މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ޢާންމުކޮށްފައިވާ މަޢުލޫމާތާ ގުޅޭ

          ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އާންމުކޮށްފައިވާ މަޢުލޫމާތުގައި ކަން ހިނގާދިޔަގޮތުގެ ތެދު ނޫން މަޢުލޫމާތު ހުރުމާއެކު ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

          އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވުމުގެ މަސައްކަތް ކައުންސިލް އަދި ވޭސްޓް އެންޑް ރިސޯސް މެނެޖްމަންޓް ސެންޓަރުގެ މުވައްޒަފުންނާއި، ވެލިދޫ ޕޮލިސް އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެވަގުތު ފަށާފައެވެ. ނަމަވެސް ރޯވެފައިވާ އަލިފާންގަނޑުގެ ބޮޑުމިނަށް ބަލާ މިރަށުގައި އެފަދަ އަލިފާންގަނޑެއް ކޮންޓްރޯލްކޮށް ނިއްވާލެވޭނެ ފަދަ ނިޒާމެއް ޤާއިމްވެފައި ނެތުމުން، މި ކައުންސިލުން ވެލިދޫ ޕޮލިސް މެދުވެރިކޮށް ވަގުތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ހާދިސާ ރިޕޯޓްކުރިއެވެ. ހަމައެއާއިއެކު މި ކައުންސިލަށާއި މި ރަށަށް ގިނަގޮތްގޮތުން އެހީތެރިވެދެއްވާ ރައްކައިރީގައި ހުރި ރިސޯޓްތަކަށް ގުޅައި އެހީތެރިކަމަށް އެދުނެވެ. މިގޮތުން ކުރެވުނު މަސައްކަތުން އަލިފާން ނިއްވުމުގައި އެހީތެރިވުމަށް ޝެވަލް ބްލޮންކް ރަންދެލީގެ ފަޔަރ ރެސްކިއު ލޯންޗް 13:00 ގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގެ ދެކުނު ފަރާތަށް ގާތްކޮށް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިއެވެ. ހަމައެއާއި އެކު ވެލާ ޕްރައިވެޓް އައިލެންޑް އަދި ސިޔާމް ވާލްޑްގެ ފަރާތުން 13:30 ހާއިރުންފެށިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޓީމެއް ރަށަށް ރޯވެފައިވާ އަލިފާންގަޑު ކޮންޓްރޯލްކުރުމަށް ވަޑައިގެންނެވީ 14:00 ގައެވެ. އޭރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.

          އެހެންނަމަވެސް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ހާމަކޮށްފައިވާ މަޢުލޫމާތުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އިސްދައުރެއް އަދާކޮށްފައިވަނީ އެބޭފުޅުންކަމާއި، މި ކައުންސިލުންނާއި މިރަށު ރައްޔިތުންގެ ފަރާތުން ލިބުނީ ފަނޑު އެހީތެރިކަމެއް ކަމަށް ދޭހަވާފަދަ އިބާރާތަކުން ލިޔުއްވާފައިވުމުން ހާދިސާ ހިނގައިދިޔަ ގޮތުގެ އަސްލު އޮޅޭ ކަމީ މިކައުންސިލުގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. އަދި މީގެ އިތުރުން، މި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޮޑުވެ ކޮންޓްރޯލުން ނައްޓައިގެން ދިޔުމުގެ މައިގަޑު އެއް ސަބަބަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ގެންދިޔުމަށް ހަމަޖެހިފައިވާ ކުނި ނުގެންގޮސް 9 މަހާގާތަށް ފާއިތުވެފައިވާތީ، ޖަމާވެފައިވާ ކުނީގެ މިންވަރު އިންތިހާއަށް އިތުރުވެފައި ވުމުންނެވެ.

13 މޭ 2024
ހޯދާ