ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް އިދާރާ
ފިއްލަދޫ / ދިވެހިރާއްޖެ
އަޟްހާ ޢީދު ހަތަރު މުގޯލި މުބާރާތް 1445 ގެ ޤަވާއިދު
މުބާރާތް
މިމުބާރާތުގެ ނަމަކީ ''އަޟްހާއީދު ހަތަރުމުގޯލި މުބާރާތް 1445 އެވެ.
މިމުބާރާތަކީ 1445 ވަނަ އަހަރު އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ފިއްލަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ވާދަވެރި މާހައުލެއްގައި ހަތަރު މުގޯލި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މިމުބާރާތުގެ އެންމެހައި ކަންތައްތައް ކުރާނީ މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން ނެވެ.
މުބާރާތުގައި ބައިވެރިވުން
މި މުބާރާތުގައި ބައިވެރި ވެވޭނީ މަދުވެގެން 10 ކުޅުންތެރިން ގިނަވެގެން 12 ކުޅުންތެރިން ހިމެނޭ ޓީމެއް ރަޖިސްޓަރީ ކޮއްގެންނެވެ. ކޮންމެ ޓީމެއްގައިވެސް 18 އަހަރުންމަތީގެ އޮފިސަލެއް ހިމަނަންވާނެއެވެ. ޓީމުގައި ހިމެނޭ ކުޅުންތެރިއަކަށްވެސް އޮފިސަލަކަށް ވެވިދާނެއެވެ.
ޓީމް ރަޖިސްޓަރީ ކުރުން
ހ. ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ނަން ރެޖިސްޓްރީ ކޮއްދެވޭނީ އެނަމަކީ މުޖުތަމަޢުގައި ބޭނުންކުރެވޭ ކަހަލަ ނަމަކަށް ވާނަމައެވެ. އަދި އިންތިޒާމް ކޮމެޓީއަށް އެ ނަން ބަލައި ނުގަނެވޭ ނަމަ އައު ނަމެއް އެޓީމަކުން ހުށަހަޅަން ޖެހޭނެއެވެ.
ށ. ކޮންމެ ޓީމެއްގައިވެސް އެއް ކުލައެއްގެ 1 ސެޓް ޖާރޒީ ބައެއް އޮންނަންވާނެއެވެ.
ޓީމް ލިސްޓް
ހ. ކޮންމެ ޓީމެއްގައި އެންމެ ގިނަވެގެން ރަޖިސްޓަރީ ކުރެވޭނީ 12 ކުޅުންތެރިންނާއި 1 އޮފިސަލެކެވެ. ރަޖިސްޓަރީ ކޮއްފައިވާ ކޮންމެ ޓީމަކަށްވެސް 15 ޖޫން 2024 ގެ ކުރިން 3 ބަދަލު ގެނެވިދާނެއެވެ.
ށ. ކޮންމެ ޓީމެއްގައިވެސް ރަށުންބޭރުގެ 5 ކުޅުންތެރިން ހިމެނިދާނެއެވެ. ފިއްލަދޫގެ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅުންއޮތް މީހަކު ބަލާނީ ފިއްލަދޫގެ ރަށްވެއްސެއް ގޮތުގައެވެ.
މެޗްތައް ކުޅެން ހަމަޖެހިފައިވާގޮތް
ހ. މުބާރާތުގެ މެޗްތައް ޝެޑިއުލް ކުރެވޭނީ ޓީމްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.
ށ. މުބާރާތުގައި 5 ޓީމަށް ވުރެމަދުން ބައިވެރިވެއްޖެނަމަ މުބާރާތް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. ލީގް އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ 2 ޓީމް ފައިނަލަށް ދާ ގޮތަށެވެ.
ނ. މުބާރާތުގައި 6 ޓީމަށްވުރެ ގިނަޓީމް ބައިވެރިވެއްޖެނަމަ މުބާރާތް ކުރިއަށްދާނީ ޓީމުތައް 2 ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް ތަކުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅެ ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު މެދުގައި ސެމީފައިނަލް ދެ މެޗް ކުޅުމަށްފަހު މޮޅުވާ ދެ ޓީމް ފައިނަލަށް ހޮވޭ ގަތަށެވެ.
ކުޅުމުގެ ޤަވާއިދު
ހ. އެޓީމަކަށް ކުޅެން ލިބޭ ފުރުސަތުގައި ކުޅުމުގައި ބައިވެރި ވެވޭނީ 10 ކުޅުންތެރިންނަށެވެ. ކުޅެން ފެށުމަށް ފަހު މެޗު ނިމުމާއި ހަމައަށް ބެންޗުގައި ތިބޭ ކުޅުން ތެރިން ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ބަދަލު ގެނެވޭނީ ނުބައި ނުވެއިން ކުޅުންތެރިއެއްގެ ބަދަލުގައެވެ. ބަދަލު ގެނެވޭނީ މެޗު އޮފިސަލުންގެ ހުއްދަ ހޯދުމަށްފަހުއެވެ.
ށ. ކުޅުންތެރިއާ ފީ ވާނެ އުސޫލު: * ކުޅުންތެރިޔާ ޖަހާ ބޯޅަ ބައުންޑަރީގައި ނުޖެހި ބޭރަށް ގޮސްފިކަމުގައި ވާނަމަ އެކުޅުންތެރިޔަކު ފީ ވާނެއެވެ. * ކުޅޭ ކުޅުންތެރިޔާ ބޯޅައިގައި ނުޖެހި 3 ފަހަރު ރެކެޓް މަޅައިފިނަމަ އެ ކުޅުންތެރިޔަކު ފީ ވާނެއެވެ.
* ކުޅޭ ކުޅުންތެރިޔާ އަތުން ރެކެޓް ދޫވެއްޖެ ނަމަވެސް އެކުޅުންތެރިޔަކުވެސް ފީވާނެއެވެ.
ކުޅުންތެރިޔާ ޖަހާ ބޯޅަ، ހިފާ ޓީމްގެ ކުޅުންތެރިޔަކު ހިފައިފި ނަމަ ފީވާނެއެވެ.
އެކުޅުންތެރިޔަކަށް ކުޅުމުގެ ފުރުސަތު ލިބޭނީ އެކުޅުން ތެރިއާގެ ފީ ހިފައިގެން ކުޅޭ ޓީމްގައި ހިމެނޭ ކުޅުންތެރިޔަކު ނުބައި ނުވެ މުގޯލިތައް ފުރިހަމަ ކުރުމުންނެވެ.
ނ. ކުޅޭ ޓީމަށް އެއް މުގޯއްޔެއްގައި އެންމެ ގިނަވެގެން ތިބެވޭނީ 2 ކުޅުންތެރިންނަށެވެ. 3 ވަނަ ކުޅުންތެރިޔާ މުގޯއްޔަށް އަރައިފިނަމަ އެކުޅުންތެރިޔަކު ނުބައިވާނެއެވެ.
ރ. ކުޅުންތެރިޔާގެ ގައިގައި ބޯޅައިން ޖަހައިފިނަމަ ނުވަތަ އަމިއްލައަށް ބޯޅައިގައި ޖެހުނަސް އެކުޅުންތެރިޔަކު ނުބައިވާނެއެވެ.
ބ. ކުޅޭ ކުޅުންތެރިޔާ ނުބައިވެއްޖެނަމަ އެހެން ކުޅުންތެރިންނަށް އިތުރު މުގޯއްޔަކަށް ދިއުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ޅ. ކުޅުންތެރިޔާ ކުޅެން ބޯޅާ އުކާނީ އެ ޓީމެއްގެ ކުޅުންތެރިއެކެވެ. ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް ބޯޅަ އުކިދާނެއެވެ. ނުބައިވެފައިވާ ކުޅުންތެރިއަކަށްވެސް ބޯޅަ އުކުމުގެ ފުރުސަތު އޮންނާނެއެވެ. ބޯޅަ އުކާނެ ކުޅުންތެރިޔަކު ނެތް ހާލަތެއްގައި ބޯޅަ އުކާނީ ކޮމެޓީން ކަނޑައަޅާމީހެކެވެ.
ކ. ކުޅޭ ޓީމްގެ ކުޅުންތެރިޔަކަށް ހޮވާ ޓީމްގެ ކުޅުންތެރިޔަކު ހުރަސްއަޅައިފިނަމަ އެ ކުޅުންތެރިއަކަށް ރީދޫ ކާރޑް ދެއްކޭނެއެވެ. އަދި ކުޅޭ ކުޅުންތެރިޔާއަށް ކުޅުމުގެ ފުރުސަތު އެ މެޗްގައި ލިބޭނެއެވެ. އެއް މެޗެއްގައި ކުޅުންތެރިޔަކަށް 2 ރީދޫ ކާރޑް ދައްކައިފިނަމަ އެކުޅުންތެރިޔަކަށް އެ މެޗެއްގައި ނުކުޅެވޭނެއެވެ.
އ. ކޮންމެ ޓީމަކަށްވެސް 12 މިނެޓް 1 ކުޅުން ލިބޭނެއެވެ.
ކުޅޭ ސަރަހައްދަށް ޓީމު ހާޞިރުވުން
ހ. އެ ދުވަހެއްގައި ކުޅޭ ދެ ޓީމް މެޗް ފެށުމުގެ 15 މިނެޓް ކުރިން މެޗް ކުޅުމައް ހަމަޖެހިފައިވާ ސަރަހައްދަށް ހާޞިރުވާންވާނެއެވެ.
ށ. އެ ދުވަހެއްގެ ކުޅެން ހަމަޖެހިފައިވާ މެޗް ފަށާއިރު ކޮންމެ ޓީމެއްގައިވެސް އެޓީމެއްގެ ޓީމްލިސްޓުގައި ހިމެނޭ މަދުވެގެން 7 ކުޅުންތެރިން ހާޞިރުނުވާނަމަ މެޗްކުރިއަކަށް ނުގެންދެވޭނެއެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
ހ. މެޗަކުން މޮޅުވާ ޓީމަށް ލިބޭނީ 3 ޕޮއިންޓެވެ.
ށ. އެއްވަރު ވެއްޖެނަމަ 1 ޕޮއިންޓެވެ. ނ. މެޗަކުން ބަލިވާ ޓީމަށް 0 ޕޮއިންޓެވެ. ޕޮއިންޓުގެ ގޮތުން 2 ޓީމެއް ނުވަތަ އެއަށްވުރެ ގިނަ ޓީމުތަކެއް އެއްވަރު ވެއްޖެނަމަ އެޓީމުތަކުގެ ތެރިން އެންމެ ގިނަ ލަނޑު (ސުކޯރ) ހަދާފައިވާ ޓީމަކަށް އެޓީމުތައް ވާދަކުރާ ބައިން ޕޮއިންޓު ޓޭބަލްގެ އެންމެ މަތި ލިބޭނެއެވެ. މިގޮތުންވެސް އެއްވަރު ވެއްޖެނަމަ ބަލާމީ މުޅި މުބާރާތުގައި އެޓީމެއް ހަދާފައިވާ ލަނޑުގެ އަދަދަށެވެ
ކުޅުމުގެ ތެރިން ޕޮއިންޓްދެވޭ ގޮތް
ހ. މުބާރާތުގައި ހަދާ ކޮންމެ ލަނޑަކަށް 3 ޕޮއިންޓް ލިބޭނެއެވެ.
ށ. ނުބައިކުރާ ކޮންމެ ކުޅުންތެރިޔަކަށް 1 ޕޮއިންޓް ހޮވާ ޓީމަށް ލިބޭނެއެވެ.
ނ. ދައްކާ ކޮންމެ ރީނދޫ ކާޑަކަށް އިދިކޮޅު ޓީމަށް 1 ޕޮއިންޓް ލިބޭނެއެވެ.
ރ. ކުޅޭ ޓީމުން ނުބައިނުވެ ފައިބާ ކުޅުންތެރިއަކަށް 1 ޕޮއިންޓް ލިބޭނެއެވެ.
ބ. ކުޅޭ ޓީމުން ޖަހާ ބޯޅަ ހޮވާޓީމުން ހިފައިފިނަމަ ހޮވާޓީމަށް 1 ޕޮއިންޓް ލިބޭނެއެވެ.
މުބާރާތުން ވަކިވުމާއި މެޗް ނުކުޅުން
ހ. މުބާރަތުގެ ޤުރުއަތު ލުމަށްފަހު އެއްވެސް ޓީމަކަށް މުބާރާތުން ވަކިވުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ށ. ކުޅެން ހަމަޖެހިފައިވާ މެޗް ނުކުޅިފި ނަމަ ބެލެނޭނީ އެޓީމެއް މެޗުން ބަލިވީކަމުގައެވެ. އަދި އިދިކޮޅު ޓީމަށް 3 ޕޮއިންޓާއި 15 ސުކޯރ ( ޕޮއިންޓް ) ލިބޭނެއެވެ.
މެޗުދޫކުރުމާއި މެޗު ނުކުޅުން
ހ. މެޗް ދޫކުރުމަކީ މުބާރާތުގައި ވާދަކުރާ އެހެން ޓީމަކަށް ކުރިއަށް ދިއުމަށް ހުރަހެއް އެޅޭ ފަދަ ނަތީޖާއެއް 1 ޓީމަކުން ނުވަތަ އެއަށްވުރެން ގިނަ ޓީމުތަކުން ބައިވެރިވެގެން ގަސްތުގައި ނެރުމެވެ.
ށ. މެޗް ދޫކޮށްލިކަން މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީއަށް ފެނިއްޖެ ހިނދެއްގައި އެމައްސަލަ ބަލާ މެޗް ދޫކޮއްލި ޓީމެއް ނުވަތަ ޓީމުތަކެއް މުބާރާތުން ވަކިކުރުމުގެ ބާރު އިންތިޒާމް ކޮމެޓީއަށް ލިބިގެން ވެއެވެ.
މެޗްކުޅޭ ތާރީޙަށް ނުވަތަ ވަގުތައް ބަދަލު ގެނައުން.
މެޗުތައް ކުރިއަށް ގެންދާނީ ގުރުއަތު ލުމަށްފަހު ކަނޑައެޅޭ ތަރުތީބުންނެވެ. މަގުބޫލް އެއްވެސް ސަބަބަކާހުރެ މެޗެއް ކުރިއަށް ނުގެންދެވިއްޖެނަމަ ނުވަތަ މެޗެއް މެދު ކަނޑާލަން ޖެހިއްޖެނަމަ އެމެޗެއް ކުޅޭނެ ތާރީޙް ކަނޑައަޅާނީ އިންތިޒާމް ކޮމެޓީންނެވެ.
ރެފްރީންނާއި އެސިސްޓެންޓު ރެފްރީން
މުބާރާތުގެ ރެފްރީންނާއި އެސިސްޓެންޓު ރެފްރީކަން ކުރާނީ މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން ކަނޑައަޅާ ފަރާތްތަކުންނެވެ.
އޮފިޝަލުންނާއި ކުޅުންތެރިން ފިޔަވަޅު އެޅުން
ހ. ކުޅުމުގެ ތެރޭގައި އަދި ކުޅުމުގެ ބޭރުގައިވިޔަސް މެޗްގެ އޮފިޝަލުންނާއި ދިމާކޮށް ނޭދެވޭ ހަޑިހުތުރު ބަސްތައް ބޭނުންކުރާ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ބާރު ޑިސިޕްލިނަރީ ކޮމެޓީއަށް ލިބިގެން ވެއެވެ.
ށ. މެޗް ފެށުމުގެ 15 މިނެޓް ކުރީން ފެށިގެން ޓީމްގައި ހިމެނޭ އެއްވެސް ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކުވެސް ކުޅޭ ސަރަޙައްދު ކައިރީގައި ތިބެގެންވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެކެވެ.
މައްސަލަ ހުށަހެޅުން
މެޗެއްގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ މައްސަލައެއް ނުވަތަ ޑިސިޕްލިނަރީ މައްސަލައެއް ހުށައަޅާނަމަ މެޗް ނިމިގެން 2 ގަޑިއިރުތެރޭގައި ޓީމުގެ އޮފިސަލް ސޮއިކޮށް ލިޔުމަކުން އެމައްސަލަ ކޮމެޓީއަށް ހުށަހަޅަންވާނެއެވެ.
ށ. މިދެންނެވިގޮތަށް ފިޔަވައި ހުށައަޅާ މައްސަލައެއް ބަލައެއްވެސް ނުގަނެވޭނެއެވެ.
ޑިސިޕްލިނަރީ ކޮމެޓީ
ހ. ޑިސިޕްލިނަރީ ކޮމެޓީގައި ހިމެނޭނީ އިންތިޒާމް ކޮމެޓީން ކަނޑައަޅާ 3 މެމްބަރެކެވެ.
ނޯޓް: މި ޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލު ކުރާނީ މުބާރާތުގެ އިންތިޒާމް ކޮމެޓީންނެވެ.
މުބާރާތުގައި ހޮވޭ މަޤާމުތައް
ހ. މުބާރާތުގެ ޗެމްޕިއަން ޓީމް
ށ. މުބާރާތުގެ ރަނަރއަޕް ޓީމް
ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި ހުރިހާ ޓީމެއްގެ ފުރިހަމަ އެއްބާރުލުން އިންތިޒާމް ކޮމެޓީން ބޭނުންވެއެވެ.