ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރަޖިސްޓަރީނުކޮށް ދެވޭ ސެކިއުރިޓީޒް/އިންވެސްޓްމަންޓް ޚިދުމަތްތަކަށް ސަމާލުވުމަށް އިލްތިމާސްކުރުން

އެކި ބާވަތްތަކުގެ ސެކިއުރިޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ވިޔަފާރިކޮށް، އެވިޔަފާރިން މާލީ މަންފާއެއް ހޯދައިދިނުމުގެ ޚިދުމަތްތަކެއް ދެމުން އަންނަ ފަރާތްތަކެއް ހަރަކާތްތެރިވަމުން އަންނަކަން މިއޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވެއެވެ. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު (ނަންބަރު: 2/2006)ގެ  ދަށުން، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމުގެ ޚިދުމަތް އަދި ފަންޑު މެނޭޖްކޮށްދިނުމުގެ ޚިދުމަތް ދިނުމަކީ މިއޮތޯރިޓީން ލައިސަންސް ނަގައިގެންކުރަންޖެހޭ ކަމެކެވެ.

އެހެންކަމުން، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި، އިންވެސްޓުކުރުމަށް ލަފާ ދިނުމާއި ފަންޑު މެނޭޖްކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކުރާ ފަރާތަކީ މި އޮތޯރިޓީ ކަމަށްވީ ހިނދު، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށްވެސް އިސްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓުކުރުމަށް ލަފާދިނުމާއި ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން މި އޮތޯރިޓީގެ ލައިސަންސް ނުނަގާ ޚިދުމަތް ދިނުމަކީ، މި ޤާނޫނުގެ ދަށުން މަނާ ކަމެއް ކަމުގައި އަންގައި އިޢުލާންކުރަމެވެ.

އަދި އިންވެސްޓަރުންނަށް ދަންނަވަމެވެ. ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާފަރާތަކީ ރާއްޖޭގައި އިންވެސްޓްމަންޓު ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދައޮތް ފަރާތެއްތޯއާއި ނުވަތަ އެފަދަ އިންވެސްޓްމަންޓު ފަންޑުތަކަކީ މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަންޑެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓުނުކުރުމަށް އިލްތިމާސްކުރަމެވެ.

މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މަޢުލޫމާތާއި، އިންވެސްޓުކުރުމަށް ލަފާދޭ ފަރާތްތަކުގެ މަޢުލޫމާތު، މި އޮތޯރިޓީގެ ވެބްސައިޓުގައި މިވާ ލިންކްhttps://cmda.gov.mv/en/registries  އިން ފެންނަން ހުންނާނެއެވެ. އަދި މަތީގައި ބަޔާންކޮށްފައިވާ ފަދައިން އޮތޯރިޓީގެ ލައިސަންސް ނުނަގައި މިފަދަ ކަމެއް ހިންގާކަން އެނގޭނަމަ ވީހާވެސް އަވަހަކަށް މި އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްދިނުމަށް އީމެއިލް ([email protected]) މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމަށް އެދެމެވެ.

11 ޖޫން 2024
ހޯދާ