ދިވެހިރާއްޖެ
އިޢުލާން
ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމުގެ ފުރުޞަތު ހުޅުވާލުން
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 ޖޫން 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ވޯޓު ނަގާ، ގުނާ ކޮންމެ މަރުކަޒަކަށް 1 މަންދޫބަކު ޢައްޔަނުކުރުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.
މިގޮތުން ކެންޑިޑޭޓޫންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކަށް 2015 މޭ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މޭ 25 ވާ ހޯމަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެމްބަރެއް / ވެރިއެއް ކަމުގައި ނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައި ނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއް ކަމުގައި ނުވުން.
ކެންޑިޑޭޓު މަންދޫބުންގެ އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނީ، އަންނަނިވި ތަކެތި ހަމައަށް ހުރުމުން ކަމުގައިވެސް ދެންނެވީމެވެ.
- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ޖަދުވަލް 7 ގައިވާ އިޤުރާރު (ފުރިހަމަކުރެވިފައިވާ)
- ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ފޮޓޯގެ ސޮފްޓް ކޮޕީ (ފޯމްގައި ތައްކޮށްފައިވާ ފޮޓޯ، ފޯމްގައިވާ މީހާގެ ނަމާއި، އައިޑީ ކާޑު ނަމްބަރުން ރީނޭމް ކުރެވިފައި)
- އެޕްލިކޭޝަން ފޯމްގައި ކެންޑިޑޭޓްނޫން އެހެން ފަރާތަކުން ސޮއިކުރައްވާނަމަ، ކެންޑިޑޭޓު އެފަރާތަކަށް ޕަވަރ އޮފް އެޓާރނީ ދީފައި އޮތް ކަމުގެ ސިޓީ
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ވޯޓުނަގާ، ގުނާ ކޮންމެ މަރުކަޒަކަށް ކެންޑިޑޭޓުންގެ ފަރާތުން ޢައްޔަނުކުރާ މަންދޫބުންނަށް، އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި، ހުށަހަޅުއްވަންޖެހޭ އެހެނިހެން ތަކެތި ހުށަހަޅަންޖެހޭ ގޮތް މި ދަންނަވަނީއެވެ.
- މި އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މަންދޫބުންގެ އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނީ މާލެއިންނަމަ، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށެވެ. އަދި ރަށުންނަމަ، ދިއްގަރު ކައުންސިލް އިދާރާއަށް، ރަތްމަންދޫ ކައުންސިލް އިދާރާއަށް، ވޭވަށް ކައުންސިލް އިދާރާއަށް، މުލި ކައުންސިލް އިދާރާއަށް، ނުވަތަ މަޑުއްވަރީ ކައުންސިލް އިދާރާއަށެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ވޯޓުނަގާ، ގުނާ ކޮންމެ މަރުކަޒަކަށް، ކޮންމެ ކެންޑިޑޭޓަކަށް ދޫކުރެވޭނީ 1 (އެކެއް) މަންދޫބު ފާހެވެ.
މި އިންތިޚާބުގެ ކެންޑިޑޭޓުންގެ މަންދޫބުންނަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި މ. ދިއްގަރު ދާއިރާއަށް ނިސްބަތްވާ ރަށްރަށުގެ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 މޭ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މޭ 25 ވާ ހޯމަ ދުވަހުގެ ހަވީރު 3:00 އަށެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 3:00 އަށެވެ.
އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ރަޖަބު 1436