން؛

4.2. ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިބޭ ގްރާންޓް ފައިސާ ބެލެހެއްޓުމުގައި ޢަމަލުކުރަންޖެހޭ ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ޢަމަލުކުރުން؛

4.3. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ބަޖެޓާއި، މާލީ ބަޔާން ތައްޔާރުކުރުމާއި، މާލީ އޮޑިޓަށް ބޭނުންވާ އެންމެހާ މަސައްކަތްތައް ކުރުން؛

4.4. ބާ ކައުންސިލުގެ މަސައްކަތް ފަސޭހަކޮށް އަވަސްކޮށް ޚަރަދު ކުޑަކޮށް ކުރެވޭނެ ގޮތްތައް ދިރާސާކޮށް އެފަދަ ކަންކަން ތަޢާރަފުކުރުން؛

4.5. ބާ ކައުންސިލަށް ޢާމްދަނީ ހޯދޭނެ އައު ގޮތްތައް ދިރާސާކުރުމާއި ބާ ކައުންސިލަށް ރަނގަޅު ގޮތްތައް ދެނެގަނެ އެ ކަންކަން ތައާރަފްކުރުން؛ އަދި

4.6. ބާ ކައުންސިލުގެ ފައިސާ ބަލަހައްޓާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދެނެގަނެ، އެފަދަ ތަމްރީނުތައް ކަމާބެހޭ ފަރާތްތަކާއެކު އެކުލަވާލައި، މަސައްކަތާ ގުޅޭ ބޭރުގެ ފަރާތްތަކާއި ވިއުގަކޮށް ގުޅުން ބަދަހިކޮށް ތަޖުރިބާ ޙިއްސާކުރުން.

5. ބާ ކައުންސިލު ތަމްސީލުކުރުމާއި ކައުންސިލުގެ މަސައްކަތަށް ޖަވާބުދާރީވުން

5.1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ ޖަވާބުދާރީ ވާންޖެހޭ ނުވަތަ މަޢުލޫމާތު ހާމަކުރަންޖެހޭ ޙާލަތްތަކުގައި އެކަމަށް ތައްޔާރުވުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރުން؛

5.2. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ޢާންމު މެންބަރުންނާއި، މީޑިއާ އަދި ޢާންމު ރައްޔިތުންނަށް މަޢުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިރުޝާދުގެ ދަށުން، އެފަދަ މަޢުލޫމާތުތައް ޢާންމުކުރުން؛

5.3. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ ބާ ކައުންސިލު ތަމްޘީލުކުރުން.

5.4. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މަސައްކަތަށް އެހީތެރިވެދެވޭނޭ ދައުލަތުގެ މުއައްސާތަކާއި، ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެނޫންވެސް ފަރާތްތައް ދެނެގަނެ، އެފަދަ ޕާޓްނަރޝިޕް ގުޅުންތައް އެކުލަވާލައި ދެމެހެއްޓުން؛ އަދި

5.5. ދިވެހިރާއްޖޭގެ ބާ ކައުންސިލާއެކު މަސައްކަތްކުރާ ޕާޓްނަރ އޯގަނައިޒޭޝަންތަކާއެކު އޮންނަންޖެހޭ ގުޅުން ހަރުދަނާގޮތެއްގައި ޤާއިމުކޮށް، އެފަރާތްތަކާއެކު އޮންނަ ބައްދަލުވުންތަކުގައި ޙިއްސާކުރަންޖެހޭ މަސައްކަތާ ގުޅޭ މަޢުލޫމާތުތައް ޙިއްސާކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް 
  2. ސެކްރެޓަރީ ޖެނެރަލްކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
  3. ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ މަޢުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ މަޢުލޫމާތު (ނަމާއި، ހައިސިއްޔަތު އެގޭނެގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް). އެގޮތުން އެ ސުޕަވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
  4. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  5. ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  6. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
  7. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
  8. ދޫކުރިފަހުން 4 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް.
  9. ރަސްމީ އިދާރާތަކުން ދޫކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑް.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 އިތުރު މަޢުލޫމާތު

  • މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑު ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
  • ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓު ނުކުރެވޭކަން ބާ ކައުންސިލުގެ ފަރާތުން ސަބަބާއެކު ލިޔުމުން އަންގާނެއެވެ.
  • މިމަޤާމަށް ކުރިމަތިލާ ފަރާތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލު މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، ޝޯޓްލިސްޓުވީ ފަރާތްތަކަށް އަންގާނެއެވެ.
  • ސްކްރީން ކުރުމުގެ މަރުހަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މި މަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ  އެއްވެސް މަރުހަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުހަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

ސުންގަޑި:

28 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މަޤާމަށް އެދެންވީ ގޮތް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލުގެ އީމެއިލް އެޑްރެހަށެވެ.

[email protected]

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

17 ޖުލައި 2024
ހޯދާ