މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދުއްފާރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކައުންސިލުންދޭ އެވޯޑުތަކަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

ހުޅުދުއްފާރަކީ އަލަށް މީހުން އާބާދުކުރެވިފައިވާ ރަށަކަށްވެފައި، ކޮންމެ އަހަރެއްގެ މާރޗު މަހުގެ 13 ވަނަ ދުވަހަކީ ހުޅުދުއްފާރުގެ އަހަރީ ދުވަސް ކަމުގައި ވީހިނދު، މިދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަށް މިރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެކި ރޮނގު ރޮނގުން  ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކާއި ހުޅުދުއްފާރަށް ރީތިނަން ހޯއްދަވައިދެއްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިހަނދާނީފިލާތަކަށް ނަން ހުށައެޅުމުގެ ނުވަތަ ނަން ނޮމިނޭޓްކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަމިއްލަ ފަރާތްތަކަށާއި މުވައްސަސާތަކަށާއި ކުންފުނިތައް އަދި ކްލަބް ޖަމްޢިއްޔާތަކަށްވެސް ނަން ނޮމިނޭޓްކުރެވޭނެ ކަމުގައި ދަންނަވަމެވެ.

ހަނދާނީފިލާ ދެވޭ ދާއިރާތައް:

  1. ހުޅުދުއްފާރުގެ އެކި އެކި މުއައްސަސާތަކުގައި 30 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދެވޭ "މާރާދަ އެވޯޑު"
  2. ހުޅުދުއްފާރު ރައްޔިތުންގެ ތެރެއިން ވޭތުވެދިޔަ އަހަރުތެރޭގައި އިންޓަރނޭޝަނަލް ނުވަތަ ޤައުމީ ނުވަތަ އަތޮޅު ލެވެލްގައި ބޭއްވޭ އިވެންޓަކުން ރަންވަނައެއް ނުވަތަ އެވޯޑެއް ހާޞިލްކޮށްފައިވާ ފަރާތްތަކާއި ދަރުމަވެރިންގެ ގޮތުގައި މުޖުތަމަޢަށް އަގުނުކުރެވޭފަދަ ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދެވޭ "ރަންނާ އެވޯޑު"
  3. ހުޅުދުއްފާރު ރައްޔިތުންގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކިއްސަރުވަޑާން، ތެދުއުއި ވަޑާން، ރޭނުން، ފަންވިނުން، ފެހުން، ލިޔުންތެރިކަން ފަދަ ދާއިރާތަކުން ދެވޭ "ދާންނާ އެވޯޑު"

 

ނަންހުށައަޅާނެ ނުވަތަ ނަން ނޮމިނޭޓްކުރާނެ ގޮތް

  1. މާރާދަ އެވޯޑު

ހުށައަޅަންޖެހޭ ލިޔުންތައް: އެވޯޑަށް ނަން ހުށައަޅާ ފޯމު، އައިޑީކާޑު ކޮޕީ، ވަނަވަރު (ސީވީ)، އެއް މުވައްސަސާއެއްގައި 30 އަހަރަށްވުރެ ދިގުމުއްދަތަކަށް މަސައްކަތްކޮށްފައިވާނަމަ އެމުވައްސަސާއެއްގައި 30 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކުރި ކަމުގެ ލިޔުން. އެއް މުވައްސަސާއަށްވުރެ ގިނަ މުވައްސަސާގައި މަސައްކަތްކޮށް 30 އަހަރަށްވުރެ ގިނަދުވަސްވެފައިވާނަމަ އެހުރިހާ މުވައްސަސާތަކުގެ ލިޔުން. އެވޯޑް ދިނުމުގައި މުއްދަތު ބަލާނީ އެވޯޑުދޭ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ. މި އެވޯޑު ދެވޭނީ ގިނަވެގެން ފަސް ފަރާތަކަށެވެ.)

  1. ރަންނާ އެވޯޑު

ހުށައަޅަންޖެހޭ ލިޔުންތައް: އެވޯޑަށް ނަން ހުށައަޅާ ފޯމު، އައިޑީކާޑުގެ ކޮޕީ، ވަނަވަރު (ސީވީ)، ސެޓްފިކެޓް ނުވަތަ އެވޯޑުގެ ކޮޕީ. މިއެވޯޑު ދެވޭނީ ގިނަވެގެން ފަސްފަރާތަކަށެވެ.

  1. ދާންނާ އެވޯޑު

މިއެވޯޑު ދެވޭނީ ރަށުގެ ރައްޔިތުންގެ ތެރެއިން މިދާއިރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ 5 ފަރާތަކަށެވެ.

 

މަތީގައިވާ މާރާދަ އަދި ރަންނާ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު 09 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލަމެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނަމަ [email protected] އަށް މެއިލްކުރެއްވުމަށްފަހު މިއިދާރާއަށް މެއިލް ލިބުނުކަން ކަށަވަރުކުރެއްވުމަށް ދަންނަވަމެވެ. އެވޯޑަށް ނަން ހުށައަޅާ ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޭޕްރިލް 2024
ހޯދާ