މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ޕްލޭނިން ގަވާއިދު

ތަޢާރަފާއި ނަން

1

(ހ)

މި ގަވާއިދަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 149 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

 

(ށ)

މި ގަވާއިދަށް ކިޔާނީ [މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ޕްލޭނިން ގަވާއިދު]އެވެ.

 

 

(ނ)

މި ގަވާއިދު އެކުލަވާލުމުގައި މައިގަނޑުގޮތެއްގައި ބަލާފައިވާނީ މާލޭ ޕްލޭނިން ގަވާއިދު ނަމްބަރ 2015/ R-192 އެވެ.   

 

 

(ރ)

މި ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާކަންކަމުގައި ބަލާ ޢަމަލުކުރާނީ މާލޭ ޕްލޭނިންގ ގަވާއިދު ނަންބަރ: 2015/ R-192 ގައި އެކަމެއްކުރުމަށް ބަޔާން ކޮށްފައިވާ ގޮތަކަށެވެ.

މަގުސަދު

2

 

މި ގަވާއިދަކީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި އިމާރާތް ކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑު ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

ތަންފީޒުކުރުން

3

(ހ)

މި ގަވާއިދު ތަންފީޒުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އާންމުކުރާ ދުވަހުން ފެށިގެންވެނެވެ.

 

 

(ށ)

މި ގަވާއިދު ތަންފީޒުކުރާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިންނެވެ.

 

 

(ނ)

މި ގަވާއިދު ތަންފީޒު ކުރުމަށްޓަކައި އެއިރަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރާނީ މާލޭ ޕްލޭނިން ގަވާއިދަށް ގެންނަ ބަދަލުތަކަށް ބަލާ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިންނެވެ.

އިމާރާތްކުރުން

4

(ހ)

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި އިމާރާތެއް ހަދަންވާނީ މާލޭ ޕްލޭނިންގ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރެހުންތަކާއި ލިޔެކިޔުންތައް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅައި، އިމާރާތް ފާސް ކުރިކަމުގެ ލިޔުން އަދި އިމާރާތް ކުރުމުގެ ހުއްދަ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ހޯދައިގެންނެވެ.

 

 

(ށ)

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ދިރިއުޅުމަށް ނުވަތަ އެހެން ކަމަކަށް ދޫކޮށްފައިވާ ގޯއްޗެއް ނުވަތަ ބިމެއްގައި "އިމާރާތްކުރުމުގެ ހުއްދަ" ނުހޯދާ އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

 

 

(ނ)

އިމާރާތް ކޮށް ނިމުމުން އިމާރާތް ބޭނުންކުރަން ފަށަންވާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅައި ދިރިއުޅުމުގެ ހުއްދަ ހޯދައިގެންނެވެ.

 

 

(ރ)

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ދިރިއުޅުމަށް ނުވަތަ އެހެން ކަމަކަށް ދޫކޮށްފައިވާ ގޯއްޗެއް ނުވަތަ ބިމެއްގައި އިމާރާތްކުރާއިރު ޕާކިންގ އަށް ވަކި ޖާގައެއް ޚާއްސަކުރާކަށް މަޖުބޫރެއްނޫނެވެ.

އިމާރާތް ކުރެވޭ އުސްމިން

5

(ހ)

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 6 ފަންގިފިލާ (18 މީޓަރު) އެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18 މީޓަރު ކަމުގައި ބަޔާންވެފައިވީނަމަވެސް، ދަރަވަންދޫއަކީ އެއަރޕޯޓެއް އޮތް ރަށެއްކަމުގައި ވުމުން އިމާރާތް ކުރުމުގެ އެންމެ އުސްމިން ކަނޑައެޅުމުގައި މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަބާވާންވާނެއެވެ.

އިމާރާތުގެ ބައިތައް މަގަށް ނެރުން

6

(ހ)

ދުވާރުން ފެށިގެން މައްޗަށް 9 ފޫޓާ ހަމައަށް އިމާރާތުގެ އެއްވެސް ބައެއް ނުވަތަ ތަނެއް އިމުން ބޭރަށް މަގަށް ނެރެގެން ނުވާނެއެވެ.

 

 

(ށ)

ބިމުން ފެށިގެން 10 ފޫޓަށް ވުރެ މަތިން އިމާރާތުގެ އެއްވެސް ބައެއް މަގަށް ނެރެވޭނީ މަގުގެ ފުޅާމިނަށް ނިސްބަތްކޮށް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތާވަލުގައި ބަޔާން ކޮށްފައިވާގޮތުގެ މަތިންނެވެ.

 

 

(ނ)

މަގުގެ ފުޅާމިނުގައި 6 ފޫޓު ހަމަ ނުވާ މަގުތަކާ އިންވެގެން ހުންނަ ގޯތީގެ އެއްވެސް ތަނެއް ނުވަތަ ބައެއް މަގަށް ނެރުމަކީ މަނާކަމެކެވެ.

 

 

(ރ)

ދުވާރުން ފެށިގެން 9 ފޫޓު ތިރިން އިމާރާތުގެ އެއްވެސް ދޮރެއް އަދި ކުޑަދޮރެއް އިމުން ބޭރަށް މަގަށް ހުޅުވޭގޮތަށް ހުރެގެންނުވާނެއެވެ.

 

 

(ބ)

9 ފޫޓަށްވުރެ މަތިން 20 ފޫޓާ ހަމައަށް ގޯތީގެ އިމުން ބޭރަށް މަގަށް ނެރޭ، އިމާރާތުގެ ކޮންކްރީޓް ގައު، ނުވަތަ ޑެކް ފަދަ އެއްވެސް ބައެއް ނުވަތަ ތަނެއް، ފާރު ރާނާ މިފަދަ އެއްވެސް އެއްޗަކުން ބެއްދުމާއި ދޮރު ނުވަތަ ކުޑަދޮރު އަދި ފެންލައިޓް ފަދަ އެއްޗެއް ބެހެއްޓުމާއި ދާއިމީ ގޮތެއްގައި ދިރިއުޅެވޭފަދަ ތަނަކަށް ހެދުމަކީ މަނާކަމެކެވެ.

ގަވާއިދަށް ޢަމަލުކުރަން ފެށުން

7

 

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ އިދާރާއިން ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކޮށް އާންމު ކުރާ ދުވަހުން ފެށިގެންނެވެ.

ގަވާއިދަށް އިޞްލާޙު ގެނައުން

8

 

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން މި ގަވާއިދަށް އިޞްލާޙު ގެނައުމުގެ ބާރު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ.

ގަވާއިދުގައި ނެތްކަމެއް

ދިމާވުން

9

 

 

މި ގަވާއިދުގައި ނެތްކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެކަންކަމާއި މެދު ޢަމަލުކުރާނެ ގޮތެއް ނިންމަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތީން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އަޣުލަބިއްޔަތުންނެވެ.

 

 

 

 

 

 

  

 

 

ޖަދުވަލު 1

 

ބިމުން ފެށިގެން 10 ފޫޓް އަށް ވުރެ މަތިން އިމާރާތުގެ އެއްވެސް ބައެއް މަގަށް ނެރެވޭނީ މަގުގެ ފުޅާމިނަށް ނިސްބަތްކޮށް ތިރީގައިވާ ތާވަލުގައި ބަޔާން ކޮށްފައިވާގޮތުގެ މަތިންނެވެ.

 

ދެވަނަ ފަންގިފިލާއިން ފެށިގެން މަގަށް ނެރޭވޭނެ ބޮޑުމިން

ފުރަތަމަ ފަންގިފިލާގައި މަގަށް ނެރޭވޭނެ ބޮޑުމިން

މަގުގެ ފުޅާމިން

18 އިންޗި

18 އިންޗި

6 ފޫޓް ހަމަވާ 15 ފޫޓް އަށްވުރެ ހަނި

29 އިންޗި

18 އިންޗި

15 ފޫޓް ހަމަވާ 20 ފޫޓް އަށްވުރެ ހަނި

38އިންޗި

24 އިންޗި

20 ފޫޓް ހަމަވާ 25 ފޫޓް އަށްވުރެ ހަނި

48 އިންޗި

24 އިންޗި

25 ފޫޓް އަށް ވުރެ ފުޅާ

48 އިންޗި

24 އިންޗި

ބީޗް ފްރޮންޓް

 

ނޯޓް: ފަންގި ފިލާއެއްގެ އުސްމިންކަމުގައިބަލާފައިވާނީ ތިރިވެގެން 9 ފޫޓެވެ.

 

27 ޖޫން 2024
ހޯދާ