ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓް ދޫކުރުމަށް ހުޅުވާލުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެދަށުން، ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓް ތެރެއިން، ހއ ދިއްދޫ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 125 ހައުސިންގ ޔުނިޓާއި ހއ. ދިއްދުއަށް ހިޖުރަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 15 ހައުސިންގ ޔުނިޓަށް ، އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު، 2015 އެޕްރީލް 19 އިން، 2015 ޖުލައި 20 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހުޅުވާލެވިފައިވާ މުއްދަތުގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލް އިދާރާގައެވެ.

ހައުސިންގް ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު

ހއ. ދިއްދޫގެ ރައްޔިތުންގެ ތެރެއިން ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 125 ހައުސިންގް ޔުނިޓާއި ހއ. ދިއްދުއަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 15 ހައުސިންގ ޔުނިޓަކީ ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާދައްކާ ހަލާސްކުރާގޮތަށް ވިއްކުމަށް ހަމަޖެހިފައިވާ ހައުސިންގް ޔުނިޓްތަކެކެވެ.

ގޭގެއަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުސޫލު

  • ގެތައް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި -/19،000 ރ ( ނަވާރަހާސް ) ރުފިޔާ ދައްކަން ޖެހޭނެއެވެ.
  • އަދި 20 އަހަރު ދުވަހުން ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން މަހަކު -/2500 ރ (ދެ ހާސް ފަސް ސަތޭކަ) ރުފިޔާ ސަރުކާރަށް ދައްކަން ޖެހޭނެއެވެ.
  • މިގެތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން މިގެތައް މޯގޭޖް ކުރެވޭނެއެވެ.

ހއ.ދިއްދޫ ރައްޔިތުންނަށް ހުޅުވާލެވޭ 125 ގެއަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް:

  • އުމުރުން 21 އަހަރު ފުރިފައިވުން
  • ހއ. ދިއްދޫގެ ރައްވެއްސެއް ކަމުގައިވުން
  • ޖިނާއީ ހުކުމެއް ތަންފީޒް ކުރަމުންދާ ފަރާތަކަށް ނުވުން
  • ރާއްޖޭގެ އެއްވެސް ރަށެއްގައި، ތިމާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 600 އަކަފޫޓަށްވުރެ ބޮޑުގޯއްޗެއްގައި، ރަޖިސްޓަރީ ކޮށްފައިވާ ބޯހިޔާވަހިކަމެއް ނެތުން. 600 އަކަފޫޓަށް ވުރެ ކުޑަގޯއްޗެއްނަމަ، އެގޯއްޗާއި ،ގޯތީގައިވާ އިމާރާތްތައް ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން.އަދި މި ގޯއްޗަކީ، ބޭންކް ލޯނަކަށް މޯގޭޖް ކުރެވިފައިވާ ގޯއްޗަކަށް ނުވުން.
  • ރާއްޖޭގެ އެއްވެސް ރަށެއްގައި، ތިމާގެ ނަމުގައި ގޯއްޗެއްވާނަމަ، އެގޯތި، ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މިގޯއްޗަކީ، ބޭންކް ލޯނަކަށް މޯގޭޖް ކުރެވިފައިވާ ގޯއްޗަކަށް ނުވުން.
  • އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއްގެ ވެރިއަކަށްވެ، އެގޯތި ރަޖިސްޓަރީކޮށްފައިވާ އެންމެންގެ މެދުން އެއްވަރަކަށް ބަހާލުމުން،ތިމާއަށް ޖެހޭ ބައި 600 އަކަފޫޓަށްވުރެ ކުޑަވުން. އަދި އެގޯތިން ތިމާއަށްވާ ބައި، އެގޯތީގެ ބެހެނިވެރިންނަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މިގޯއްޗަކީ، ބޭންކް ލޯނަކަށް މޯގޭޖްކުރެވިފައިވާ ގޯއްޗަކަށް ނުވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ބޯހިޔާވަހިކަމެއް ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ވިއްކާލައި މީހަކަށްދީ ހަދާފައިނެތުން.
  • ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްގައި، ރަޖިސްޓަރީކޮށްފައިވާ ބޯހިޔާވަހިކަމެއް ނެތުން. 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއްނަމަ، އެގޯއްޗާއި، ގޯތީގައިވާ އިމާރާތްތައް ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މިގޯއްޗަކީ، ބޭންކު ލޯނަކަށް މޯގޭޖްކުރެވިފައިވާ ގޯއްޗަކަށްނުވުން.
  • ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި ގޯއްޗެއްވާނަމަ، އެގޯއްޗެއް ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން.އަދި މިގޯއްޗަކީ، ބޭންކް ލޯނަކަށް މޯގޭޖް ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ހއ. ދިއްދޫއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ 15 ގެއަށް އެދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް.

  • އުމުރުން 21 އަހަރު ފުރިފައިވުން
  • ދިވެހި ރައްޔިތަކަށްވުން
  • ހއ.ދިއްދޫއަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތަކަށްވުން
  • ޖިނާއީ ހުކުމެއް ތަންފީޒްކުރަމުންދާ ފަރާތަކަށްނުވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ބޯހިޔާވަހިކަމެއް ނުވަތަ 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައި މީހަކަށްދީ ހަދާފައިނެތުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ބަންޑާރަ ގޯއްޗެއް ނުވަތަ ބޯހިޔާ ވަހިކަމެއް ލިބިފައިވާނަމަ އެގޯއްޗަކާއި އެބޯހިޔާވަހިކަމެއް ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން.އަދި ރާއްޖޭގެ އެއްވެސް ރަށަކުން ތިމާގެ އަނބިމީހާ/ފިރިމީހާއަށް ބަންޑަރަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަވެސް އެގޯއްޗާއި، ބޯހިޔާވަހިކަމެއް، ސަރުކާރަށް ދޫކޮށްލާ ތިމާގެ އަނބިމީހާ/ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން.އދި މިއިން ގޯއްޗަކީ، ބޭންކް ލޯނަކަށް މޯގޭޖްކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ހއ.ދިއްދޫ ރައްޔިތުންނަށް ހުޅުވާލެވޭ 125 ގެ ދޫކުރުމުގައި އިސްކަންދެވޭނެ ފަރާތްތައް ބެލުމަށްޓަކައި ޕޮއިންޓް ދެވޭނެ އުސޫލު:

  • އުމުރުން 21 އަހަރާއި 30 އަހަރާ ދެމެދު: 07 ޕޮއިންޓް
  • އުމުރުން 30 އަހަރުން މަތި: 10 ޕޮއިންޓް
  • 18 އަހަރު ނުފުރޭ 1 ނުވަތަ 2 ދަރިން ތިބިނަމަ: 05 ޕޮއިންޓް
  • 18 އަހަރު ނުފުރޭ 3 ނުވަތަ 4 ދަރިން ތިބިނަމަ: 07 ޕޮއިންޓް
  • 18 އަހަރު ނުފުރޭ 4 ދަރިންނަށްވުރެ ގިނައިން ތިބިނަމަ: 10 ޕޮއިންޓް
  • ވަރިވެފައި/ފިރި ނުވަތަ އަނބި މަރުވެފައި: 05 ޕޮއިންޓް
  • އެކުގައި ދިރިއުޅޭ 60 އަހަރުން މަތީގެ މަންމަޔަކު ނުވަތަ ބައްޕަޔަކު ބަލަމުންދާ ފަރާތެއްނަމަ: 05 ޕޮއިންޓް
  • އެކުގައި ދިރިއުޅޭ 60 އަހަރުން މަތީގެ މަންމަ އަދި ބައްޕަ ބަލަމުންދާ ފަރާތެއްނަމަ: 07 ޕޮއިންޓް
  • ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއްނަމަ އަދި ޚާއްޞަ އެހީއަށްބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ: 07 ޕޮއިންޓް
  • ތިމާގެ ނަމުގައި އަދި ތިމާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް  ބޯހިޔާވަހިކަމެއް ނެތްނަމަ: 15 ޕޮއިންޓް
  • ތިމާގެ ނަމުގައި ލިބިފައިވާ ގޯތި 600 އަކަފޫޓަށްވުރެ ކުޑަނަމަ: 08 ޕޮއިންޓް
  • ތިމާގެ އަނބިމީހާ/ ފިރިމީހާއަށް ލިބިފައިވާ ގޯތި 600 އަކަފޫޓަށްވުރެ ކުޑަނަމަ: 05 ޕޮއިންޓް
  • ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ގޯތި، ދަރިންގެ މެދުން ބަހާލުމުން، ތިމާއަށް ލިބޭ ބިމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ ކުޑަނަމަ: 10 ޕޮއިންޓް
  • ތިމާގެ އަނބިމީހާ/ ފިރިމީހާގެ މަންމަގެ ނުވަތަ ބައްޕަގެ ގޯތި، ދަރިންގެ މެދުން ބަހާލުމުން ، ތިމާގެ އަނބިމީހާ/ ފިރިމީހާއަށް ލިބޭ ބިމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ ކުޑަނަމަ: 08 ޕޮއިންޓް

ހއ ދިއްދޫއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ 15 ގެ ދޫކުރުމުގައި އިސްކަންދެވޭނެ ފަރާތްތައް ބެލުމަށްޓަކައި ޕޮއިންޓްދެވޭނެ އުސޫލު:

  • އުމުރުން 21 އަހަރާއި 35 އަހަރާ ދެމެދު: 10 ޕޮއިންޓް
  • އުމުރުން 35 އަހަރުން މަތި: 07 ޕޮއިންޓް
  • ތިމާގެ ނަމުގައި އަދި ތިމާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ބޯހިޔާވަހި ކަމެއްނެތްނަމަ: 15 ޕޮއިންޓް
  • ޑިޕްލޮމާ ފެންވަރަށް ތަޢުލީމް ހާސިލު ކޮށްފައިވާނަމަ: 07 ޕޮއިންޓް
  • ޑިގްރީ/ މާރސްޓަރ ޑިގްރީ/ ޕީ.އެޗް.ޑީ ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާނަމަ: 15 ޕޮއިންޓް
  • ދިއްދޫއަށް -/100،000 ރ(އެއްލައްކަ) އަށްވުރެ ބޮޑު އިންވެސްޓެއް ކޮށްފައިވާނަމަ: 10 ޕޮއިންޓް
  • ދިއްދޫގެ ސަރުކާރުގެ މުއައްޞަސާއެއްގެ މަޤާމެއްގައި މިހާރު މަސައްކަތް ކުރަމުންދާތާ 1 އަހަރު ވެފައިވުން: 10 ޕޮއިންޓް

މާނަ ކުރުމާއި އިތުރު މަޢުލޫމާތު

  • "ގޯތިދޫކޮށްލުން" މާނަކުރަނީ ގޯތީގައިވާ ރުއްގަހާއި، ކޮށްފައިވާ މަސައްކަތާއެކުގައި، އިތުރު ބަދަލަކައި ނުލައި ދޫކޮށްލުމަށް
  • ތިމާގެ ނަމުގައި ގޯއްޗެއް ރަޖިސްޓަރީކޮށްފައިވާނަމަ، ތިމާއަށް ލިބިފައިވާ ގޯތި ސަރުކާރަށް ދޫކޮށްލަން ބޭނުންވާކަން ބަޔާންކޮށް ލިޔެ ސޮއިކޮށްފައިވާ ސިޓީ،ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅުން.
  • ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯއްޗެއްވާނަމަ އެގޯއްޗެއް ސަރުކާރަށް ދޫކޮށްލަން ބޭނުންވާކަން ބަޔާންކޮށް ލިޔެ ސޮއިކޮށްފައިވާ ސިޓީ، ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅުން.
  • ބޯހިޔާވަހިކަން މާނަކުރުމުގައި ގެއާއި ރޯހައުސްއާއި ފުލެޓް ހިމެނެއެވެ.
  • ތިމާގެ ނަމުގައި ގޯއްޗެއް ރަޖިސްޓަރީކޮށްފައިވާނަމަ، ތިމާއަށް ލިބިފައިވާ ގޯއްޗާއި، އަދި އެ ގޯތީގައި ބޯހިޔާވަހިކަމެއް ނުވަތަ އިމާރާތެއްވާނަމަ، އެބޯހިޔާވަހިކަމާއި އިމާރާތެއް ސަރުކާރަށް ދޫކޮށްލަން ބޭނުންވާކަން ބަޔާންކޮށް ލިޔެ ސޮއިކޮށްފައިވާ ސިޓީ، ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅުން (ހއ.ދިއްދޫއަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް) 
  • ތިމާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާނަމަ، ތިމާގެ އަނބިމީހާ/ ފިރިމީހާއަށް ލިބިފައިވާ ގޯއްޗާއި އަދި އެ ގޯތީގައި ބޯހިޔާވަހިކަމެއް ނުވަތަ އިމާރާތެއްވާނަމަ އެ ބޯހިޔާވަހިކަމާއި އިމާރާތެއް ސަރުކާރަށް ދޫކޮށްލަން ބޭނުންވާކަން ބަޔާންކޮށް ތިމާގެ އަނބިމީހާ/ ފިރިމީހާ ލިޔެ ސޮއިކޮށްފައިވާ ސިޓީ، ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅުން ( ހއ.ދިއްދޫއަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް ) 
  • ތިމާއަކީ ޚާއްޞައެހީއަށް ބޭނުންވާ މީހަކީނަމަ ނުވަތަ ތިމާ ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާނަމަ، އެކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިއުމެއް ހުށަހަޅަންވާނެއެވެ.
  • 60 އަހަރުން މަތީގެ މުސްކުޅި މަންމަ ނުވަތަ/އަދި ބައްޕަ ބަލަމުންދާނަމަ އެކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެރަސްމީ ލިއުމެއް ހުށަހަޅަންވާނެއެވެ.
  • ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ނުވަތަ މުސްކުޅި މަންމަ ނުވަތަ/އަދި ބައްޕަ ބަލަމުންދާކަމުގެ ލިޔުން އެއް އާއިލާއެއްގެ އެކަކަށްވުރެ ގިނަފަރާތުން ހުށަހެޅިނަމަވެސް މި ޕޮއިންޓް ދެވޭނީ، މި ލިއުން ހުށަހެޅި އާއިލާގެ މެމްބަރުންގެ މެދުން އެއްބަސްވެވޭ އެއް މެންބަރަކަށެވެ. މިކަމުގައި މިލިއުން ހުށަހެޅި އާއިލާގެ މެންބަރުންނަށް އެއްގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ މި ޕޮއިންޓް ލިބޭފަރާތް، ގުރުއަތުލައިގެން، ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. ނުވަތަ އެ މިނިސްޓްރީއިން ކަނޑައަޅުއްވާ ފަރާތަކުންނެވެ.
  • އުމުރު ހަމަވާކަން ބަލާނީ ފޯމު ހުށަހެޅި ތާރީޚަށެވެ.
  • ހުހަޅާ ތަޢުލީމީ ސެޓްފިކެޓަކީ ނުވަތަ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ.
  • އިންވެސްޓް ކޮށްފައިވާ މިންވަރު ކަނޑައަޅުއްވާނީ މިގެތަކަށް ފޯމުދޫކުރުމާއި ފޯމުބަލައިގަނެ ޕޮއިންޓް ދިނުމުގެ މަސައްކަތް ހިންގެވުމަށް އެކުލަވާލާ ކޮމިޓީންނެވެ.
  • "ވަރިވެފަވުން" ކަމަށްބެލެވޭނީ މި ގެތަށް ދޫކުރުމަށް އިޢުލާންކުރުމުގެ ކުރިން، ކޯޓް މަރުހަލާގައި ވަރި ސާބިތުކޮށް ނިމިފައިވާނަމައެވެ.
  • ދިއްދޫ ސަރުކާރުގެ މުޢައްސަސާއެއްގައި މަސައްކަތްކުރަމުންދާނަމަ، އެކަން ބަޔާންކޮށްދީފައިވާ އެ އިދާރާގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • މައިން ބަފައިންގެ ގޯތި ދަރިންގެ މެދުން ބަހާލުމުން ތިމާއަށް ނުވަތަ ތިމާގެ އަނބިމީހާ/ ފިރިމީހާއަށް ލިބޭ ބައިގެ ބޮޑުމިން ބަލައި ކަނޑަ އަޅުއްވާނީ ރަށު ކައުންސިލުންނެވެ.
  • މި ހައުސިންގ ޔުނިޓްތަކަށް ވަކިވަކިން ކުރިމަތިލުމުގެ ފުރުޞަތު، ދެމަފިރިންނަށްވެސް ލިބިދެއެވެ.
  • ހައުސިންގ ޔުނިޓެއް ލިބުމަށް ދެމަފިރިންވެސް ހޮވިއްޖެނަމަ ހަވާލުކުރެވޭނީ 1 ހައުސިންގ ޔުނިޓެވެ.
  • ހައުސިންގ ޔުނިޓެއް ލިބުމަށް ދެމަފިރިންވެސް ހޮވިފައި ވުމުގެ ސަބަބުން ހަވާލުކުރެވޭ ހައުސިންގ ޔުނިޓް ދެމަފިރިންގެ ނަމުގައި ނުވަތަ ދެމަފިރިން އެއްބަސްވާ ގޮތެއްގެ މަތިން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ހަވާލުކޮށް ރަޖިސްޓަރީ ކޮށްދެވިދާނެއެވެ. މިކަމުގައި ދެމަފިރިންނަށް ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ ހައުސިންގ ޔުނިޓް ހަވާލުކުރާނެ ފަރާތެއް ގުރުއަތުލައިގެން، ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. ނުވަތަ އެ މިނިސްޓްރީއިން ކަނޑައަޅުއްވާ ފަރާތަކުންނެވެ.
  • ލިޔެ ބަޔާންވެފައިނެތް ކަމަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމާނީ މި ހައުސިންގ ޔުނިޓްތައް ލިބޭފަރާތްތައް ކަނޑައެޅުމުގެ މަސައްކަތަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގައި އެކުލަވައިލާފައިވާ ކޮމިޓީން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޝްވަރާއާ އެކުގައެވެ. ނުވަތަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖުމާދަލްއާޚިރާ 1436

19 އޭޕްރިލް 2015
ހޯދާ